ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ 13 މިލިއަން ރުފިޔާގެ ބަދަލުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދީފައިވާ ބިމެއް އެޕްލޯ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ދީފިއެވެ.
ސިވިލް ކޯޓުން މިދިޔަ ދުވަހު ކުރި ހުކުމްގައި ބުނީ، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އެފްއޭއެމް އާއި އެޕޯލާއާ ދެމެދު ސޮއިކޮށްފައިވާ ސްޓެލްމެންޓް އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ ފައިސާ އާއި އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ ޖޫރިމާނާގެ ގޮތުގައި އަރާފައިވާ ފައިސާ އެފްއޭއެމްއިން ދައްކަމުންނުދާތީ އެ ފައިސާ އެކީ އެއްފަހަރާ ނަގައިދިނުމަށް އެދި އެޕޯލޯ ކުންފުނިން މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހު އެފްއޭއެމްއާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އެ ދައުވާއަށް އެފްއޭއެމްއިން ޖަވާބުދާރީވެފައި ވަނިކޮށް، އެޕޯލޯ ކުންފުނީގެ ޑިރެކްޓަރެއް ކަމަށްވާ މުހައްމަދު ވަހީދު (ދިގަލި) ޖާމިނުވެ މިދިޔަ ޖޫން 14 ގައި، ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ބުނެ އޮކްޓޫބަރު 31 ގައި ސިޓީއެއް ފޮނުވާފައިވެއެވެ. އެ ސިޓީގައި މުހައްމަދު ވަހީދު ބުނެފައިވަނީ އެފްއޭއެމްއިން ދައްކަންޖެހޭ އަސްލު އަދަދަކީ 45 މިލިއަން ކަމަށާއި ނަމަވެސް އެފްއޭއެމާ އެކު ވެވެނު ސެޓްލްމެންޓް އެގްރީމަންގައި ދައްކަންޖެހޭ ފައިސާއަކީ 13 މިލިއަން ރުފިޔާ ކަނޑައެޅީ ކަމަށެވެ.
މުހައްމަދު ވަހީދު ބުނެފައިވަނީ އެޕޯލޯ ކުންފުންޏަށް ދައްކަންޖެހޭ 13 މިލިއަން ރުފިޔާގެ ބަދަލުގައި ހުޅުމާލޭއިން އެފްއޭއެމަށް ކުއްޔަށް ދީފައިވާ ބިމުން 5،000 އަކަފޫޓުގެ ބިމެއް އިތުރު ކުއްޔެއް ނެގުމަކާ ނުލައި 25 އަހަރަށް ދިނުމަށް އެދޭ ކަމަށެވެ.
މުހައްމަދު ވަހީދު އެދުނު ގޮތަށް އެފްއޭއެމްއިން އެއްބަސްވެފައިވާތީ ސިވިލް ކޯޓުން ހުކުމްކުރީ ދެ ފަރާތުން އެއްބަސްވެފައިވާ ގޮތަށް 13 މިލިއަން ރުފިޔާގެ ދަރަނީގެ ބަދަލުގައި ހުޅުމާލޭއިން އެފްއޭއެމަށް ކުއްޔަށް ދީފައިވާ ބިމުން 5،000 އަކަފޫޓުގެ ބިމެއް އިތުރު ކުއްޔެއް ނެގުމަކާ ނުލައި 25 އަހަރަށް އެޕޯލާ ކުންފުންޏަށް ދިނުމަށެވެ.
ސިވިލް ކޯޓުން ވަނީ ހަމަ އެދުވަހު ވަނީ އޭޑީކޭ ހޮސްޕިޓަލަށް 1.7 މިލިއަން ރުފިޔާ ދެއްކުމަށް އެފްއޭމްގެ މައްޗަށް ހުކުމްކޮށްފައެވެ. އަދި މިދިޔަ ސެޕްޓެމްބަރު 22 ވަނަ ދުވަހު އޭޑީކޭ ޓްރޭޑިން އެންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑްއަށް 150،0000 ރުފިޔާ ދެއްކުމަށް އެފްއޭއެމްގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ޚަބަރު
ޚަބަރު