ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަމުން ދަނިކޮށް ވިލިމާލޭގެ ފަރަށް އެރި ސެލްފު އެލިވޭޓިން ޕްލެޓްފޯމް (އެސްއީޕީ) އިން ފަރަށް ލިބުނު ގެއްލުން، އެ މަސައްކަތް ކުރާ ކުންފުނި އެފްކޮންސް އިން ކުރި ސާވޭ ނިންމާލައި ރިޕޯޓު އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާ ހަވާލުކޮށްފިއެވެ.
ތިލަމާލެ ބުރިޖުގެ މަސައްކަތަށް ބޭނުންކުރަމުން އައި އެ ޕްލެޓްފޯމް ފަރަށް އަރާފައިވަނީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ދަންވަރު 2:45 ހާއިރެވެ. އެ ޕްލެޓްފޯމް ފުންކޮށްފައިވަނީ އެ މަހުގެ 27 ވަނަ ދުވަހުއެވެ. ޕްލެޓްފޯމް ފުން ކުރެވެމުން މިދިޔަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު އީޕީއޭއިން ވަނީ ފަރަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ސާވޭ ކުރަން ފަށައިފައެވެ.
އީޕީއޭގެ ސާވޭ ގަބޫލު ނުކުރާނެ ކަމަށްބުނެ އެފްކޮންސް އިން ވަނީ އަމިއްލައަށް ސާވޭއެއް ކޮށްފައެވެ. އެކަމަކު އީޕީއޭއިން ބުނީ އެފަދަ ބޮޑެތި މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކުން ހަދާ ސާވޭތައް ގަބޫލު ނުކުރާނެ ކަމަށެވެ. އަދި ސަރުކާރުން ގަބޫލު ކުރާނީ ސަރުކާރުގެ ކަމާގުޅޭ އިދާރާއިން ހަދާ ސާވޭގެ ރިޕޯޓު އެކަނި ކަމަށް މީގެ ކުރިން އީޕީއޭއިން ވަނީ ބުނެފައެވެ.
އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް "ވަން" އަށް މިއަދު ވިދާޅުވީ އެފްކޮންސްގެ ސާވޭ ނިންމައި ރިޕޯޓު އެ އެޖެންސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެފްކޮންސްގެ ރިޕޯޓާ ގުޅިގެން އީޕީއޭއިން އެކުންފުންޏާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
ނަމަވެސް ނައީމް ވިދާޅުވީ އިތުރު އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށެވެ. އަދި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ ގާނޫނީ ކަންކަން މިހާރު ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ގާނޫނީ މަރުހަލާ މިހާރު ކުރިއަށްދަނީ. މިކަން ނިމި ފިޔަވަޅު އެޅޭނީ ކޮން ދުވަހަކުން ކަމެއް ބުނަން އަދި ދަތި. އެކަމަކު އިއުލާންކޮށްލާނަން އަޅާނެ ފިޔަވަޅުތައް." އޭނާ ވިދާޅުވިއެވެ.
ނައީމް މީގެ ކުރިން "ވަން" އަށް ވިދާޅުވި ގޮތުގައި ގާނޫނީ ގޮތުން އެފްކޮންސްއާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް ފަސްނުޖެހޭނެ ކަމަށެވެ. އަދި ގާނޫނީ ފިޔަވަޅު އަޅާނީ ސަރުކާރުގެ ކަމާގުޅޭ އިދާރާއަކުން ސާވޭކޮސް ތައްޔާރުކޮށްފައިވާ ރިޕޯޓުގެ މައްޗަށް ބެލުމަށްފަހު ކަމަށްވެސް ވިދާޅުވިއެވެ.
އެފްކޮންސް އިން ތަރައްގީކުރާ ބުރިޖުގެ ޕްލެޓްފޯމު ފުންކުރަން 12 ދުވަސް ނެގި އިރު، ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން އެ ސަރަހައްދަށް ވަމުންދިޔަ ގެއްލުމާ މެދު ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އީޕީއޭއިިން ވިލިމާލޭ ފަރު ސާވޭ ކުރުމަށްފަހު ވަނީ ފަރުގެ ފޮޓޯތަކެއް އާންމުކޮށްފައެވެ. އެ ފޮޓޯތަކުގެ ތެރެއިން އެއް ފޮޓޯއިން ފެންނަނީ ސާވޭ ކުރާ ޓީމުގެ މެމްބަރަކު ވަޅުގަނޑުގެ ތެރެއަށް ފީނައި ކޮޅަށް ހުންނަ މަންޒަރެވެ. ފޮޓޯއިން ފެންނަ ގޮތުގައި އޭނާ ހުރީ ވަޅުގަނޑުގެ އެންމެ ފުނުގައެވެ.
ދެން އާންމުކުރި ފޮޓޯތަކުން ފެންނަނީ ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ފަރު ކަނޑައިގެން ގޮސްފައިވާ ތަންތަނެވެ. އެ ވަޅުތަކުގެ ފުންމިނާއި އަދި ފުޅާ މިނާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް އީޕީއޭއިން ހާމައެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު