އަރަބިއްޔާގެ ސްކޫލުގެ ބައެއް ކަންކަމާ ގުޅިގެން އެ ސްކޫލުގެ ބެލެނިވެރިންގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެ ސްކޫލްގެ ބައެއް ބެލެނިވެރިންނާ ބައްދަލުކުރައްވައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަރަބިއްޔާގެ ސްކޫލުގެ ޕްރިންސިޕަލަކަށް ހުންނެވި މުހައްމަދު ޝުޖާއު، ޕްރިންސިޕަލް ފެންވަރުގައި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް ބަދަލުކޮށް އަރަބިއްޔާގެ ހިންގުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދާ ހަވާލުކޮށްފައެވެ.
އެޑިއުކޭޝަންގެ އެ ނިންމުމާ ގުޅިގެން އަރަބިއްޔާގެ ބެލެނިވެރިން ވަނީ ރޭ އިހުތިޖާޖުކޮށްފައެވެ. އަދި މިއަދުވެސް އެ ސްކޫލުގެ ބެލެނިވެރިން އިހުތިޖާޖު ކުރިއަށް ގެންގޮސްފައިވާ އިރު، ބެލެނިވެރިން ވަނީ އަރަބިއްޔާ އާ އިމާރާތާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ވެސް ފާޅުކޮށްފައެވެ.
އެ ކަންބޮޑުވުންތަކާ އެކު ބެލެނިވެރިން ވަނީ މިއަދު ހެނދުނު ވެސް އެޑިއުކޭޝަން މިނިސްޓަރާ ބައްދަލުކުރަން ގޮސްފައެވެ. ނަމަވެސް މިނިސްޓަރު ބިޒީކޮށް އުޅުއްވާތީ، ބެލެނިވެރިންނާ ބައްދަލުކުރައްވާފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިރޭ ކުރެއްވި ޓުވީޓެއްގައި ބުނީ، ޑރ. އައިޝަތު އަލީ އަރަބިއްޔާގެ ބެލެނިވެރިންނާ މިއަދު ބައްދަލުކޮށްފައިވާ ކަމަށާއި އެ ބައްދަލުވުމުގައި ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތައް ޑރ. އައިޝަތު އައްސަވާފައިވާ ކަމަށެވެ.
"މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ އެބޭފުޅުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި، އަރަބިއްޔާ ސްކޫލުގެ އާ އިމާރާތާ ގުޅޭ މައުލޫމާތު ހިއްސާކުރައްވާފައި،" އެޑިއުކޭޝަނުން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަރަބިއްޔާގެ ސްކޫލުގެ ޕްރިންސިޕަލަކަށް ހުންނެވި މުހައްމަދު ޝުޖާއު، ޕްރިންސިޕަލް ފެންވަރުގައި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް ބަދަލުކޮށް އަރަބިއްޔާގެ ހިންގުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދާ ހަވާލުކޮށްފައެވެ.
އިހުތިޖާޖުގައި ބެލެނިވެރިން ބުނަމުން ދިޔައީ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލަށް އަރަބިއްޔާ ހިންގަން ނޭނގޭނެ ކަމަށާއި އަރަބިއްޔާގެ ޕްރިންސިޕަލް އެންއައިއީއަށް ބަދަލުކުރީ "ސޭވް އަރަބިއްޔާ" ކެޕްމޭން ހުއްޓުވުމަށް މަސައްކަތް ކުރަމުންނުދާތީ ކަމަށެވެ.