ރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ ގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ އަށް ޔުނައިޓެޑް ނޭޝަންސް އޮން ދަ ލޯ އޮފް ދަ ސީގެ ދަށުން ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލު ކޮށްފައިވާކަން ރައްޔިތުންގެ މަޖިލީހާ މިހާތަނަށް ހިއްސާ ކޮށްފައިނުވާ ކަމަށް އެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
ޗާގޯސް މައްސަލައާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތާ ދެ ބޭފުޅުން ރޭ ބޭއްްވި ނޫސް ކޮންފަރެސްގައި އެ މައްސަލައިގެ ލިއެކިޔުންތައް ފެބްރުއަރީ 17، 2022 ގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ވިދާޅުވިއެވެ.
އެކަން ދޮގުކޮށް މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ މައްސަލައިގައި މިހާތަނަށް ރާއްޖެ ހިފަހައްޓަމުން އައި ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުވި ސިޓީއާއި އދ.ގެ ޖެނަރަލް އެސެމްބަލީގައި ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށްފައިވާކަން މިހާތަނަށް މަޖިލީހާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.
އައިސީޖޭން ނިންމި ނިންމުން ތަންފީޒުކޮށް، ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައި ގަރާރަށް ރާއްޖެއިން ތާއީދުކޮށް ވޯޓުލާން ނިންމިކަންވެސް މަޖިލީހާ ހިއްސާނުކުރާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މޮރިޝަސްގެ އިމުގެ މައްސަލައަކީ ދިވެހި ދައުލަތުގެ ސިޔާދަތާ ގުޅުން ހުރި ކަމަކަށްވާތީ އަމިއްލަ ފަރާތަކުން މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާ ކުރުމަށް އެޓާނީ ޖެނަރަލާއި އެ އޮފީހުގެ ކަމާ ގުޅޭ ބޭފުޅުންނާ ބައްދަލުކުރަން އެ އޮފީހަށް ދެ ސިޓީއެއް ފޮނުވި ކަމަށާއި އަދި އެކަމާ ގުޅިގެން އެ މައްސަލަ ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ މައުލޫމާތު ހިމަނައިގެން، ދެ ސިޓީއެއް އޭޖީ އޮފީހުނުް މަޖިލީހަށް ފޮނުވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް އެ މައްސަލައިގެ އަޑުއެހުންތައް ބޭއްވުމާ ހަމައަށްވެސް އެ ލިޔެކިޔުންތަކުގެ ސިއްރު ހިފަހައްޓަންޖެހޭ ކަމަށް އެންގުމުގެ އިތުރަށް އެއްވެސް މައުލޫމާތެއް މަޖިލީހާ ހިއްސާ ނުކުރާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.
"ގާނޫނުއަސާސީއާއި ކަމާގުޅޭ ގާނޫނުތަކާއި އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ރައްްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ ކަންކަން ހުށަހެޅުމަށްޓަކައި އޮންނަ އިޖުރާއަތުތަކާއި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ނުވަތަ ރައްޔިތުންގެ މަޖިލީހުން ކަމެއް ފާސްކުރެއްވުމަށް އޮންނަ އިޖުރާއަތުތައް އޮޅޭ ގޮތަށް މަސްއޫލު ފަރާތްތަކުން މައުލޫމާތު ނުފެތުރުމަށް އިލްތިމާސް ކުރަމެވެ،" މަޖިލިސް އިދާރާގެ ބަޔާނުގައިވެއެވެ.