ދޫނިދޫ ޖަލަށް ފޯނުތަކެއް ވައްދަން އުޅުނު ފުލުހަކު ފަސް މަސްދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ އެ ހުކުމް ކުރީ، ދ. ދަނބިދޫ، ނާއިޝް، އަނަސް އަލީ އަށެވެ. އޭނާގެ މައްޗަށް ސާބިތުވީ 2020 ވަނަ އަހަރުގެ ޖުލައި މަހު ޖަލަށް ފޯނުތަކަކާއި ސިމްކާޑުތަކެއް ވައްދަން އުޅުނުކަމެވެ. އަނަސް އަލީގެ މައްސަލަ ފެންމަތިވުމުން 2020 ވަނަ އަހަރު އޭނާ ވަނީ ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައެވެ.

އަނަސްގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައި ވަނީ ޖަލަށް ވެއްދުން މަނާ އެއްޗެހިތަކެއް ޖަލަށް ވައްދަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ފުލުހުންގެ ކަސްޓޯޑިއަލް އޮފީހަށް އޭނާ ގެންގޮސް ބަލައި ފާސްކުރިއިރު، އޭނާ ލައިގެން ހުރި ޔުނިފޯމުގެ ވާތް ފަރާތުގެ ޖީބުން ނޮކިއާބައްތި ފޯނަށް ލައްވާ ބެޓަރިއެއް ފެނުނު ކަމަށާއި އޭނާ ދޫނިދޫގައި ދިރިއުޅޭ ތަނަށް ގޮސް އޭނާގެ އަތުގައި އޮތް ތަޅުދަނޑިއަކުން އޭނާގެ އަލަމާރި ހުޅުވައި ބަލައިފާސްކުރިއިރު ނޮކިއާ ފޯނަކާއި ދެ ސިމާއި ޖަލަށް ވައްދަން ޖެހޭ އެއްޗެހިތަކެއް ލިޔެފައި ހުރި 18 ނޯޓު ކަރުދާސްކޮޅު ފެނުނު ކަމަށެވެ. އޭނާ ނިދާ އެނދުގެ ބާލީސް ދަށުން ވެސް ނޮކިއާ ބްރޭންޑްގެ ފޯނެއް ފެނިފައިވާ ކަމަށް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން އަނަސް ބުނެފައިވަނީ، ދައުވާގައި ބުނާ އެއްޗެހި ހުރީ އޭނާ ދިރިއުޅޭ ތަނުގައި ކަމަށާއި އެތަކެތި ނަގާފައިވަނީ ދޫނިދޫ ޖަލަށް ވައްދަން އުޅެނިކޮށް ނޫން ކަމަށާއި އެހެންކަމުން އެ ދައުވާ އޭނާގެ މައްޗަށް ނުއުފުލޭނެ ކަމަށެވެ.

ދައުވާއަށް އަނަސް އިންކާރުކުރި ނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލައި އެ މައްސަލަ ބެއްލެވި، ގާޒީ އިސްމާއިލް ޝަފީއު ނިންމެވީ، އަނަސްގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެހެންވެ، ގާޒީ ވަނީ އަނަސް ބަންދުގައި ހޭދަކުރި 11 ދުވަސް ކެނޑުމަށް ފަހު، އޭނާގެ މައްޗަަށް ފަސް މަހާއި 19 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.