މިއަދު ކުރިއަށްދާ، އިދިކޮޅު ޕީޕީއެމް ޕީއެންސީގެ އެތެރޭގެ އިންތިހާބަކީ ވަރަށް ޑިމޮކްރެޓިކުކޮށް ކުރިއަށްގެންދާ އިންތިހާބެއް ކަމަށާއި އެ އިންތިހާބުގައި ވޯޓުލަނީ އުވަގަޝާ މެޝިންތަކަށް ނޫން ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
މާލޭ މީހުން ވޯޓުލާން ހާއްސަ ކޮށްފައިވާ ހެންވޭރު ދަނޑަށް ވަޑައިގެން ވޯޓު ލެއްވުމަށްފަހު މީޑިއާއާ ވާހަކަދައްކަަވަމުން ރައީސް ޔާމީން ވިދާޅުވީ، މި އިންތިހާބުގައި ވޯޓުލާން އަންނަ މީހުންގެ އަދަދަށް ބަލައި އިރު، ކެނޑިޑޭޓުންގެ ޝައުގުވެރިކަންވެސް ފެނިގެންދާ ކަމަށެވެ.
ދެހާސް އަށާރަ ވަނަ އަހަރު ބޭއްވި ވެރިކަންކުރާ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ސިމެންތި ގަށާ މެޝިނަށާއި ޓައްޕާއި ކޮތަޅަށް ވޯޓުލީކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، އެމްޑީޕީއަކަށް ޑިމޮކްރަސީގެ ވާހަކައެއް ނުދެއްކޭނެ ކަމަށެވެ.
"އަޅުގަނޑުމެން ޓައްޕުތަކަށް އަޅައިގެންތޯ މި ވޯޓުދެނީ؟ ގަށާ މެށިނުގައިތޯ؟ އަޅުގަނޑުމެންގެ ކަރުދާސް މިހިރީ، އަޅުގަނޑުމެންގެ ވޯޓު ކަރުދާސް އުވަގަށާ މެޝިނަކު ނެތެއްނު، ޓައްޕުތަކަކު، ބާލިދީއަކު ނޫނެއްނު މި ތަކެތި އުފުލަނީ، ދެން އެމްޑީޕީ ޑީމޮކްރަސީގެ ވާހަަކަ ނުދައްކާށޭ ބުނޭ، މުޅި ރާއްޖެ ވިއްކާލާފައެއްނު އެ އޮއްތީ، އެހެންވީމަ ލަދުހަޔާތުގެ ކަންފުޅެއްވެސް ހުރިއްޔާ އެކަހަަލަ ވާހަކަ ނުދައްކާ ތިބޭނީ ގޭގައި،" ޔާމީން ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، މި އިންތިހާބަކީ ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ބޭއްވި އެންމެ ބޮޑު އިންތިހާބު ކަމަށެވެ. އެހެންކަމުން 2023ގެ ރިޔާސީ އިންތިހާބު ޕީޕީއެމަށް ހޯދައި ދިނުމަށް އެކި ދާއިރާތަކުގައި ސިޔާސީ ހަރަކާތްތައް ހިންގުމަކީ މުހިންމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
މި އިންތިހާބުގައި އެއްވެސް ކެނޑިޑޭޓެއް ހޮވަން މަސައްްކަތް ކުރައްވާފައި ނުވާނެ ކަމަށާއި އަދި ޕީޕީއެމްގެ ލީޑާޝިޕުންވެސް އެފަދަ ކަމެއް ކޮށްފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
"ރައީސް ވަކި ކެނޑިޑޭޓަކަށް ތާއީދު ކުރަންޏާ ޕާޓީގެ ފަރާތުން ބަޔާނެއް ނުނިކުންނާނެ ދެއްތޯ؟ ރައީސް ވަކި ކެނޑިޑޭޓަކަށް ތާއީދު ކުރައްޏާ އަޅުގަނޑު މިތާ ހުރެގެން އެ ކެންޑިޑޭޓް ހޮވާނީ ދެތްތޯ؟ ރައީސަކީ މިގޮތަށް ޕާޓީ ތެރޭގައި އޮންނަ ވާދަވެރި އިންތިހާބުތަކުގައި ރައީސްގެ އެއްވެސް ދައުރެއް ނޯންނާނެ، ރައީސް ބޭނުންވާނީ މުޅި ޕާޓީގެ މަސްލަހަތު ހިފަހައްޓައިދޭން،" ރައީސް ޔާމީން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު