މެޗަކުން ބަލިނުވެ، އެފްއޭއެމް 14 އަހަރުން ދަށުގެ ޔޫތު ލީގުގެ ޗެމްޕިއަންކަން ކްލަބު ވެލެންސިއާއިން ހޯދައިފިއެވެ.

ރާއްޖޭގެ ކުރީގެ މަޝްހޫރު ޑިފެންޑަރު ސޮބާހު މުހައްމަދު (ސޮބާ)ގެ ކޯޗުކަމުގެ ދަށުގައި ކުޅުނު ވެލެންސިއާ، ޔޫތު ލީގު ކާމިޔާބުކުރީ ކުޅުނު 8 މެޗުންވެސް މޮޅުވެގެންނެވެ. އިއްޔެ ހަވީރު ކުޅުނު ލީގުގެ ފަހު މެޗުގައި ވެލެންސިއާއިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗަކީ ލީގުގެ ޗެމްޕިއަންކަން ކަނޑައަޅަންވެސް އޮތް މެޗެވެ. މެޗަށް ނުކުތް އިރު ލީގު ހޯދަން ވެލެންސިއާއަށް ބޭނުންވެފައި އޮތީ ޕޮއިންޓެކެވެ. އަނެއްކޮޅުން މާޒިޔާއަށް ލީގު ހޯދެން އޮތީ ވެލެންސިއާ ބަލިކޮށްގެންނެވެ. ޖުމުމަ ނުވަ ޓީމު ވާދަކުރި ލީގުގެ ޗެމްޕިއަންކަން ވެލެންސިއާ އިން ހޯދީ ކުޅުނު 8 މެޗުން ވެސް މޮޅުވެ، 24 ޕޮއިންޓާ އެކުގައެވެ. ވެލެންސިއާގެ ޒުވާން ޓީމުން މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އިރު، ޖުމުލަ 79 ގޯލު ޖަހައިފައިވެއެވެ. އަދި ކޮޅަށް ވަނީ ދެގޯލެވެ.

ލީގުގެ ދެވަނަ މާޒިޔާއަށް ރޭ ގެއްލުނީ ކޮޅަށް ގިނަ ގޯލުތަކެއް ވަނުމުންނެވެ. ލީގުގެ ދެވަނައަށް ދިޔަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި 3 ވަނައަށް ދިޔަ މާޒިޔާއަށް ލިބުނީ 19 ޕޮއިންޓެވެ. ފައިދާ ގޯލަށް ބަލާއިރު، ސަސް ވަނީ މާޒިޔާއަށްވުރެ އިތުރަށް ފައިދާ 2 ގޯލު ހޯދައިފައެވެ.

މާޒިޔާއާއި ވެލެންސިއާ ރޭ ކުޅުނު މެޗުގައި ވެލެންސިއާގެ ގޯލުތައް ޖެހީ ދެވަނަ ހާފުގައެވެ. އެ ގޯލުތައް ޖެހީ މުބާރާތުގައި މޮޅެއް ކުޅެމުން އަންނަ އީތަން އިބްރާހިމް ޒަކީއާއި، އަހުމަދު ކައިން، އިލާން އިމްރާނެވެ. އޭގެ ތެރެއިން އީތަން ވަނީ ދެ ގޯލު ޖަހައިފައެވެ.

މިފަހަރު ޔޫތު ޗެމްޕިއަންޝިޕްގައި 35 ގޯލު ޖަހައި، ރަން ބޫޓު ހޯދީ އިލާނެވެ. މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރީންނަކީ، ވެލެންސިއާގެ އިލާން، އީތަން، ކައިން، އަހުމަދު މިފްޒާލް އަދި ޔޫސުފް އަޔާން އާމިރްގެ އިތުރުން މާޒިޔާގެ މުހައްމަދު ލާމިހު އިމްތިޔާޒާއި ލޫތު ބިން ސައުތު، ސަސްގެ އަބްދުﷲ އައިދާން ސާޖިދު އާއި މުހައްމަދު ޝަޔާން ޝިފާއު، އަލީ ހައިޒޫމް ހަސަން އަދި އެޑްވެންޗާސް ފުޓްބޯލް އެކެޑަމީގެ މުހައްމަދު ޖައިޝް ޖައުދެވެ.

އެންމެ މޮޅު ކޯޗަކަށް ވެލެންސިއާގެ ކޯޗު ސޮބާއެވެ. ފެއާޕްލޭ ޓީމަކީ ފްރެންޑްސް އެންޑް ފެމިލީ ފުޓްބޯލް އެކެޑަމީއެވެ.