ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދެކުނު އިންޑިއާ ސަރަހައްދުގެ ޖެނެރަލް ސޭލްސް އޭޖެންޓް (ޖީއެސްއޭ)އަކަށް ގްލޯބަލް އޭވިއޭޝަން ސާވިސަސް ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައިފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ބުނީ ގްލޯބަލް އޭވިއޭޝަން ސާވިސަސްއާ ގުޅިގެން ކުރިއަށް ގެންދާ ޕާޓްނާޝިޕްގެ ދަށުން އެ އެއާލައިންގެ ބައިނަލްއަގުވާމީ އޮޕަރޭޝަން ހަރުދަނާކޮށް، ދެކުނު އިންޑިއާ ސަރަހައްދުގެ އުދުހުންތަކުގައި މޯލްޑިވިއަންގެ ދައުރު ފުޅާކުރުމަށް އެހީތެރިވާނެ ކަަމަށެވެ.

މީގެ 47 އަހަރު ކުރިން، 1975 ވަނަ އަހަރު ހިދުމަތް ދޭންފެށި ގްލޯބަލް އޭވިއޭޝަން ސާވިސަސް އިން އަންނަނީ މުޅި އިންޑިއާގެ 16 ތަނެއްގައި 41 އޮފީހެއް ގާއިމުކޮށް ހިދުމަތް ދެމުންނެވެ. އަދި ގްލޯބަލްގެ ޕްރައިމަރީ ވިޔަފާރީގައި އެއާލައިންތައް ތަމްސީލު ކުރަމުން އަންނަ އިރު، ޕަސިންޖަރުންނާއި ކާގޯ ޖީއެސްއޭގެ ގޮތުގައި އިންޑިއާގެ 14 އެއާލައިނެއް ތަމްސީލުކުރެއެވެ.

ގްލޯބަލް އޭވިއޭޝަން ސާވިސަސްއަކީ އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަނުން (އައިއޭޓީއޭ)ގެ ސެޓްފިކެޓް ލިބިފައިވާ ފުރަތަމަ ޖެނެރަލް ސޭލްސް އެންޑް ސާވިސް އޭޖެންޓެވެ. އައިއޭޓީއޭގެ އިތުރުންވެސް އެހެނިހެން ބައިނަލްއަގުވާމީ ޖަމިއްޔާތަކުގައި މެމްބަރެއްގެ ގޮތުގައިވެސް އެ ކުންފުނި ހިމެނެއެވެ.