ކްލަބުގެ އޯނާޝިޕް ބަދަލުކުރުމަށް މާކެޓަށް ހުޅުވާނުލާ ކަމަށާއި، ކުރިންވެސް ބަލަމުން އަންނަ އުސޫލުން ރަނގަޅު ބަޔަކަށް ހިއްސާ ވިއްކުމުގެ ވިސްނުން އެބަހުރި ކަމަށް ފެންވޭ ސްޕޯޓްސް ގްރޫޕް (އެފްއެސްޖީ) އިން ބުނެފިއެވެ.
އެފްއެސްޖީއަކީ 2010 ވަނަ އަހަރުން ފެށިގެން ލިވަޕޫލްގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏެވެ. އެމެރިކާގެ އެފްއެސްޖީން ލިވަޕޫލްގެ މެޖޯރިޓީ ހިއްސާ ގަތީ 300 މިލިއަން ޕައުންޑްގެ އަގަކަށެވެ. އޭގެ ތެރެއިން ވަކި އިންސައްތައެއްގެ ހިއްސާ މިހާރުވެސް ކްލަބުގެ ވެރިން ވަނީ ވިއްކައިފައެވެ. އެގޮތުން އެ ކްލަބުގެ ދޭއް އިންސައްތައިގެ ހިއްސާ، އެމެރިކާގެ ބާސްކެޓް ބޯޅަ ތަރި ލެބަރޯން ޖޭމްސްވެސް ގަނެފައިވެއެވެ. އެއީ 2011 ވަނަ އަހަރުއެވެ.
ޖޭމްސްއަކީ މިހާރު އެފްއެސްޖީގެ މައިނާ ޕާޓްނަރެއްވެސް މެއެވެ. އެފްއެސްޖީއަކި އެމެރިކާގެ ބޭސްބޯޅަ ޓީމް، ބޮސްޓޮން ރެޑް ސޮކްސްގެވެސް ވެރިންނެވެ. ދާދި ފަހުން އޭސީ މިލާން ގަތް ރެޑްބާޑް ކެޕިޓަލްއަކީވެސް ލިވަޕޫލްގެ މެޖޯރިޓީ ހިިއްސާ އޮންނަ އެފްއެސްޖީގެ ހިއްސާދާރެކެވެ. އެ ކުންފުނީގެ ދަށުން ލިވަޕޫލްގެ ޕްރިންސިޕަލް އޯނަރަކީ އެމެރިކާގެ ޖޯން ޑަބްލިއު ހެންރީއެވެ.
ހެންރީ ކްލަބުގެ އޯނާޝިޕް ދޫކޮށްލަން އުޅޭ ކަމަށް ދެކެވުނު ވާހަކައަކަށް އެފްއެސްޖީން އިއްޔެ ބުނީ ހާލަތު އޮތީ މީގެ ދުވަސްކޮޅެއް ކުރިންވެސް އޮތް ގޮތަށް ކަމަށެވެ. އެއީ ލިވަޕޫލަށް އެންމެ ފައިދާވާނެ އޮފާއެއް ލިބިއްޖެނަމަ، ކްލަބުގެ ހިއްސާ ވިއްކުމުގެ ވިސްނުން ކަމަށެވެ.
އެފްއެސްޖީން ބުނެފައި ވަނީ އިނގިރޭސި ލީގުގެ ކްލަބުތަކުގެ ވެރިން ބަދަލުވަމުންދާ ދިޔުމާއެކު ލިވަޕޫލަށްވެސް ހުށަހެޅުންތައް އަންނަ ކަމަށާއި، އަބަދުވެސް ބުނަމުން އަންނަނީ އިތުރު ރަނގަޅު އޮފާއަކަށް މަރުހަބާ ކިޔާ ކަމަށެވެ. މިވަގުތުވެސް އެފްއެސްޖީން އޮތީ ކްލަބުގެ މަސްލަހަތު އިސްކޮށް، އެކަމަށް ފުރިހަމައަށް އެއްބާރުލުން ދީގެން ކަމަށްވެސް މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ލިވަޕޫލަކީ އިނގިރޭސި ފުޓުބޯޅައިގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ކްލަބެވެ. އެ ކްލަބަކީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ރަނަރަޕް ޓީމެވެ. އޭގެ އިތުރުން 2018-19 ވަނަ އަހަރު އެ ކްލަބުން ވަނީ ޗެމްޕިއަންސް ލީގު ހޯދައިފައެވެ. އަދި ދެން ޖެހިގެން އައި ސީޒަނުގައި ޕްރިމިއާ ލީގުވެސް ކާމިޔާބުކުރިއެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް