ކުވެއިތު ފަންޑުގެ އެހީގައި ރާއްޖޭގެ ހަތް ރަށެއްގައި ހެދުމަށް ހަމަޖެހިފައިވާ ހޮސްޕިޓާތަކަށް އަލުން ބިޑަށް ހުޅުވާލައިފިއެވެ.
ރާއްޖޭގެ ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް ހެދުމަށް އެންމެ ފުރަތަމަ ބިޑަށް ހުޅުވާލީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ. ނަމަވެސް އެ ފަހަރު ހުށަހެޅި އަގުތައް ބޮޑުވެ ބިޑުތައް ވަނީ ބާތިލުކޮށްފައެވެ.
މި ހޮސްޕިޓަލްތައް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަލުން ބިޑު ހުށަހެޅުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ހުޅުވާލައިފައެވެ. ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހެވެ.
ފިނޭންސް މިނިސްޓްރީން އަލުން ކުރި އިުލާނުގައި ބުނެފައިވަނީ އެ ހޮސްޕިޓަލްތައް ހަދަން ޝައުގުވެރިވާ ކުންފުނިތަކުން ބިޑު ސެކިއުރިޓީގެ ގޮތުގައި ކޮންމެ ހޮސްޕިޓަލަކަށް 35،000 ޑޮލަރު ނުވަތަ އެއާއި އެއްވަރަށް ދިވެހި ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ. މި ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
އަތޮޅުތެރޭގައި ދެވޭ ސިއްހީ ހިދުމަތްތައް ހަރުދަނާކޮށް ޓާޝަރީ ފެންވަރުގެ ހިދުމަތްތައް ލިބޭ ގޮތަށް ހަދާ މި ހޮސްޕިޓަލްތަކަށް އެންމެ ފުރަތަމަ ހުށަހެޅި ބިޑުތައް ބާތިލުކުރި ސަބަބު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ރައްޔިތުންގެ މަޖިލީހުގައި ތަފުސީލުކޮށްދެއްވައިފައެވެ. އެގޮތުން މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ އެ މަސައްކަތްތައް އަލުން ރީޓެންޑަރަށް ފޮނުވާލީ، އެ ހޮސްޕިޓަލްތައް ހެދުމަށް ބޭނުންވާ އަގު އިންޖިނިއަރުން އެސްޓިމޭޓު ކުރިވަރަށްވުރެން މާ ބޮޑުކަމަށްވާތީ ކަމަށެވެ.
ކުވެއިތު ފަންޑުން ހޮސްޕިޓާ ހެދުމަށް ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫގެ އިތުރުން ތ. ވިލުފުށި ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު