އެއްފަޔާއެކު ފުޓުބޯޅަ ކުޅެން ހުއްޓައި ދައުރުވި ވީޑިއޯއަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދި، ކުޑަކުޑަ އަހުމަދު ޝަވަން މުހައްމަދު މަސްނޫއީ ފަޔެއް ޖަހަން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އެހީވާން ނިންމައިފިއެވެ.

ހދ. މަކުނުދުއަށް އުފަން ޝަވަންގެ މަންމަ އައިޝަތު ވިޝާ "ވަން" އަށް މިއަދު ބުނީ، އެންސްޕާއިންނާއި ހެލްތު މިނިސްޓްރީންނާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ޖެންޑާ މިނިސްޓްރީގެ އިތުރުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީވެސް މިއަދު ފޯނުން ގުޅުއްވައި ކަންކަން އޮޅުން ފިލުއްވި ކަމަށެވެ.

ވިޝާ ބުނީ މަސްނޫއީ ފަޔެއް ޖަހަން އެންސްޕާއިން އެހީވާން ނިންމައި ޝަވަންގެ ހުރިހާ ލިޔެކިޔުންތައް ފޮނުވަން އެދުނު ކަމަށެވެ. ނަމަވެސް މިކަން ހަމަޖެހޭނީ ކޮންދުވަހަކު ކަމެއް ނޭނގޭ ކަމަށް ބުންޏެވެ.

"މި ހުރިހާ ބޭފުޅުންވެސް އަޅުގަނޑަށް ގުޅާފަ ވިދާޅުވީ ފަޔެއް ޖަހަން އެހީތެރިވާނަމޭ. އެއީ އެންސްޕާ މެދުވެރިކޮށް އެބޭފުޅުންގެ މަސައްކަތުން މިކަން މިވީ. ވަރަށް ބޮޑަށް ޝުކުރުވެރިވަން އެކަމަށް،" އޭނާ ބުންޏެވެ.

ވިޝާ ބުނީ މިވާހަކަ އަޑު އިވުމުން ޝަވަން ވަރަށް ބޮޑަށް އުފާވި ކަމަށާއި އެހެން ކުދިންހެން އުޅެވޭނެ މަގު ތަނަވަސްވުމަކީ އޭނާ އަބަދުވެސް ބޭނުންވާ ކަމެއް ކަމަށެވެ.

ޝަވަން އަކީ އުފެދުމުގައިވެސް ނުކުޅެދުންތެރިކަން ހުރި ކުއްޖެކެވެ. ބަނޑަށް ފަސް މަހުން ޝަވަން ނަގަންޖެހުނީ މާބަނޑު އިރު ދިމާވި ސިއްހީ މައްސަލައަކުން ކަން ވިޝާ ފާހަގަކުރިއެވެ.

ވިޝާ ބުނީ ޝަވަންގެ އުމުރުން އެއް އަހަރުގައި މަސްނޫއީ ފަޔެއް ޖަހަން މަސައްކަތް ކުރި ނަމަވެސް އިތުރު އޮޕަރޭޝަނެއް ކޮށްގެން ނޫނީ އެކަން ވާން ނެތުމުން ނުކުރީ ކަމަށެވެ. އަދި އޭރު ޝަވަންގެ އުމުރުން ހަގުވުމުން އިތުރު ތަކުލީފެއް ދޭން ބޭނުން ނުވާތީ ނުކުރީ ކަމަށްވެސް ބުންޏެވެ.

ވިޝާ ބުނީ އޭގެ ފަހުންވެސް ފަޔެއް ޖަހަން ދާން ބޭނުންވިޔަސް އެވަރުގެ މާލީ ތަނަވަސްކަމެއް ނެތް ކަމަށެވެ. ނަމަވެސް މިއަދު ސަރުކާރުން މިކަމަށް އެހީވާން ނިންމުމުން ވަރަށް ބޮޑަށް އުފާވެ އެކަމަށް ޝުކުރުވެރިވާ ކަމަށްވެސް ބުންޏެވެ.