(31 އޮކްޓޯބަރުގެ އަދަދާގުޅޭ)
މުސްލިމު ޢިލުމްވެރީންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. މުސްލިމަކު ކޮންމެވެސްތަނެއްގައި އެކަހެރީން ދިރިއުޅެމުން ގެންދާއިރު ނުވަތަ މުސްލިމުންގެ އަޣުލަބިއްޔަތެއް ނެތްތަނެއްގައި އަޤައްލިއްޔާތެއްގެ ތެރޭގައި އުޅެމުންގެންދާއިރު މުސްލިމެއްގެ އިންފިރާދީ ދިރިއުޅުމެއްގެ ޙުކުމްތަކުން އޭނާއަށް ފުއްދައިލެވިދާނެއެވެ. އެކަމަކު ކޮންމެވެސް ޤައުމެއްގައި މުސްލިމުން އަކްސަރިއްޔަތެއްގެ ޙައިސިއްޔަތުން ދިރިއުޅެމުންގެންދާކަމުގައިވާނަމަ އެތަނެއްގައި އުޅޭ ކޮންމެ މުސްލިމެއްގެ އިސްލާމިއްޔަތުގެ ދާއިރާވެސް އިސްލާމީ އިޖްތިމާޢީ ދާއިރާތަކަށް ތަނަވަސްވެއެވެ. ހުސްއެކަނި ދީނުގެ ޢަޤީދާތަކަށް އިޢުތިރާފުވެ އަޅުކަމުގެ ރަސްމުތައް އަދާކޮށްލައިގެނެއް ފަރަކުނުޖެހެއެވެ. މުސްލިމު އާބާދީއެއް އޮންނަ ޤައުމެއް އިސްލާމީ ރިޔާސަތަކަށް ނުވެއްޖެކަމުގައިވާނަމަ އަދި އެޤައުމެއްގައި އިސްލާމީ ޤާނޫނު ތަންފީޒުކުރެވެމުން ނުދާކަމުގައިވާނަމަ އެއީ އިސްލާމްދީން ހުއްދަކުރާގޮތެއް ނޫނެވެ. މިއީ ދުނިޔޭގެ ދީންތަކުގެ ތެރެއިން އިސްލާމްދީނުގެ އިމްތިޔާޒީ ސިފައެކެވެ. އިސްލާމީ ޤައުމުތަކުގައި ޝަރީޢަތް ތަންފީޒުކުރުވުމުގެ ޙަރަކާތްތައް ހިނގަނީ އެހެންވެގެންނެވެ. ދާޚިލީ އަރައިރުންތައް ފެށެނީ އިސްލާމީ ޤައުމުތަކުގެ ވެރީން ހުޅަނގުން ތަރުބިޔަތު ލިބިވަޑައިގެން ތިއްބެވުމާއެކުވެސް ގޮށްމުށުބާރުގެ ބޭނުންކުރައްވައިގެން އެ ޙަރަކާތްތައް ހިންދައިލައްވައި ނައްތައިލައްވާން ބަނޑުފުޅާއި ބުރަކަށިފުޅުން އަޑުކިޔާވަރަށް ހިއްޕަވަމުން ގެންދަވާތީއެވެ.
ޣައިރުމުސްލިމުންކުރެ ބައެއްމީހުންނާއި އެފަދަ ބައެއް ޤައުމުތަކުން ސުވާލުކުރެއެވެ. އިސްލާމީ ޤައުމުތަކުގައި އެހައި ފިތުނަފަސާދަބޮޑީ ކީއްވެގެންބާވައެވެ؟ މިއަށްވުރެވެސް ބޮޑު ހައިރާންކަމެއް ލިބެނީ حــــــرمــيــــــن الشّــــريــفــيـــــن ގެ ޚާދިމުން ދީނީ ޙަރަކާތެއް ވެރިކަމުގެ ތަޚްތާ ވައިއެޅޭންވެސް ޤަބޫލުފުޅު ނުވުމުންނެވެ. ދީނީ ތަޙްރީކެއް ވެރިކަމާ ހަމަޔަށް އަތުވެއްޖެކަމުގައިވާނަމަ އެބައެއްގެ ވެރިކަން ވައްޓައިލުމުގެ ޙަރަކާތުގައިވެސް خـــادم الحــــــرميـــــن الـشّــــريــفــــين އިސްކޮށް ހުންނަވާތީއެވެ. މިސުރުގައި ހިނގައިދިޔަ ކަންތައްތަކަކީ އޭގެ ނަމޫނާއެކެވެ.
އަނެއްކޮޅުން ތުރުކިޔޭ ނަމޫނާއަކަށް ނަގަމާ ހިންގަވާށެވެ. މިސުރުގެ އިންތިޚާބީ ރައީސް محــمّـد المــــرسِــــى އާ ދެކޮޅަށް މިސުރުގެ ސިފައިންކުރި ބަޣާވަތަށް ތުރުކިޔޭގެ ރައީސް رجـب طـيـّب އުރްދުޣާން ދެކޮޅުހެއްދެވިއެވެ. ބަންގްލާދޭޝްގެ حسيـنة واجـــد ބަންގްލާދޭޝްގެ އިސްލާމީ ތަޙްރީކުގެ ޤާއިދުން ދަންޖައްސަވާން ފެށްޓެވުމުން އެކަމާދެކޮޅަށް ވަރުގަދަޔަކަށް އިޙްތިޖާޖު ކުރެއްވިއެވެ. އެންމެފަހުން ބަންގްލާދޭޝާ ސަފާރަތީގުޅުން ކަނޑުއްވައިލެއްވިއެވެ. އެކަމަކު މިފަދަ އިސްލާމީ ރޫޙެއް ދައްކައިލެއްވުމުގެ ހިތްވަރުފުޅެއް خـــادم الحــــــرميـــــن الـشّــــريــفــــين އަކަށް ލިބިވަޑައެއްނުގެންނެވިއެވެ. ޢަރަބި އެހެން ޝައިޚަކަށްވެސް އަމީރަކަށްވެސް އެކަމުގެ ތައުފީޤެއް ލިބިވަޑައެއްނުގެންނެވިއެވެ. މިސުރުގެ އިންޤިލާބުގެ ދުވަސްވަރު މިސުރުގެ އިސްލާމީ ފިކުރުގެ މީހުންނަށްވަނީ މިސުރުގެ ޖަލުތަކުގައި ނުހަނު ވަޙްޝީ އަދަބުތަކެއް ދީފައެވެ. عــبـــدالــفـتّــاح السّـيـــســى އިޚްވާނުންނަށް އަދަބުދެއްވީ އުލަށްއިންދަވައި އިރަށް ދޮންކުރައްވައިގެންނެވެ. ޖިސްމާނީ އަދި ނަފުސާނީ އަނިޔާތަކެވެ. عــبـــدالــفـتّــاح السّـيـــســى ގެ ސަރުކާރުން އިސްލާމީ ފިކުރުގެ މީހުންނަށްދިން އަނިޔާތަކަކީ ޝައްކެއްނެތްގޮތުގައި عــبـــدالــفـتّــاح السّـيـــســى އާއި އޭނާ ގެންނެވި އިންޤިލާބަށް އަތްބާރުއަޅައިދީ އެހީތެރިވި މީހުން ޖަވާބުދާރީކުރުއްވޭނެ އަނިޔާތަކެކެވެ. އަރަހުށި މާތް اللّــه ޢަދުލަށް ނިޔާކުރައްވާ ދުވަހުގައެވެ. ޤިޔާމަތްދުވަހުގައެވެ. ހިތާމަހުރި ކަމެކެވެ. އިސްލާމީ ގިނަ ޤައުމުތަކަކީ ޣައިރުޖުމްހޫރީ އަދި ވިރާސީ ވެރިކަންކުރާ ޤައުމުތަކެވެ. އެޤައުމުތަކުން ވެރިކަން ކުރާގޮތުގެ ސަބަބުން ދުނިޔޭގައި ބަދުނާމުވަނީ އިސްލާމީ އުޞޫލުތަކެވެ. އިސްލާމްދީނެވެ. މުސްލިމުންނެވެ. އިސްލާމީ ދުނިޔޭގެ މިޙާލަތަކީ ކިތަންމެހައިވެސް ހިތްދަތި އިޙްސާސުތަކެއްކުރުވާ ޙާލަތެކެވެ.
ކުޑަވެސް ޝައްކެއްނެތެވެ. ކައުސާހިބާ صـلّــــى اللّــه عـلـيــه وسـلّـــم ދެއްވައިފައިވާ ކޮންމެ ނިމުތަކީ އެކަމެއްގެ ވަގުތުއައިސް ޖެހޭއިރަށް ފުރިހަމަވާނެ ނިމުތެކެވެ. ކައުސާހިބާ ނިމުތު ދެއްވައިފައިވާ ކަންތައްތަކުގެ ތެރެއިން އެއްކަމަކީ ފަހުޒަމާނުގައި އަނެއްކާވެސް مـنــهــاج الــنـّـبـــوّة ގައި އިސްލާމީ ޚިލާފަތެއް ޤާއިމުވާނެކަމެވެ. އިތުރު ސާހިބާ صـلّــــى اللّــه عـلـيــه وسـلّـــم ގެ ޙަދީޘުފުޅުގައި އެކަމާބެހޭގޮތުން އައިސްފައިވާ ނިމުތެވެ. އީމާންކަމުގެ އަހްލުވެރީން ދިރިއުޅެމުން އަންނަނީ އެއުންމީދުގައެވެ. އިސްލާމީ ޖުމްހޫރިއްޔަތުގެ ހިތްގައިމުކަމާއި ހިތްފަހިކަމުގެ ދައުރު ދެކޭހިތްޕުޅުވާ ހެޔޮކަމުގެ އަހްލުވެރީންނަށް މިދޭތެރެއަކުން ޢަރަބިކަރަޔަށް ޖުމްހޫރިއްޔަތުގެ ބަހާރެއް އަތުވެދާނެކަމުގައި ހީފުޅުކުރެއްވިގެން ހިތްޕުޅާއި ފުރާނަފުޅުން އެބަހާރަށް މަރުޙަބާ ވިދާޅުވީވެސް އެ އުންމީދުގައެވެ. މުސްތަޤްބަލުގައި އިސްލާމީ ޚިލާފަތެއް ޤާއިމުވާނީ ޒަމާނުގެ ހަވާދިސުތަކާއި އިންޤިލާބުތަކުގެ ތެރެއިންލައިފައެވެ. އިސްލާމީ ޤައުމުތައް ހަސްނެތޭންވީވަރަކަށް ހަސްނެތުމަށްފަހުގައެވެ.
ތިރީގައިމިވަނީ ފަހުޒަމާނުގައި مـنــهــاج الــنـّـبـــوّة ގައި އުފެދޭނެ ޚިލާފަތުގެ ނިމުތުދެއްވުމުގެގޮތުން އައިސްފައިވާ ޙަދީޘުފުޅުގެ ތަރުޖަމާއެވެ.
"اللّــه سبحـانــه وتـعــالــى ރުހިވޮޑިގެންވީ މުއްދަތަކަށް ތިޔަބައިމީހުންގެ މެދުގައި ނަބީކަން ދެމިއޮންނާނެއެވެ. އެކަލާނގެ މިންވަރުފުޅުގައިވާ ވަގުތުޖެހުމުން ނަބީކަން އަރުއްވައިގަންނަވާނެއެވެ. ދެން އަންނާނީ ނުބުއްވަތާއެއްގޮތް (އެއްމަންހަޖެއްގެ) ޚިލާފަތެކެވެ. އެކަލާނގެ ރުހިވޮޑިގެންވީ މުއްދަތަކަށް އެޚިލާފަތު ދެމިއޮންނާނެއެވެ. އެއަށްފަހު އެކަލާނގެ މިންވަރުފުޅުގައިވާ ވަގުތުޖެހުމުން އެޚިލާފަތު އަރުއްވައިގަންނަވާނެއެވެ. ދެން އަންނާނީ ގަދަފަދަ ރަސްކަމެވެ. އެކަލާނގެ ރުހިވޮޑިގެންވާ މުއްދަތަކަށް އެކަން ދެމިއޮންނާނެއެވެ. އެކަލާނގެ މިންވަރުފުޅުގައިވާ ވަގުތުޖެހުމުން އެރަސްކަން އަރުއްވައިގަންނަވާނެއެވެ. ދެން އަންނާނީ ގަދަބަދަވި އިސްތިބުދާދީ ވެރިކަމެވެ. އެކަލާނގެ ރުހިވޮޑިގެންވީ މުއްދަތަކަށް އެކަން ދެމިއޮންނާނެއެވެ. އެކަލާނގެ މިންވަރުފުޅުގައިވާ ވަގުތުޖެހުމުން އެކަންވެސް އަރުއްވައިގަންނަވާނެއެވެ. އެއަށްފަހު ނުބުއްވަތާ އެއްގޮތަށް (ނަބަވީ މަންހަޖަށް) ޚިލާފަތެއް ޤާއިމުކުރައްވާނެއެވެ." (مسـنــدأحمــد)
އަޅުގަނޑުމެން ހުރިހައި މުސްލިމުން އިންތިޒާރުކުރަމުން މިގެންދަނީ އެބާއްޖަވެރި ވަގުތަށެވެ. خــلافـــة الــــرّاشــــدة އާ އެއްގޮތް ޚިލާފަތެއް ޤާއިމުވާނެކަމަށް ކައުސާހިބާ صـلّــــى اللّــه عـلـيــه وسـلّـــم ނިމުތުދެއްވައިފައިވާ ޚިލާފަތު ޤާއިމުވާނެ ވަގުތަކަށެވެ. އަޅުގަނޑުމެން އެކަމަށް އިންތިޒާރުކުރަނީ އިސްލާމީ ނިޒާމުގެ ރީތި ބުރުސޫރަ އޭރުން ފެންނާނެތީއެވެ. އެ ބަރަކާތްތެރި ރަންދައުރު ފެންނާންދެން އަޅުގަނޑުމެން އިސްލާމީ ދައުލަތްތަކުގައި މިންއަޅަމުންގެންދާނީ ކަނޑައެޅި ބަޔާންވެފައިވާ އިސްލާމީ ރިޔާސަތުގެ ގިއުގަނޑަށް އެސަރުކާރުތައް ފެތެނީ ކިހައިވަރަކަށްތޯ ބެލުމުގެގޮތުންނެވެ. ފެތެނީ ކިތައް އިންސައްތަތޯ ބެލުމަށްޓަކެއެވެ. އަޅުގަނޑުމެން އެސަރުކާރުތަކަށް ސަނާކިޔާނީ އެގިއުގަނޑަށް ފެތޭމިންވަރަކަށެވެ. ބޭނުންވެފައިވާ އަދި އެކަށައެޅިފައިވާ ގިއުގަނޑަށް ނުފެތޭކަމުގައިވާނަމަ އެނުފެތޭ ނިސްބަތަކީ އަޅުގަނޑުމެން އެސަރުކާރަކަށް ތަންޤީދުކުރާނެ ނިސްބަތެވެ. އެ ތަންޤީދަކީ ކުރުން ލާޒިމު ތަންޤީދެކެވެ. އަޅުގަނޑުމެން ތައްބައްދައިގެން ތިބޭކަމުގައިވާނަމަ، ދުނިޔޭގެ މީސްތަކުން އެސަރުކާރަކީ އިސްލާމީ ސަރުކާރެކޭ މުސްލިމުންގެ ސިޔާސީ ނިޒާމުގެ ބުރުސޫރަ ހުންނަގޮތަކީ އެއީއޭ ހީކޮށްފާނެތީއެވެ. އެގޮތުން އިސްލާމީ ނިޒާމު ބަދުނާމުކުރާނެތީއެވެ. ސަރުކާރުތަކުގެ ކުށްރަވައްޔާތައް އިސްލާމީ ތަޢުލީމާތާ ގުޅުވައިފާނެތީއެވެ. އެ އިސްތިބުދާދީ ނިޒާމާއި މުލޫކިއްޔަތާއި ވިރާސިއްޔަތު އިސްލާމީ އުޞޫލުތަކާ ގުޅުވައިފާނެތީއެވެ. އެއީ ދުނިޔޭގެ މީސްތަކުން ބަލައިގަންނަ ނިޒާމަކަށް ނުވާނެތީއެވެ. އެދައުލަތެއްގައި އިސްތިބުދާދީ ނިޒާމާއި ވިރާސީ ވެރިކަމާއި ޤައިޞަރާއި ކިސްރާގެ ޣައިރު ޖުމްހޫރީ އާޖުފާޖުހުރި ދައުލަތެއްވާނީ އިސްލާމްދީން ބަދުނާމުވުމުގެ ސަބަބެއްކަމުގައެވެ. ހިލޭމީހުން ހީނ މަލާމާތްކުރާނެ ސަބަބަކަށެވެ.
މިފަހަކަށްއައިސް ޣައިރުމުސްލިމުން އިސްލާމްވަމުންދަނީ ޞާލިޙު މުސްލިމުންނާއި ދީނުގެ ހެޔޮލަފާ މާތް އެކިއެކި ބޭބޭކަލުންގެ އިންފިރާދީ ދިރިއުޅުއްވުމާއި ޢަމަލުފުޅުތަކަށް ބަލައިގެންނެވެ. ނުވަތަ އަމިއްލަ ދިރާސާތަކުން ލިބޭ އަލިކަމުގެ ސަބަބުންނެވެ. ދުނިޔޭގެ އިޖްތިމާޢީ ނިޒާމަށް ނުވަތަ ސަރުކާރުގެ ހިންގުމުގެ އުޞޫލުތަކަށް ބޭނުންވާ ގޮތަކަށެއް އިސްލާމްދީނުގެ އިޖްތިމާޢީ ނިޒާމާއި ސިޔާސީ ނިޒާމުގެ ރީތި ނަމޫނާތަކެއް ނުދެއްކެއެވެ. مـنــهــاج الــنـّـبـــوّة ގައި އިސްލާމީ ޚިލާފަތެއް ޤާއިމުކުރެވި އިސްލާމްދީނުގެ ފުރިހަމަ ޖުމްހޫރީ ނިޒާމާއި އިންސާފުވެރިކަމާއި އަޚްލާޤީ އަގުތަކާއި ސައިންސީ ބާރުން އާރާސްތުވެފައިވާ އިޖްތިމާޢީ ހިންގުންތެރިކަމާއި ރޭވުންތެރިކަން ދުނިޔޭގެ ކުރިމައްޗަށް ހުށަހަޅައިލެވޭ ދުވަހަކުން اللّــه ގެ ދީނަށް ފައުޖުފައުޖަށް މީހުން ވަންނަތަން ފެންނާނެކަމީ ޝައްކެއްހުރި ކަމެއްނޫނެވެ. އިސްލާމްދީން ފެތުރުމުގެ މަގަށް މިހާރު އެޅިފައިވާ ހުރަހަކީ ނަމުގައި އިސްލާމީ ކަމުގައި އިސްލާމްނޫން ދައުލަތްތަކެވެ.
އިސްވެދިޔަ ބާބުތަކުގައި ތަފްސީލުކޮށް ހުށަހަޅައިލީ އިސްލާމީ ރަނގަޅު ސަރުކާރެއްގެ މީޢާރީ މިންގަނޑުތަކެވެ. އެމިންގަޑުތަކަށް ބަލާއިރު ހިތަށް ސިފަވާންއުޅެނީ މިވަގުތު ދުނިޔޭގެ އެއްވެސްތަނެއްގައި އިސްލާމީ ސަރުކާރެއް ނެތްކަމުގައެވެ. ސަޢޫދީ ޢަރަބިޔާގައި ވިޔަސްވެހެވެ. ދުނިޔޭގައި މުސްލިމުންގެ ޙައިސިއްޔަތަކީ އަނިޔާލިބޭ މީހުންގެ ޙައިސިއްޔަތެވެ. އަދުގެ ދުނިޔޭގައި މުސްލިމުންނަކީ ޙިމާޔަތް ހޯދާންއުޅޭ ބައެކެވެ. ހިޖްރަވެރީންފަދަ ބައެކެވެ. ގޮވައިލެވެނީ އިސްލާމީ ފިކުރުގެ މީހުން ހިޖްރަކުރުމަށެވެ. މުސްލިމުންނަކީ އަނިޔާލިބޭ ބައެކެވެ. އެހީތެރިޔަކު ވާވެރިޔަކުނެތް ބަޔެކެވެ. މުސްލިމުންގެ ހާލުބަލައިލާ ބަޔަކުނެތެވެ. ފަލަސްޠީނާއި مسجــد الأقــصــــى ވަނީ ޔަހޫދީންގެ އަޅުވެތިކޮށްފައެވެ. ޢަރަބި ޤައުމުތަކުންވަނީ ޔަހޫދީންގެ އިސްރާއީލާ އަތުގުޅައިލައިފައެވެ. ގުޅުން ބަދަހިކޮށްފައެވެ. ބޮޑެތި ބާރުތަކުން ގެންދަނީ އިސްލާމީ ޤައުމުތައް އެބައިމީހުންގެ ޙަމަލަތަކުގެ އަމާޒުފަތްގަނޑުތަކަކަށް ހަދަމުންނެވެ. އިހަކަށްދުވަހު އަފްޣާނިސްތާނެވެ. މިދާކަށްދުވަހު ޢިރާޤެވެ. އިސްލާމީ ޢަރަބި ޤައުމުތައް ވަރަށްގިނައެވެ. އިސްލާމީ ނަންތަކުން މުޚާޠަބުކުރެވޭ އެކަމަކު ހެޔޮތައުފީޤުން މަޙްރޫމުވެވަޑައިގެންފައި ތިއްބަވާ ވެރީންވެސް ވަރަށްގިނައެވެ. އާރެއްބާރެއްނެތް ވެރީންތަކެކެވެ. ޢިއްޒަތެއް ޙުރުމަތެއްނެތް ބޭފުޅުންތަކެކެވެ. ބޮޑެތި ބާރުތަކުގެ ވެރީންގެ ދާވަނިކޮޅު އުފުލައިދެއްވާ ބޭފުޅުންނެވެ. އަރިހުބޭކަލުން ކަނބަލުންފަދަ ބޭފުޅުންނެވެ. ގޮނޑިކޮއްކޮއިންނެވެ. އިސްތަށިފުޅުގައި ތާޖުކޮޅެއް އޮތެއްކަމަކު ބޮޑެތި ބާރުތަކުގެ ފައިބުޑުގައި ސަލާންޖައްސަވާން ތިއްބަވާ ބޭފުޅުންނެވެ. ފަރުދާގެ ފުރަގަހުން ސިޔާސަތު ރާވައި ވެރިކަންކުރަނީ އެމެރިކާނުންނެވެ. ޕެޓްރޯޑޮލަރަށް ބަލައިލާއިރު އަމީރުންނެވެ. އެކަމަކު ސައިންސާއި އިންޑަސްޓްރީގެ ނިސްބަތުން ފަޤީރުންނެވެ. ދުނިޔޭގައި ނާކާމިޔާބުވެފައިވާ ބޭފުޅުންތަކެކެވެ. އާޚިރަތުގެ ހެވެއްގެ އުންމީދެއްނެތް ބޭފުޅުންތަކެކެވެ.
މިކަން މިހެންވާންޖެހުނު އެންމެބޮޑު ސަބަބަކީ އެބޭފުޅުންނަކީ އުންމަތުގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީން އިންތިޚާބުކުރެއްވި އަމީރުންތަކެއް ނޫންކަމެވެ. ނަތީޖާއެއްގެގޮތުން އިލާހީ ފަޟުލުވަންތަކަމުގެ ހިޔާވަހިކަން ލިބިވަޑައިނުގެންނެވުމެވެ. އެބޭފުޅުންނަކީ ވެރީންކަމުގައިވާތީ ވެރިކަންވަނީ އެބޭފުޅުން ގޮއިބިމަކަށް ހައްދަވައިފައެވެ. ވާރުތަބިމަކަށް ހައްދަވައިފައެވެ. ދުނިޔޭގައި މުސްލިމުންގެ އަގުވެއްޓުމާއި ޢިއްޒަތެއް ޙުރުމަތެއް ނެތުމުގެ ޒިންމާދާރުންނަކީ އެބޭފުޅުންނެވެ. އެބޭފުޅުންނަކަށް އިސްރާއީލަކާ ކުރިމައްޗެއް ނުލެއްވެވެއެވެ. ފަލަސްޠީނު މީހުން އެބައިމީހުންގެ ބިންތަކަކު ވަޒަންވެރިޔެއް ނުކުރެއްވެވެއެވެ. ސޫރިޔާގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކުން ދިފާޢުކޮށެއް ނުދެއްވެވެއެވެ. އިސްރާއީލަކާވެސް އެމެރިކާއަކާވެސް ރަޝިޔާއަކާވެސް ހަތަރުކަޅި ހަމަކޮށެއް ނުލެއްވެވެއެވެ. ޢަރަބި އެއްވެސް ޤައުމެއްގައި ބޭރުގެ ޙަމަލައެއް ދިފާޢުކުރެވޭފަދަ އުރައްޕެއްނެތެވެ. އެހެންކަމާއެކުވެސް އެއްވެސް ޤައުމަކުން ހަތިޔާރު އުފައްދާކަށެއްވެސް އެކަށޭނަ އަހަންމިއްޔަތެއް ނުދެއެވެ. ފެންވަރު ރަނގަޅު ކާރުޚާނާތަކެއް ނުއުފައްދައެވެ. ޤައުމުތަކުގެ ވެރީން އެކަމާމެދު ވިސްނައިވަޑައިވެސް ނުގަންނަވާކަހަލައެވެ. އަނެއްކޮޅުން އަޅުގަނޑުމެން ބަލައިލާއިރު ފެންވަރު ރަނގަޅު މޮޅު ހަތިޔާރު އުފެއްދުމަކީ ކީރިތި ޤުރްއާނުގައި މުސްލިމުންނަށް ކުރައްވައިފައިވާ އަމުރުފުޅެކެވެ. ކޮންކަހަލަ އަދި ކޮންފެންވަރެއްގެ ހަތިޔާރެއްތޯއެވެ. މުސްލިމުންދެކެ ދުޝްމިނުން ޖެހިލުންވެ ބިރުވެތިވާފަދަ ހަތިޔާރެވެ. ޢަރަބި ޤައުމުތަކާއި މުސްލިމު ޤައުމުތަކުން ހަތިޔާރު ގަންނަނީ މުސްލިމުން ބަލިކޮށް ނިކަމެތިކޮށްލާން ބޭނުންވާ ދުޝްމިނުންގެ އަތުންނެވެ. އިސްރާއީލުގެ ކުރިމަތީގައި މުސްލިމުން މަތިހަށިނަގައި ހަށިފޮޅައިލިޔަނުދޭން ބޭނުންވާ ޤައުމުތަކުންނެވެ. މި ވިޔަފާރީން ފައިދާކުރަނީ ދުޝްމިނުންނަށެވެ. އެބައިމީހުންގެ އަތުގައިހުންނަ ބައު ސްޓޮކް ހުސްކޮށްލައި އައު ހަތިޔާރު އުފައްދާނެ މާލީ ތަނަވަސް ލިބުމުގެ ސިފައިގައެވެ.
ޢަރަބި ޤައުމުތަކުގެ ވެރީން އެބޭފުޅުންގެ ޤައުމުތައް ހައްދަވައިފައިވަނީ މުދާގަތުން ފިޔަވައި އެހެންގޮތެއް ނުދަންނަ ޞާރިފުންގެ ޤައުމުތަކަކަށެވެ. އިސްލާމީ ޤައުމުތަކުގެ ވެރީންގެ ނުރަނގަޅު ސިޔާސަތުގެ ސަބަބުން މުސްލިމުން ހައްތާވެސްދަނީ ބިކަވަމުންނެވެ. ބަލިކަށިވަމުންނެވެ. ބަލިބުރަވަމުންނެވެ. ބޮޑެތި ބާރުތަކުގެ ކުރިމަތީގައި ހައްތާވެސް ނުކުޅެދުމުންނެވެ. އިސްއޮބެމުންނެވެ.
(ނުނިމޭ)