ވޯލްޑް ކަޕް

ވޯލްޑްކަޕްގެ ތާރީޚު: މިހާތަނަށް ވޯލްޑްކަޕުގައި ކުޅުނު އެންމެ ފާހަގަކުރެވޭ އެންމެ މޮޅު ދިހަ ކުޅުންތެރިން

އިމާދު ލަތީފު

ވޯލްޑްކަޕުގެ ތާރީޚުގައި މިހާތަނަށް ފެނިފައިވާ އެންމެ މޮޅު ދިހަ ކުޅުންތެރިންނަކީ ކޮބައިހޭ އަހައިފިނަމަ އެކި މީހުންގެ ލިސްޓު ވަރަށް ތަފާތުވާނެއެވެ. ބަހުސްތައް ދިގުވާނެއެވެ. ކުޅިވަރެއްގެ ގޮތުގައި ފުޓުބޯޅަ ކުޅެވޭހާ ދުވަހަކު މިޒުވާބުތައް ދާނީ ކުރިއަށެވެ. ފުޓުބޯޅައަކީ އެއްވެސް ޝައްކެއްނެތި ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރެވެ. ފުޓުބޯޅައިގެ ސުޕަރ ސްޓާރުންގެ ގިނަބަޔަކީ ފަގީރުކަމުގެ ތެރެއިން ނުކުމެ މުއްސަނދިކަމާއި މަޝްހޫރުކަމުގެ ދުނިޔޭގައި ފިޔަޖަހާންފެށި ތަރިންނެވެ. ޕެލޭއާއި މަރަޑޯނާއެވެ. ދެންވެސް މިލިސްޓަށް އަރާންތިބި މީހުންނެވެ. މިއަހަރުގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް ގަތަރުގައި ފަށާއިރު މި މުބާރާތުންވެސް އެފަދަ ސުޕަރ ސްޓާރުން ފެންނާނެއެވެ. ތިރީގައި މިބަލައިލަނީ އަޅުގަނޑުގެ ނަޒަރުގައި މިހާތަނަށް ވޯލްޑްކަޕުން ފެނިފައިވާ އެންމެ މޮޅު ދިހަ ކުޅުންތެރިނަށެވެ.

ފްރާންސްގެ ޒިދާނާއި އިންގްލެންޑުގެ ގްރީވްސް

އިންގްލެންޑުގެ ޖޯޒީ ލައިގެން މިހާތަނަށް ވޯލްޑްކަޕުގައި ކުޅެފައިވާ އެންމެ މޮޅު ކުޅުންތެރިޔަކީ ވަރަށް ގިނަބަޔަކު ގަބޫލުކުރާގޮތުގައި ޖިމީ ގްރީވްސްއެވެ. އިނގިރޭސި ޖޯޒީގައި އޭނާ ގާއިމްކޮށްފައިވާ ރިކޯޑުތަކުގެ ތެރެެއިން އެއްރިކޯޑަކީ ހަ ހެޓްރިކް ހެދުމުގެ ރިކޯޑެވެ. އެއީ ފަހުން އެއްވެސް ކުޅުންތެރިޔަކަށް މުގުރައިލެވުނު ރިކޯޑަކަށް ނުވެއެވެ. ގްރީވްސް ވިދައިލީ އިނގިރޭސީންގެ ރަންޒަމާނުގައި 60ގެ އަހަރުތަކުގެ ތެރޭގައެވެ. ފްރާންސްގެ ޒިދާނަކީ ތަންކޮޅެއް ފަހުގެ ތަރިއެކެވެ. ފްރާންސަށް 98 ގެ ވޯލްޑްކަޕް ކާމިޔާބުވީ ފައިނަލްގައި ޒިދާން ޖަހައިދިން ގޯލްތަކުންނެވެ. ފަރަންސޭސި ގައުމީ ޓީމަށް ކުޅެދިން 108 މެޗުގައި 31 ގޯލް ޖަހާފައިވެއެވެ. ޒިދާނުގެ ބައިނަލްއަގުވާމީ ކެރިއަރު ނިމުމަކަށް އައީ 2006 ގެ ވޯލްޑްކަޕުގައި އިޓަލީގެ ޑިފެންޑަރު މާރކޯ މަޓެރާޒީއާ ދެމެދު ހިނގި މާރާމާރީއަކާއެކު ކަމަށްވިޔަސް އެމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް އޭނާއެވެ.

ހަންގޭރީގެ ޕުސްކާސް އާއި ޖާރމަނީގެ މަތެއުސް

ލޮތާރ މަތެއުސްއަކީ ޖާމަނީގެ ތާރީޚުގައިވެސް ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާއެވެ. ޖުމްލަ 150 މެޗުގައި 23 ގޯލް ޖަހާފައިވެއެވެ. ވޯލްޑްކަޕުގައި އެކަނިވެސް 25 މެޗު ކުޅެ ރިކޯޑު ގާއިމްކޮށްފައިވެއެވެ. ޖާމަނީއަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވާ ހަމައެކަނި ކުޅުންތެރިޔަކީވެސް އޭނާއެވެ. ޖާމަނީއަށް 90 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރެވުނީ މަތެއުސްގެ ކެޕްޓަންކަމުގެ ދަށުގައެވެ. ފެރެންކް ޕުސްކާސް ވަނީ ހަންގޭރީއަށް 85 މެޗުން 84 ގޯލް ޖަހައިދީފައެވެ. ސްޕެއިނަށްވެސް ހަތަރު މެޗު ކުޅެދީފައިވެއެވެ. ޕުސްކާސްގެ ޒަމާނުގައި ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ވަރުގަދަ ބާރަކީވެސް ހަންގޭރީއެވެ. 1954 ގެ ވޯލްޑްކަޕް ފައިނަލަކީ 10 އަހަރުގެ ތެރޭގައި ހަންގޭރީ ބަލިވި ހަމައެކަނި މެޗެވެ.

ޖާރމަނީގެ ކްލޯސާ އާއި ބްރެޒިލްގެ ރޮނާލްޑޯ

ޖާމަނީގެ މިރޮސްލާވް ކްލޯސާވަނީ ގައުމީ ޖޯޒީގައި 137 މެޗުން 71 ގޯލް ޖަހައިފައެވެ. އޭގެތެރެއިން 16 ގޯލް ޖަހައިފައިވަނީ ވޯލްޑްކަޕުގެ މެޗުތަކުގައެވެ. މިއީ ވޯލްޑްކަޕުގެ ރިކޯޑެކެވެ. ޖުމްލަ ހަތަރު ވޯލްޑްކަޕުގައި ކުޅެ 16 ލަނޑުޖަހާފައިވެއެވެ. ބްރެޒިލްގެ ރޮނާލްޑޯއަކީ ގައުމީ ޓީމަށް 98 މެޗުން 62 ގޯލް ޖަހާދީފައިވާ ފޯވާޑެކެވެ. އުމުރުން އެންމެ 17 އަހަރުގައި ބްރެޒިލްއާއެކު 94ގެ ވޯލްޑްކަޕް ކާމިޔާބުކޮށްފައިވެއެވެ. ޖެހިގެންއައި 98 ގެ ވޯލްޑްކަޕުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް ރޮނާލްޑޯއެވެ. އޭގެ ހަތަރު އަހަރުފަހުން 2002 ގެ ވޯލްޑްކަޕް ބްރެޒިލްއަށް ކާމިޔާބުކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީވެސް އޭނާއެވެ. ހަތަރު ވޯލްޑްކަޕެއްގައި ކުޅެ 15 ގޯލްޖަހައި ރޮނާލްޑޯ ގާއިމްކުރި ރިކޯޑު ފަހުން މުގުރައިލީ ޖާރމަނީގެ މިރޮސްލާވް ކްލޯސާއެވެ.

ޖާރމަނީގެ ބެކެންބާއުއާ އާއި ހޮލެންޑުގެ ކްރައިފް

ހޮލެންޑުގެ ޔޯހަން ކްރައިފަކީ ޓޯޓަލް ފުޓްބޯޅަ ފިލޯސޮފީ ހަގީގަތަކަށް ހެދުމުގެ އެއް މޭސްތިރިއެވެ. ދުނިޔޭގެ މޮޅު ކުޚުންތެރިޔާގެ މަގާމު ތިންފަހަރަށް ހޯދާފައިވެއެވެ. ގައުމީ ޖޯޒީގައި 48 މެޗުން 33 ގޯލް ޖަހާފައިވެއެވެ. އޭނާ ލަނޑު ޖެހި މެޗަކުން ހޮލެންޑް ބަލިވެފައެއް ނުވެއެވެ. ވޯލްޑްކަޕް ފައިނަލްގައި 74 ވަނަ އަހަރު ކްރައިފްގެ ހޮލެންޑް ބަލިވުމުގެ ސިއްރަކީ ޖާރމަނީގެ ޑިފެންޑަރު ފްރޭންޒް ބެކެންބާއުއާގެ އާދަޔާ ޚިލާފު ހުޝިޔާރުކަމެވެ. ބެކެންބާއުއާ ވަނީ ޖާރމަނީގެ ގައުމީ ޓީމަށް 103 މެޗުން 14 ގޯލްވެސް ޖަހައިދީފައެވެ. ކުޅުންތެރިއެއްގެ ގޮތުގައި ތަށި އުފުލާލައި އަދި ގައުމީ ކޯޗުގެ ގޮތުގައިވެސް ބެކެންބާއުއާ ވަނީ ވޯލްޑްކަޕްގެ ޓްރޮފީ އުފުލާލައިފައެވެ. އޭނާއަކީ 74 ވަނަ އަހަރު ކެޕްޓަނެވެ. ދެން 90 ވަނަ އަހަރު ކޯޗެވެ. އެހެންވީމާ ޖާރމަނީގެ އެންމެ ބޮޑު ފުޓްބޯޅަ ލެޖެންޑަކީ އޭނާއެވެ.

އާޖެންޓީނާގެ މަރަޑޯނާ އާއި ބްރެޒިލްގެ ޕެލޭ

އިންގްލެންޑާ ދެކޮޅަށް 86 ގެ ވޯލްޑްކަޕުގައި މަރަޑޯނާ ޖެހި ދެވަނަ ގޯލަކީ ވޯލްޑްކަޕުގެ ތާރީޚުގައިވެސް ފެނިފައިވާ އެންމެ މޮޅު ގޯލެވެ. އެފަހަރުގެ ވޯލްޑްކަޕް އާޖެންޓީނާ ކާމިޔާބުކުރީ މަރަޑޯނާގެ ހިންމަތާއި މިންނަތުންނެވެ. އުމުރުން އެންމެ 16 އަހަރުގައި ގައުމީ ޓީމަށް ކުޅެންފެށި މަރަޑޯނާ ރިޓަޔަރކުރިއިރު 91 މެޗުން 34 ގޯލް ޖަހާފައިވެއެވެ. މުޅިއެކު ހަތަރު ވޯލްޑްކަޕުގައި މަރަޑޯނާ ކުޅެފައިވެއެވެ. ބްރެޒިލްގެ ޕެލޭއަކީ ކާމިޔާބީގެ ގޮތުން އެފަދަ ދެވަނައެއް ނެތް ތަރިއެކެވެ. ބްރެޒިލްއާއެކު ތިންފަހަރު ވޯލްޑްކަޕް ކާމިޔާބުކޮށްފައިވެއެވެ. ބްރެޒިލްގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔަކީވެސް ޕެލޭއެވެ. ގައުމީ ޓީމަށް 92 މެޗުން 77 ގޯލް ޖަހާފައިވެއެވެ. މިއީ އަދިވެސް ބްރެޒިލްގެ ރިކޯޑެކެވެ. ޕެލޭއަކީ ފުޓްބޯޅައިގެ އެންމެ ފުރަތަމަ ސުޕަރ ސްޓާރއެވެ.