އިންޑިއާގެ މަޝްހޫރު ފިލްމީ ބަތަލާ އާލިއާ ބަޓް މިއަދު ވިހައިފިއެވެ.
ރަންބީރު ކަޕޫރާއި އާލިޔާ ބަޓް އަށް މިއަދު ލިބިފައިވަނީ އަންހެން ކުއްޖެކެވެ. ރަންބީރާއި އާލިއާގެ އަލަތު ދަރިފުޅު ވިހެއުމަށް އެޗްއެން ރިލަޔަންސް ހޮސްޕިޓަލަށް ދިޔައީ މިއަދު ހެނދުނު 7:30 ގައެވެ. އަދި ރަންބީރުގެ މަންމަ ނީޓޫ ކަޕޫރާއި އާލިޔާގެ މަންމަ ސޯނީ ރަޒްދާން ވެސް ހޮސްޕިޓަލަށް ދިޔައެވެ.
އެ ދެމަފިރިންނަށް އަލަތު ދަރިއަކު ލިބުނުކަން އިއުލާންކޮށް އާލިއާ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެއީ އެ ދެމަފިރިންގެ ހަޔާތުގައި ލިބުނު އެންމެ އުފާވެރި ހަބަރެއް ކަމަށެވެ.
އާލިއާ އާއި ރަންބީރް ކައިވެނި ކުރީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ރަންބީރާއި އާލިއާ ކައިވެނިކޮށްފައިވަނީ މުމްބާއީގައި ހުންނަ އެމީހުންގެ ގޭގައެވެ. އެ ކައިވެނީގެ ކުރީކޮޅުގައި ވަނީ އާލިއާ ބަނޑުބޮޑުކަން އިއުލާންކޮށްފައެވެ.
ރަންބީރާއި އާލިއާ ލޯބީގެ ގޮތުން ގުޅުނީ ބްރާމާސްތުރާގެ ޝޫޓިންގެ ތެރެއިން 2018 ވަނަ އަހަރުއެވެ. ލޯބިވެރިންގެ ގޮތުގައި އެ ދެމީހުން ފުރަތަމަ ފެނިފައިވަނީ އެ އަހަރު ސޯނަމް ކަޕޫރާއި އާނަންދް އަހޫޖާގެ ކައިވެނި ހަފުލާގައެވެ. ނަމަވެސް އާލިއާއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ރަންބީރު އިއުލާންކުރީ 2020 ވަނަ އަހަރު ދިން އިންޓަވިއުއެއްގައެވެ.
އުމުރުން 39 އަހަރުގެ ރަންބީރަކީ ބޮލީވުޑްގައި މަޝްހޫރު ކަޕޫރު އާއިލާގެ މެންބަރެކެވެ. އޭނާއަކީ އެކްޓަރު ރިޝީ ކަޕޫރާއި ނީތޫ ސިންހްގެ ދަރިއެކެވެ. އަދި އާލިއާއަކީ މަޝްހޫރު ފިލްމު ޑިރެކްޓަރު މަހޭޝް ބަޓްގެ ދަރިއެކެވެ.