ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ނައިބު ރައީސްކަމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި މައްސަލަ ދިރާސާކުރުމަށް ފަހު، އެ މަގާމަށް އައްޔަންކުރި ހއ. އިހަވަންދޫ، އާޒާދީބަހާރުގެ، މުހައްމަދު ފިރާޝަށް ރުހުންދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ފިރާޝްއަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި މައްސަލަ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ދިރާސާ ކުރުމުގެ އިތުރުން ފިރާޝް ކޮމިޓީއަށް ހާޒިރުކޮށް ކޮމިޓީގެ މެމްބަރުން ވަނީ އޭނާއާ ސުވާލުކޮށް އިންޓަވިއުކޮށްފައެވެ.

ފިރާޝްއާ ސުވާލުކުރުމަށްފަހު އޭނާއަށް ރުހުން ދޭން ކޮމިޓީން ފާސްކުރީ އެ ވަގުތު ކޮމިޓީގައި ތިއްބެވި 14 މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީން ފާސްކޮށް އެކަމާމެދު މަޖިލީހުން ގޮތެއް ނިންމުމަށް މަޖިލިސް ތަޅުމަށް ފޮނުވި މައްސަލައިގައި އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް 68 މެންބަރުންގެ ތެރެއިން 57 މެންބަރުން ވޯޓު ދިނެވެ.

ޕްރައިވަޓައިޒޭޝަން ބޯޑް އެކުލެވިގެންވަނީ ބޯޑުގެ ރައީސާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ހަތް މެމްބަރުންގެ މައްޗަށެވެ.