ލައިފް ސްޓައިލް

ޒީނާގެ ވާހަކަ: ރިސޯޓުގައި އުޅުނަސް ގޯސްމީހަކަށްވެ ބުރުގާ ނަގާކަށް ނުޖެހޭ، ފިޓު ޖެހުނަސް ފިޓުމީހަކަށް ވެވިދާނެ"

މަރިޔަމް ޝަފާ އިބްރާހިމް

5

ފަތުރުވެރިކަމުގެ ދާއިރާއަކީ އަންހެންކުދީން އުޅުމަށް އެއްވެސް ވަރަކަށް ރައްކާތެރިކަމެއް ނެތް، ވިޔާނުދާ މީހުން އުޅޭ ދާއިރާއެއްކަމަށް ދެކޭ މީހުން އަދިވެސް މަދެއްނޫނެވެ. އަމުދުން ޖިލްބާބުގައި ބުރުގާ އަޅާ ކުދީންނަށް މިދާއިރާ ހިޔާރުކުރުމަކީ މީހުންގެ ދޫމައްޗަށް ހިލޭސާބަހަށް އެރުންފަދަ ކަމެކެވެ. އެހެންނަމަވެސް މަދު އާއިލާތަކަކުން އަދި އިތުބާރުކުރާ ފިރިން އެމީހުންގެ އަނބިންނަށް ދޭ ތަރުހީބާއި ހިތްވަރަކީ މިދާއިރާއިން އަންހެންކުދިން ފެނުމުގެ މައިގަނޑު ސަބަބެވެ. މިފަދަ ދާއިރާއަކަށް ވަދެ ބަސްބުނަން ތިބޭ މީހުންނަށް އަމަލުން ޖަވާބު ދެވޭ އަންހެންކުދިންނަކީ ފިސާރި ކެރޭ ސާބިތު ބަޔެކޭ ބުނެވިދާނެއެވެ.

ރ. އިންނަމާދޫ ފާތިމަތު ޒީނާއަކީ މިބުނިފަދަ އަންހެނެކެވެ. އިންނަމާދޫ ވަހީދާ އާދަމްކޮޔާއި އެރަށު ޖައުފަރު ހަސަނަށް ލިބުނު ހަތަރު ކުދިންގެ ތެރެއިން އެންމެ ހަގު ދަރިފުޅު ޒީނާއަކީ އެދެމީހުންގެވެސް ލޮލުގެ ނޫރެވެ. އޭލެވެލް ފާހަށްފަހު އައިޓީ ސެޓްފިކެޓްލެވެލް3 އިން ޑިސްޓިންކްޝަން ހާސިލު ކުރުމަށްފަހު ޒީނާ ވަޒީފާ ބޭނުންވީ ފަތުރުވެރިކަމުގެ ދާއިރާއިން ރިސޯޓުތަކުންނެވެ. ރިސޯޓުތަކުގެ ވަޒީފާތަކާ ބެހޭ ގޮތުން ލިޔެފައި ހުންނަ ލިޔުންތަކާއި ކުދިކުދި މައުލޫމާތުތަކާއި އެކިކަހަލަ ފޮޓޯތައް ފެންނަމުން ދިޔަވަރަކަށް ޒީނާގެ ހިތުގައި އެދާއިރާއަށް އޮތް ލޯތްބާއި ޝައުގު ދިޔައީ ދުވަހެއްދުވަހަކަށް އިތުރުވަމުންނެވެ.

އޭރު ރިސޯޓަކުން ވަޒީފާއެއް ލިބުމުގެ އިންތިޒާރުގައި ހުރެ ރ.އިންނަމާދޫ ސްކޫލްގައި ޒީނާ ދިޔައީ ކުދީންނަށް ކީރިތި ގުރުއާން އުނގަންނައިދެމުންނެވެ. އޭގެ ފަހުން ފިހާރައެއްގެ ކައުންޓަރުގައި ވަޒީފާއަދާ ކުރިއެވެ. މިހެން އުޅުމުގެ ތެރޭގައި އެތައް ފަހަރެއްގެ މަތީން އެކިތަންތަނަށް ސީވީ ފޮނުވަމުން އުއްމީދާއެކު ހުއްޓާނުލައި މަސައްކަތްކުރަމުން ގޮސް "ދިގަލި"މޯލްޑިވްސްއިން ޒީނާއަށް ވަޒީފާ ލިބުނެވެ. ޖިލްބާބު ހެދުމާއި ބުރުގާގައި ހުންނަ މަޑުމައިތިރި މިޒާޖެއްގެ ޒީނާއަށް ފަތުރުވެރިކަމުގެ ދާއިރާއަށް ވަންނަން ކުރި ހިތްވަރާއި ކުރިމަތިލާން ޖެހުނު ކަންތައްތަކަކީ އޭނާގެ ހަނދާނުން ފިލުވަން އަދިވެސް ފަސޭހަ ނޫން ކަންތައްތަކެކެވެ.

ފުރަތަމަ ރިސޯޓު، "ދިގަލި"ގެ ވަޒީފާއިން ވަކިވީ އެނޫން ގޮތެއް ނެތުމުންނެވެ. ބަލިހާލަތު ހުރި ގޮތުން އަނެއްކާވެސް ރަށުގައި މަޑުކޮށްލަން މަޖުބޫރިވިއެވެ. ގިނަގިނައިން ފިޓް ޖެހުމުގެ ސަބަބުން ޒީނާއަށް ޖެހުނީ ރިސޯޓުގެ ވަޒީފާ ދޫކޮށްލާށެވެ. އަނެއްކާވެސް ކުރީގެ ދިރިއުޅުމަށް ރަށަށް އެނބުރި އައިސް ކުދިންނަށް ޓިއުޝަން ދިނުމާއި ފިހާރައެއްގެ ކޭޝިއަރަކަށްވެސް އުޅުނެވެ. ކެފޭއެއްގެ ހުރިހާ ކަމެއްހެން ކޮށްގެން އުޅުނު ދުވަހެއްވެސް ދިޔައެވެ. އޭގެ ފަހުން ރަށުގައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރަކަށް އުޅުމަށްފަހު، އެކޮމިޓީގެ ރައީސާގެ މަގާމު ލިބުނެވެ.

އެހެންނަމަވެސް އޭރުވެސް އޭނާގެ ހިތާއި ސިކުނޑި އެދެމުން ދިޔައީ ރިސޯޓު ވަޒީފާއަށް އެނބުރިދިއުމަށެވެ. ހިތް އޮތީ ފަތުރުވެރިކަމުގެ ތެރޭގައި ކަމުން ރިސޯޓު ދިރިއުޅުމަށް ދެވޭތޯ މަސައްކަތް ކުރަން ފެށީއެވެ.

"ރަށުގެ މީހުންވެސް ވަރަށް ކިޔާނެ ރިސޯޓެއްގައި ނޫޅޭނެއޭ ރަނގަޅު އަންހެންކުއްޖަކު. ފިރިހެންކުދިންވެސް ރަނގަޅުނޫން އިރު ވަކި އަންހެންކުއްޖަކު ރަނގަޅު ވާނެހޭ. އެތާނގެ ބާތަކުން ހުރިހާ އެއްޗެއް ލިބޭނެއޭ. ކެއުމަށާއި ބުއިންތަކަށް އެއަޅާފައޭ ހުންނާނީ. ދުންފަތުގެ އިސްތިއުމާލު ކުރާނެއޭ. ވިޔާނުދާ ހުތުރު ކަންތައް ކުރާނެއޭ. ބުރުގާގަނޑުވެސް އެއްލާނެއޭ ކިޔާ ފެމިލީ މީހުން ގާތުގައިވެސް ވާހަކަ ދެއްކި މީހުން ބައިވަރު."

ޒަވާޖީ ހަޔާތެއް ފަށައިގެން ފިރިމީހާގެވެސް އެންމެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާއެކު މިހާރު "ސަން" އައިލެންޑް ރިސޯޓުގެ އައުޓްލެޓް ކޭޝިއަރަކަށް އުޅެމުން އަންނަ ޒީނާ ބުނި ގޮތުގައި އޭނާގެ ނަން ހަޑިވޭތޯ ކޮންމެ ބަޔަކު ކޮންމެ މަސައްކަތެއް ކުރިއަސް އެ ކަން ވާނެ ދުވަހެއް ނާންނާނެއެވެ. އޭނާގެ އަޒުމާއި ހިތްވަރު އެއަށްވުރެ މާބޮޑަށްވެސް ވަރުގަދައެވެ. މިއަދާ ހަމައަށްވެސް އޭނާ އެއުޅެނީ ރިސޯޓެއްގައެވެ. ކުރިންވެސް އުޅުނެވެ. ވީއިރު އަލުން ދެން ނަގާނެ ބުރުގާއެއް، ފަށާނެ ގޯސް އަމަލެއް ނޯންނާނެ ކަމުގައިވެސް ޒީނާ ބުންޏެވެ.

"ފިޓު ޖެހުނަސް، ބުރުގާ އެޅިޔަސް، ރިސޯޓެއްގައި ރަނގަޅު ވަޒީފާއެއް އަދާ ކުރެވިދާނެ. ރިސޯޓެއްގައި އުޅޭ ކޮންމެ ކުއްޖަކީ 'ކެރެކްޓާރލެސް' ކުއްޖެއް ނޫން."
ފާތިމަތު ޒީނާ

ފިރިމީހާ ހުންނަނީ އެހެން ރިސޯޓެއްގައި ކަމަށާއި އެކުގައި އެއްތަނެއްގައި ނޫޅެވުނަސް މިވަގުތު ދުރުގައި ތިބެން ޖެހުނަސް ގުޅުން ވަރަށް ރަނގަޅު ކަމަށާއި އެއްތަނަކަށް ދެވޭނެކަމުގެ އުންމީދުވެސް ކުރާކަމަށް ޒީނާ ބުންޏެވެ. ބަރާބަރަށް ފޯނުން ގުޅުން ބާއްވާ ކަމަށާއި މެސެޖުކޮށްގެންވެސް ހިޔާލުބަދަލުކޮށް، އެކުގައި ނޫޅުނަސް މުސްތަގުބަލަށް ޓަކައި ދެތަނެއްގައި ތިބެގެންވެސް މަސައްކަތް ކުރަނީ އެކަކުއަނެކަކަށް ކުރާ އިތުބާރާއި އޮންނަ ޔަގީންކަމުގެ ބޮޑުކަމުން، ދެމެދުގެ ގުޅުން ހީނަރު ނުވާނެކަން ކަށަވަރުވާތީ ކަމަށްވެސް ޒީނާ ބުންޏެވެ. ފިރިމީހާއަކީ މިދާއިރާގައި ކުރިއަށް ދާން ހިތްވަރުދޭ ބޮޑު ބާރެއްކަމަށްވެސް ޒީނާ ކިޔައިދިނެވެ.

"ވަޒީފާއަށް ސީވީ ހުށަހެޅުމުން، ފަންސާހަކަށް ސީވީއަށް ޖަވާބު ނައިސް، އިންޓަވިއު ކޮށްފަ ހުށަހެޅުންތަކަށް ދެބަސްވުމުން އެހިސާބުން ކުރިއަށް ނުދެވި، ބުރުގާއާ ނުލައި ނޫނީ ރިސޯޓުން ވަޒީފާއެއް ނުލިބޭނެކަހަލަ ކަންތައްވެސް ދިމާވިލެއް މަދެއްނޫން. ބާރާއި ނުފޫޒު ނެތި، އަމިއްލައަށް ލިބިފަ އޮންނަ ނަތީޖާތަކާއި ތައުލީމީ ލިޔުންތަކުން ހުށަހަޅާ ސީވީއަށް ބާރުދޭނެ "ބާރު"ހުރި ފަރާތެއް ނެތުމުން ފަހަށްލެވުނު، ޑަސްބިނަށް ލެވުނު، ކުޑަމިނުން ޗެކްކޮށް ނުލެވުނު ސީވީތައްވެސް މަދެއްނޫން. އެކަމަކު ހިތްވަރެއް ނޭލޭ. ވަރުބަލިވެގެން ހުއްޓައެއް ނުލަން. މިހިސާބަށް އާދެވެންދެން ހަމަ ހުއްޓާނުލައި ހިތްވަރުކުރިން. އެހެންވީމާ ހަމަކޮންމެ ކުއްޖަކަށްވެސް ވާނެ."

ރިސޯޓުތަކަށް ވަޒީފާއަށް ދާން ބޭނުންވެ، ބުރުގާ އަޅައިގެން އުޅޭތީ ދިމާވާ ހުރަސްތަކެއްގެ ސަބަބުން މާޔޫސްވާ ކުދީންނަށް ޒީނާއަކީ ނަމޫނާއެކެވެ.

"ބުރުގާ ނަގާކަށް ނުޖެހޭ. ޖިލްބާބު ބަދަލުކުރާކަށްވެސް ނުޖެހޭ. ވަޒީފާއަކީ ވަކި ކަހަލަ ސިފައަކަށް ލިބެން ޖެހޭ އެއްޗެއް ނޫން. އެ ގާބިލުކަމާއި ޝަރުތު ފުރިހަމަ ވަންޏާ ލިބޭނެ. ވަގުތު ނަގައިފާނެ. ބައެއް ފަހަރު ނުލިބިވެސްދާނެ. އެކަމަކު ހިތްވަރުކޮށްފައި ކުރިއަށް ދިޔައީމަ ވާނެ."

ޒީނާއަކީ ބަލިހާލަތު ހުރި ގޮތުން އެއްފަހަރު ހުރި ރިސޯޓުން ވަކިވެގެން އައިނަމަވެސް މިއަދު އަނެއްކާވެސް އާ ހިތްވަރަކާއެކު އެ ދާއިރާއިން ކުރިއަށްދާން އަތުކުރި އޮޅައިގެން ހުރި ހިތްވަރުގަދަ ނަމޫނާ ދިވެހި އަންހެންދަރިއެކެވެ.

"މީހުންކިޔާ ފިޓް ޖެހޭ މީހަކަށް ކޮން ރިސޯޓެއްގަހޭ އުޅެވޭނީ. ރިސޯޓު ތަންތާނގަ ނޫޅެވޭނެއޭ އެހާ ބަލި އެކަހަލަ ކަމެއް ހުންނަ މީހަކަށް. ކޮންމެ ބައްޔަކަށްވެސް ފަރުވާއެއް އޮންނަ ގޮތަށް ފިޓަށްވެސް ކޮންމެވެސް އެއް ފަރުވާ އޮންނާނެކަމަށް ގަބޫލު ކުރާން އެފަދަ މީހުން ބޭނުން ނުވަނީކަމެއް ނޫނީ ކީއްވެގެން ކަމެއް ނޭނގޭ. ބަލިމީހަކަށް ކޮން ވަޒީފާއެއްހޭ އަދާކުރެވޭނީ، ގޭގަ އިންނާށޭ ކިޔާ. އެކަމަކު ބަލިވިޔަކަސް ތަންމަތީގަ އޮންނާކަށް ނުޖެހޭ."

ޒީނާއަކީ އޭނާގެ ހާލަތު ދަނެގެން އޭނާގެ ހިތްއެދޭފަދަ ވަޒީފާއެއްގައި ކުރިއަރަމުން އަންނަ ޒުވާނެކެވެ. ފިޓް ޖެހޭތީ ރަށުން ބޭރުގައި ވަޒީފާގައި ނޫޅެވޭނެއޭ ކިޔައި އޭނާއަށް ބަސްބުނާ މީހުންނަށް ހިމޭންކަމާއެކު ފުރިހަމަ ޖަވާބެއް ދެމުން، ފިޓްޖެހުނަސް "ފިޓް"މީހަކަށް ވެވިދާނެކަން ޒީނާ އެ އަންނަނީ ދައްކަމުންނެވެ. މީހަކު ބުނާ ބަހަކަށް، ކުރާ މަލާމާތަކަށް ފުރައްސާރައަކަށް ފަސްޖެހޭވަރަށްވުރެ މާބޮޑަށްވެސް އޭނާގެ އަޒުމުގައި ޒީނާ ހުރީ ސާބިތުވެއެވެ. ޒީނާ ބުނިހެން "ފިޓު ޖެހުނަސް، ބުރުގާ އެޅިޔަސް، ރިސޯޓެއްގައި ރަނގަޅު ވަޒީފާއެއް އަދާ ކުރެވިދާނެ"ކަމާއި "ރިސޯޓެއްގައި އުޅޭ ކޮންމެ ކުއްޖަކީ 'ކެރެކްޓާރލެސް'ކުއްޖެއް ނޫން"ކަން އޭނާ އެ އަންނަނީ ފިސާރި ކެރިހުރެ ޔަގީންކަމާއެކު ސާބިތުކޮށްދެމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟