ޚަބަރު

ޗާގޯސް ހޯދަން ލިބުނު ފުރުސަތު ގެއްލުވާލީ ޔާމީންގެ ސަރުކާރުން: ޝާހިދު

މުހައްމަދު އިޝާން

ރާއްޖޭގެ ބައެއްގެ ގޮތުގައި ޗާގޯސް ހޯދުމުގެ ފުރުސަތު ގެއްލުވާލީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އާއި މޮރިޝަސް ދެމެދުގައި މެރިޓައިމް ބައުންޑަރީ ކަނޑައެޅުމަށް އެދި މޮރިޝަސްއިން ވަނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފައެވެ. އެ ދައުވާއާ ގުޅިގެން ރާއްޖޭގެ ވަރަށް ގިނަ ސިޔާސީ ފަރާތްތަކުންނާއި އާންމުން ބުނަމުން ގޮސްފައިވަނީ ޗޯގޯސްއަކީ ކުރިން ރާއްޖޭގެ ބައެއް ކަމަށާއި އެތަން އަނބުރާ ހޯދުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

ޗާގޮސް މައްސަލައިގައި ސަރުކާރަށް އެންމެ ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވަނީ ޔާމީންއެވެ. ޔާމީން ވިދާޅުވެފައިވަނީ ޗާގޯސް މައްސަލައިގައި ރާއްޖެއިން މޮރިޝަސްކޮޅަށް ވޯޓު ދޭން ނިންމީ އިންޑިއާގެ ނުފޫޒުން އެގައުމުގެ މަންފާއަށް ކަމަށެވެ. އަދި ވިދާޅުވެފައިވަނީ މި ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް، ބޭރު ބަޔަކަށް ވިއްކާލާފައިވާ ކަމަށާއި ދެން އެ ސަރަހައްދު އަނބުރާ ރާއްޖެއަށް ނުހޯދޭނެ ކަމަށެވެ.

ޗާގޯސް މައްސަލައިގައި ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޔާމީން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައިފައެވެ. ޝާހިދު ވިދާޅުވީ ޗާގޯސް ހޯދުމުގެ ފުރުސަތު ރާއްޖެ ލިބިފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށެވެ. މިހާރު އެ ފުރުސަތު ގެއްލިފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، 2017 ވަނަ އަހަރު ޗާގޯސްއާ ގުޅޭ ގޮތުން އދ. ނެގި ވޯޓުގައި ދެކޮޅަށް ވޯޓު ދިނުން ފިޔަވައި އިތުރު އެއްވެސް ކަމެއް އޭރުގެ ސަރުކާރުން ކޮށްފައިނުވާ ކަމަށެވެ.

"ރައީސް ޔާމީން ހިތުގެ އަޑިން ދައްކާ ވާހަކާގައި އިހުލާސްތެރިކަމެއް އޮތްނަމަ އިންޓަނޭޝަނަލް ކޯޓަށް ވަޑައިގަންނަވާނެ. ނަމަވެސް އެ އެއްވެސްކަމެއް ނުކުރައްވާ. އޭރުވެސް މިއީ ރާއްޖޭގެ ތަނެއް ކަމަށް ގަބޫލެއްނުކުރައްވާ. އޭރު އެ ފުރުސަތު އެ ގެއްލުނީ،" ޝާހިދު ވިދާޅުވިއެވެ.

ޗާގޯސް އަކީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ތަނެއްތޯ ބަލާއިރު އެންމެ ދުވަސްވީ ލިޔުމަކަށް އޮތީ ހަސަން ނުވަ ވަނަ ރަސްގެފާނުގެ ލިޔުމެއް ކަމަށާއި އޭނާ އަކީ މާތްވެގެންވާ އިސްލާމް ދީން ދޫކުރައްވައި ކްރިސްޓިއަން ދީން ހިޔާރުކޮށް ގޯވާގައި ހުރެ ދިވެހި ދައުލަތާ ދެކޮޅަށް ޕޯޗުގޯޒުން ފޮނުވައި ދިވެހިން ކްރިސްޓިއަން ދީނަށް ވައްދަން އުޅުއްވި ބޭފުޅެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. އެ ރަސްގެފާނު އެ ވާހަކަތައް ދެއްކެވީ އަޅުވެތިކަމުގެ ތެރެއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވީ، ރާއްޖޭގެ މަސްވެރިން ޗާގޯސްއިން މަސްވެރިކަން ކުރިކަމުގެ ހެއްކެއް ފިޝަރީޒް މިނިސްޓްރީން އަދި ކޯސްޓްގާޑުގެ ފަރާތުން ވެސް ލިބިފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ ޗާގޯސް ސަރަހައްދުގައި ދިވެހި ރައްޔިތުން ދަތުރުކޮށް ހެދިކަމުގެ ހެއްކެއް ވެސް ނެތް ކަމަށެވެ.

"ހެއްކެއް ނެތް ކަމެއްގައި ކިހިނެއްތޯ އެއްވެސް ކޯޓެއްގައި ސާބިތު ކޮށްދޭނީ. ފިޝިން ރައިޓްސް އަކީ އިކުއި ޑިސްޓެންސް ލައިން އެޖަސްޓު ކުރުމަށް ބޭނުން ކުރެވޭ ހައްގެއް. އެކަމަކު އެ ހައްގު އޮތް ކަން ސާބިތު ކޮށްދޭން ޖެހޭ،" ރިފްއަތު ވިދާޅުވިއެވެ.

ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުފައިވަނީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ މީހުން ޗާގޯސްއަށް ދަތުރުކޮށް ހެދި ކަމަށާއި އަދި ދެކުނުގެ މަސްވެރިން ވެސް ޗާގޯސް ކަނޑުގެ ސަރަހައްދުން މަސްވެރިކަންކޮށް ޗާގޯސްގައި އޮޑިއަޅާ ކަމަށެވެ.

ރާއްޖޭގެ ތާރީހު ދިރާސާކުރައްވާ ބައެއް ފަރާތްތަކުން ވެސް ވަނީ ޗާގޯސްއަކީ ރާއްޖޭގެ ބައެއްކަމަށް ބެލުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވައިފައެވެ.