މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރު މުހައްމަދު ޝާފިއު އަންހެން ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލަ ސާބިތުނުވުމުން އޭނާގެ ސަސްޕެންޝަން އުވާލައިފިއެވެ.
ޝާފިއު ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރަނީ ވަގުތު ނޫހުގެ އަންހެން މުވައްޒަފަކަށެވެ. އެ މައްސަލަ އެ ނޫހުގެ ފަރާތުން ފުލުހަށްވެސް ހުށަހެޅިއެވެ. އެކަމާ ގުޅިގެން ޝާފިއު ސަސްޕެންޑްކުރަން އެމްއެމްސީން ނިންމީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.
އެމްއެމްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންހެން ނޫސްވެރިއަކަށް ޝާފިއު ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޝާފިއުގެ މައްޗަށް މައްޗަށް ސާބިތުވާ ވަރަށް ހެއްކާއި ގަރީނާ ނެތް ކަމަށް ނިންމައި މައްސަލަ ފައިލްކުރަން ފުލުހުން ނިމުމުން ޝާފިއު ސަސްޕެންޑްކުރަން ނިންމި ނިންމުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
އަދި ޝާފިއުއަށް ކުރެވުނު ތުހުމަތާ ގުޅިގެން ވަގުތު ނޫހުން ނެރެފައިވާ ނޫސްބަޔާނާއި އެކަމާ ގުޅިގެން އެމްއެމްސީއާއި އެ ކައުންސިލުގެ މެމްބަރުންނާމެދު ރައްޔިތުންގެ ހިތުގައި ހަގީގަތާއި ހިލާފު، ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ވަގުތު ނޫހުން ޝާއިއުކޮށްފައިވާ ހަބަރުތައް އެ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުންޏެވެ.
އެމްއެމްސީން ބުނީ، އެ ކައުންސިލުގެ ގަވާއިދު ނަންބަރު 4 ވަނަ މާއްދާގެ (ހ)ގައި ދިވެހިރާއްޖޭގެ މީޑިއާގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކުން ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ކޮންޑަކްޓުގައި ބަޔާންކޮށްފައިވާ ހަމަތަކާއި އަހުލާގީ މިންގަނޑުތަކަށް ތަބާވާންޖެހޭނެ ކަމަށް އަންގާފައިވާނެ ކަމަށެވެ.
އަދި ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑުގެ ދެ ވަނަ މާއްދާގައި މީޑިއާގެ ވަސީލަތްތަކުގައި ޝާއިއުކުރާ ހަބަރާއި މައުލޫމާތަކީ ސައްހަ ތެދު މައުލޫމާތުކަން ކަށަވަރުކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން އަންގާފައިވާއިރު، ހަމަ އެ މިންގަނޑުގެ ހަތަރު ވަނަ މާއްދާގައި ހަބަރާއި މައުލޫމާތު ޝާއިއުކުރުމުގައި އެ އެއްޗެއްގެ ހަގީގަތް އޮޅުވާނުލުމަށްވެސް ބަޔާންކޮށްފައިވާނެ ކަމަށް ބުންޏެވެ.
އެމްއެމްސީން ބުނީ، ޝާފިއު ވަގުތު ނޫހުގެ މުވައްޒަފަކަށް ޖިންސީގޯނާ ކުރި ކަމަށް ބުނެ އެ ނޫހުން ނެރުނު ބަޔާނާއި އެކަމާ ގުޅިގެން ޝާއިއު ކުރި ހަބަރުތަކަކީ މީޑިއާގެ އަހުލާގީ މިންގަނޑުގެ ދެވަނަ މާއްދާއާއި ހަތަރުވަނަ މާއްދާއާއި ހިލާފަށް ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ހަގީގަތް ބެލުމެއްނެތި އެމްއެމްސީގެ މެމްބަރުންނާ މެދު ރައްޔިތުންގެ ހިތުގައި ހަގީގަތާއި ހިލާފު ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ޝާއިއުކޮށްފައިވާ ހަބަރުތަކެއް ކަމަށެވެ.
އަދި ވަގުތު ނޫހުގެ ހަބަރާ ގުޅިގެން ރާއްޖޭގެ ބައެއް ޖަމިއްޔާ ޖަމާއަތްތަކުން ކަމުގެ ހަގީގަތް އެއްވެސް ވަރަކަށް ބެލުމެއް ނެތި މިކަމާ ގުޅޭ ގޮތުން ބަޔާން ނެރުމަކީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ޖަމިއްޔާ ޖަމާއަތްތަކުން މަސައްކަތްކުރާ ގޮތް ނޫން ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު