މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ދިރާގަށް 202.2 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެއެވެ.
ދިރާގުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް 627.4 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އެއީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް ލިބުނު އާމްދަނީ އަށްވުރެ އިތުރު އަދަދެކެވެ. އެގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް ލިބިފައިވަނީ 618.8 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.
ނަމަވެސް ތިންވަނަ ކުއާޓަރުގައި އެކުންފުނީގެ ހަރަދު އިތުރުވެފައިވާތީ ސާފު ފައިދާ ވަނީ ދަށްވެފައެވެ. އެގޮތުން ތިންވަނަ ކުއާޓަރުގައި އެކުންފުނީގެ ހަރަދުތަކަށް ފަހު ސާފު ފައިދާއަށް ލިބިފައިވަނީ 202.2 މިލިއަން ރުފިޔާއެވެ. އެއީ ދެވަނަ ކުއާޓަރުގައި ލިބުނު 218.4 މިލިއަނަށް ވުރެ ގާތްގަނޑަކަށް ހަތް ޕަސެންޓު ދަށް އަދަދަކެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން މިދިޔަ ކުއާޓަރުގައި ދިރާގުގެ ވިޔަފާރީގެ މައިގަނޑު ބައިތަކުން ލިބުނު އާމްދަނީ ވަނީ ރަނގަޅުވެފައެވެ. އެގޮތުން މޯބައިލް އާމްދަނީއަށް 316.8 މިލިއަން ލިބިފައިވާ އިރު ފިކްސް، ބްރޯޑްބޭންޑް އަދި އެންޓަޕްރައިސް އަށް 291.3 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އެހެނިހެން އާމްދަނީއަށް 19 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިއަހަރުގެ ދެވަނަ ކުއާޓަރާ އަޅައި ބަލާއިރު މިދިޔަ ކުއާޓަރުގައި ދިރާގުގެ ހިންގުމުގެ ހަރަދު ހުރީ ދާދި އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެގޮތުން ކުންފުނީގެ އޮޕަރޭޓިން ހަރަދުތަކަށް މިދިޔަ ކުއާޓަރުގައި 282.9 މިލިއަން ރުފިޔާ ހަރަދުވެފައިވާ އިރު، ދެވަނަ ކުއާޓަރުގައި ހަރަދަށް ހިނގާފައިވަނީ 281.9 މިލިއަން ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު