އަލުން ނޫސްވެރިކަމުގެ ދާއިރާއަށް ނުކުތުމަށް އެޓާނީ ޖެނެރަލްގެ (އޭޖީ) އޮފީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންގެ މަގާމުން ހުސައިން ހަސަން އިސްތިއުފާދެއްވައިފިއެވެ.
ހުސައިންގެ މަސްއޫލިއްޔަތުތައް ދެން އަދާކުރައްވާނީ އެހެން ބޭފުޅެއްކަން އެންގެވުމަށް އޭޖީ އޮފީހުގެ މީޑިއާ ގްރޫޕަށް ހުސެއިން މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އޭނާ އޭޖީ އޮފީހުގެ ވަޒީފާއިން އަމިއްލައަށް އެދިގެން ވަކިވެފައިވާ ކަމަށެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން ހުސެއިން ވިދާޅުވީ، އޭނާ އޭޖީ އޮފީހުން ވަކިވާން ނިންމީ އަމިއްލަ މަސައްކަތެއް ކުރަން ކަމަށާއި މަގާމުން އިސްތިއުފާދޭން ނިންމާފައިވާކަން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތަށް އަންގާފައިވާނެ ކަމަށެވެ.
"އަޅުގަނޑު ބޭނުމީ އަމިއްލަ މަސައްކަތެއްކުރަން، އަޅުގަނޑަކީ ކުރިން ނޫސްވެރިއެއް. އަށް އަހަރު ވަންދެން އަޅުގަނޑު ނޫސްވެރިކަން ކުރިން. މީޑިއާ ކައުންސިލުން ދޭ އެވޯޑާއި އެ ކައުންސިލުގެ މެމްބަރުކަން ވެސް އަޅުގަނޑު ކުރިން. އެނބުރި އަޅުގަނޑު ދާން ބޭނުންވަނީ ނޫސްވެރިކަންކުރަން،" ހުސެއިން ވިދާޅުވިއެވެ.
ކުރިން ރާއްޖޭ ޓީވީއާއި ސަން އޮންލައިންގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ހުސެއިން މިހާރު ވެސް އަންނަނީ އޭނާގެ ނަމުގައި ނޫހެއް ރަޖިސްޓްރީކޮށް އެ ނޫސް ހިންގުމުގެ މަސައްކަތް ކުރަމުންނެވެ.
ސިޔާސީ މަގާމެއްގެ ގޮތުގައި އޭޖީ އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމަށް ހުސައިން އައްޔަންކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. ހުސައިންގެ މަސްއޫލިއްޔަތަކީ އެޓަނީ ޖެނަރަލްގެ އޮފީހުގެ މަސައްކަތްތަކުގެ ދާއިރާގައި ހިމެނޭ ކަންކަން، މީޑިއާތަކާއި ނޫސްވެރިންނަށް ހިއްސާކުރުމެވެ.
ހުސެއިން ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ޑިޕްލޮޕާ އިން ޖާނަލިޒަމް ހާސިލުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު