ޚަބަރު

އަރަބިއްޔާ ސްކޫލު ހިންގުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލާ ހަވާލުކޮށްފި

މުހައްމަދު އިޝާން

އަރަބިއްޔާ ސްކޫލުގެ ހިންގުމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދާ، އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކޮށްފިއެވެ.

މުހައްމަދު ސައީދާ އަރަބިއްޔާ ހިންގަން ހަވާލުކުރީ އެ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި މުހައްމަދު ޝުޖާއު، ޕްރިންސިޕަލް ފެންވަރުގައި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް ބަދަލުކުރުމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނީ، އަރަބިއްޔާ ސްކޫލު ހިންގުން ހުސެއިން ސައިދާ ހަވާލުކުރީ އެ ސްކޫލުގެ ކިޔެވުން އިތުރަށް ހަރުދަނާ ކުރުމަށާއި ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތްތައް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.

"7 ނޮވެމްބަރު 2022 އިން ފެށިގެން އަރަބިއްޔާ ސްކޫލް ހިންގުން ވަނީ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލާ ހަވާލުކޮށްފައި،" އެޑިއުކޭޝަނުން ބުންޏެވެ.

ދަރިވަރުންނަށް ފޯރުކޮށްދޭ ތައުލީމު ހަރުދަނާ ކުރުމާއި ސްކޫލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

އަރަބިއްޔާގެ ހިންގުން ހަވާލުކުރި ހުސެއިން ސައީދަކީ ތައުލީމީ ދާއިރާގައި 24 އަހަރު ހޭދަކުރައްވާފައިވާ ފަރާތެކެވެ. ހުސެއިން ސައީދު ޕްރިންސިޕަލްކަން ކުރައްވާތާ މިހާރު ވަނީ 19 އަހަރުވެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ގެނައި އެ ބަދަލުގެ ސަބަބުން އަރަބިއްޔާގެ ބެލެނިވެރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ބެލެނިވެރިން ބުނަމުންދަނީ ޝުޖާއު، އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމުން ދުރުކުރީ ބެލެނިވެރިން ކުރިއަށްގެންދާ "ސޭވް އަރަބިއްޔާ" ކެމްޕެއިން ހުއްޓުވުމަށް ޝުޖާއު މަސައްކަތް ނުކުރައްވާތީ ކަމަށެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ އަހުމަދު އަލީ "ވަން" އަށް މިރޭ ވިދާޅުވީ ޝުޖާއު އެންއައިއީއަށް ބަދަލުކުރުމާއި އެ ކެމްޕެއިނާ އެއްވެސް ގުޅުމެއް ނުވާ ކަމަށެވެ. ޝުޖާއު އެންއައިއީއަށް ބަދަލުކުރީ ޕޮލިސީތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.