ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ފައިސާ ޖަމާކޮށްފައިވާކަމުގެ ސައްހަ ނޫން ސްލިޕްތަކެއް ބޭނުންކޮށްގެން ޅ. ހިންނަވަރު ފިހާރައަކުން މަކަރާއި ހީލަތުން ވިޔަފާރިކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ސައްހަ ނޫން ސްލިޕް ފޮނުވައިގެން ހިންނަވަރު ފިހާރައަކުން އެކި ދުވަސްމަތިން މުދާ ގަނެފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިމަހުގެ އެއްވަނަ ދުވަހު 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.
ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން އެކި ދުވަސްމަތިން އެ ފިހާރައިން 170،000 އަށްވުރެ ގިނަ ރުފިޔާގެ ވިޔަފާރި އޭނާ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، އޭނާއަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ގިނަ މައްސަލަތަކެއްގައި ޝާމިލުވެ ފުޅާ ދާއިރާއެއްގައި މިކަން ކުރަމުންދާ މީހެއްކަން ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެނގޭ ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.