ގަތަރުގެ ވޯލްޑް ކަޕާ ދެކޮޅަށް ދެކެވޭ ވާހަކަތައް ދޫކޮށްލައި، ވޯލްޑް ކަޕްގެ ކަންކަމަށް ފީފާއާއި ގަތަރަށް އެއްބާރުލުން ދިނުމަށް ދެކުނު އެމެރިކާގެ ގައުމުތަކުގެ އެފްއޭއިން ގޮވާލައިފިއެވެ.

ދެކުނު އެމެރިކާގެ ގައުމުތަކުގެ ފުޓުބޯޅައިގެ މައި އިދާރާ، ކޮންމެބޮލްއިން ނެރުނު ބަޔާކުގައި ފީފާއިން ވޯލްޑް ކަޕްގައި ވާދަކުރާ ގައުމުތަކަށް ފޮނުވި ސިޓީއަށް ތާއީދު ކޮށްފައިވެއެވެ. އެ ސިޓީއަކީ ފުޓުބޯޅައިގެ ތެރެއަށް ސިޔާސީ ކަންކަމުގެ އިތުރުން އެހެނިހެން "ކޮންޓްރަވާޝަލް" ކަންކަން ވައްދައި، ވޯލްޑް ކަޕްގެ ތެރެއިން އެކަންކަމަށް އަޑުއުފުލުން ދޫކޮށް، ފުޓުބޯޅައަށް ފޯކަސް ކުރުމަށް ގޮވާލައި، ވޯލްޑް ކަޕްގައި ކުޅޭ ގައުމުތަކަށް ފޮނުވާފައިވާ ސިޓީއެކެވެ.

ސިޓީގައި ސޮއިކޮށްފައި ވަނީ ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯއާއި އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ފާތިމާ ސަމޯރާއެވެ.

އިނގިރޭސި އެފްއޭގެ އިތުރުން ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުންވެސް ގަތަރު ވޯލްޑް ކަޕްގެ ބައެއް ކަންކަމަށް ފާޑު ކިޔައިފައިވެއެވެ. އެގޮތުން ގަތަރުން މަސައްކަތްތެރިންގެ ސިއްހީ އަދި އެހެނިހެން ޒަރޫރީ ކަންކަމުގައި އަމަލު ކޮށްފައިވާ ގޮތަށް ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އޭގެ އިތުރުން އެމްނެސްޓީ އިންޓަނޭޝަނަލްއިން ގަތަރަށް އެންމެ ބޮޑަށް ފާޑު ކިޔަނީ އެގައުމުގައި އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ނުކުރެވޭނެތީއެވެ.

އެމްނެސްޓީއާއި އިނގިރޭސި އެފްއޭއިން ވަނީ ފީފާގެ ސިޓީއަށްވެސް ފާޑު ކިޔައިފައެވެ.

ފީފާގެ ބަޔާނާއި ގުޅިގެން ކޮންމެބޮލް 10 ގައުމަކުން އެކުގައި ނެރުނު ބަޔާނެއްގައި ބުނީ ގަތަރުން މަސައްކަތް ކުރަމުންދަނީ އެގައުމުގެ މެހެމާންދާރީ ދުނިޔެއަށް ދެއްކުމަށް ކަމަށާއި، އެކަމުގައި އެކުވެ، ވޯލްޑް ކަޕަށް ފޯކަސް ކުރަން ޖެހޭ ކަމަށެވެ.

"ގަތަރުގެ ވޯލްޑް 2022 އަށް ފީފާއަށް އެއްބާރުލުން ދީ ފުޓުބޯޅައިގެ ތެރެއިން ކޮންޓްރަވާޝަލް ކަންކަން ދުރުކޮށްލަންވީ. ގަތަރުން ބޭނުންވަނީ އެގައުމުގެ މެހެމާންދާރީ ދައްކާލަން. އެގައުމުން އޮތީ ފުރިހަމަ ސްޓޭޑިއަމްތަކާއެކު ވޯލްޑް ކަޕަށް ތައްޔާރުވެފައި،" ކޮންމެބޮލްގެ ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން ކޮންމެބޮލްއިން ބުނީ ގަތަރު ވޯލްޑް ކަޕަކީ ފުޓުބޯޅައިގެ ހަގީގީ މާނަ ދުނިޔެއަށް ހާމަކޮށްދިނުމަށް މުހިއްމު މުބާރާތަކަށްވާނެ ކަމަށާއި، މުސްތަގުބަލުގެ ޖީލުތަކަށް ދައްްކަންވި މަންޒަރަކީ ދުނިޔޭގެ ބައިބައިވުންތަކާއި ތަފާތު ހިޔާލުތަކުން ފުޓުބޯޅަ ބައިބައިނުވާނެ ކަން ކަމަށެވެ.

އެންނެސްޓީ އިންޓަނޭޝަނަލްއާއި އިނގިރޭސި އެފްއޭގެ އިތުރުން ޑެންމާކު އެފްއޭއިންވެސް ގަތަރުގެ އުސޫލުތަކަށް ކިޔަމުންދާ ފާޑު، ގަތަރުގެ ފޮރިން މިނިސްޓަރު ސިފަކޮށްފައި ވަނީ "ހިޕަކްރަސީ"ގެ ގޮތުގައެވެ. ގަތަރުގެ ފޮރިން މިނިސްޓަރު ޝެއިޚް މުހައްމަދު ބިން އަބްދުލްރަހްމާން އަލް-ސާނީ ވިދާޅުވީ ގަތަރު ވޯލްޑް ކަޕް ބޮއިކޮޓް ކުރަން އެގައުމުތަކުން ގޮވާލަނީ ބޮޑު އާބާދީއެެއްގެ ވިސްނުމަށް ނުބަލައި، ވަކި ބަޔަކަށް މަންފާ ވާގޮށް ކަމަށެވެ.