ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން، ހެއްކާ ބެހޭ ގާނޫނުގައި ހިމެނޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ މާއްދާ އިސްލާހުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވައިފިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު މަޖިލީހުން ފާސްކޮށްގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި، ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ހ)ގައި ވަނީ ނޫސްވެރިޔަކަށް މީހަކު މައުލޫމާތު ދިނީ އޭނާއަކީ ކާކުކަން ހާމަނުކުރާނެ ކަމަށް އެ ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާ ނަމަ، އެ މައުލޫމާތު ދިން މީހާއަކީ ކާކުކަން އަންގައިދޭނެ ނުވަތަ ކާކުކަން އަންގައި ދިނުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ޝަރީއަތަށް ހާމަކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާއަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.
ނަމަވެސް މި މާއްދާގެ (ށ)ގައި ބުނަނީ، އެ މާއްދާގެ (ހ)ގައި އެހެން އޮތް ނަމަވެސް، މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާ އިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިން ޝަރީއަތަށް ހާމަކުރަން ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ކުރެވިދާނެ ކަމަށެވެ.
އެގޮތަށް މަޖުބޫރު ކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަކުރެވޭތޯއާއި މައުލޫމާތު ދޭ ފަރާތްތަކާ ހަމައަށް ނޫސްވެރިންނަށް ވާސިލުވުމުގެ ގާބިލުކަމަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަކުރެވޭތޯ ބަލަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ގާނޫނު އެގޮތަށް އިސްލާހު ކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އެޑިޓާސް ގިލްޑްއާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ މެމްބަރުންނާއި ނޫސްވެރިން ވަނީ މަޖިލިސް ކުރިމަތީގައި އިހުތިޖާޖު ކޮށްފައެވެ. އަދި އެކަން ބަދަލުކުރުމަށްވެސް ގޮވާލިއެވެ.
އެކަމާ ގުޅިގެން ގާނޫނަށް އިސްލާހު ގެންނަށް، ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމު މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި މަސްދަރު ހާމަކުރުމުގެ އަމުރު ނެރުމުގެ ބާރު ހައިކޯޓަށް ދޭން ވަނީ ހުށަހަޅައިފައެވެ.
އެގޮތުން އެ ބިލުގެ 136 ވަނަ މާއްދާއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން އަންގައިދޭނެ އެއްވެސް މައުލޫމާތެއް، ޝަރީއަތުގައި ކުރާ ސުވާލެއް މެދުވެރިކޮށް ނުވަތަ ހުށަހަޅާ ލިޔުމެއް ނުވަތަ އެނޫންވެސް އެއްޗެއް މެދުވެރިކޮށް ޝަރީއަތަށް ހާމަކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުުގެ މައްޗަށް މަޖުބޫރު ކޮށްގެން ނުވާނެ ކަމަށެވެ.
ނަމަވެސް ޓެރަރިޒަމްގެ ކުއްތަކާއި ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ އަމަލެއް އެކުލެވޭ ކުށެއްގެ ދައުވާއާ ގުޅޭ ޝަރީއަތެއްގައި، ނޫސްވެރިއަކަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން އަންގައިދޭ މައުލޫމާތު ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ކުރަންޖެހޭ ފަދަ ހާލަތެއް ވުޖޫދުގައިވާނަމަ، އެފަދަ އަމުރެއް ނެރެދިނުމަށް އެދި ޕީޖީއަށް އެކަމެއް ހައިކޯޓަށް ހުށަހަހެޅިދާނެ ކަމަށް ބުނެފައިވެއެވެ. އަދި ނޫސްވެރިޔާއަށް މައުލޫމާތު ދިނީ ކާކުކަން ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރުކުރާ ހާލަތެއް އޮތް ކަމަށް ފެންނަ ސަބަބުތަކާއި ހެކި ކޯޓަށް ހުށަހަޅާންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެގޮތަށް ހުށަހަޅާ މައްސަލަތަކުގައި، މަސްދަރު ހާމަނުކުރުމުގެ މަސްލަހަތަށްވުރެ އެ މައުލޫމާތު ހާމަކުރުުމުގައި އޮތް އާއްމު މަސްލަހަތު ބޮޑު ކަމަށް ހައިކޯޓަށް ބުރަވެވޭ ނަމަ މަސްދަރު ހާމަކުރުމަށް ހައިކޯޓުން އަމުރު ނެރެންވާނެ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް އެކަމަށްޓަކައި ކޯޓަށް މައްސަލަ ހުށަހެޅުމުގައި ބަލަންޖެހޭ ކަންތައްތަކާއި އަމުރު ނެރުމުގައި ބަލަންޖެހޭ ކަންތައްތައް މި ބިލުގައި ވަނީ އިތުރަށް ތަފުސީލު ކޮށްދީފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ބަލައިގަތީ އެ ވަގުތު ޖަލްސާގައި ތިއްބެވި 59 މެންބަރުންގެ ތެރެއިން 56 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު މަޖިލީހަށް ބަލައި ގަތުމުން ވަނީ އިތުރަށް ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު