އިނގިރޭސީންގެ ބާރުގެ ދަށުގައި އޮންނަ ޗާގޯސް އައިލެންޑް މޮރިޝަސްއާ ހަވާލުކުރުމާ ގުޅޭ މަޝްވަރާތައް ކުރުމަށް އިނގިރޭސި ވިލާތުން އެއްބަސްވެއްޖެއެވެ.

އިނގިރޭސި ފޮރިން ސެކެޓްރީ ޖޭމްސް ކްލީވަލީއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޗާގޯސްއާ ގުޅޭ ގޮތުން "ނުނިމި ހުރި ހުރިހާ މައްސަލަތަކެއް ހައްލުކުރަން" ބޭނުންވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އދ. ގެ އެންމެ މަތީ ކޯޓް ކަމަށްވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ވަނީ އިނގިރޭސިވިލާތުން ޗާގޯސް ސަރަހައްދު ހިންގުމަކީ "ޣައިރު ގާނޫނީ" ކަމެއް ކަމަށާއި އެކަން ނިމުމަކަށް އަންނަން ޖެހޭ ކަމަށް ނިންމައިފައެވެ.

ނަމަވެސް މިހާތަނަށް އިނގިރޭސިވިލާތުން ވަނީ އެ ރަށްތައް ހަވާލުކުރުމާ ގުޅޭ ވާހަކަތައް ފެށުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުން އައި ޕްރެޝަރުތަކާ ދެކޮޅު ހަދައިފައެވެ.

ޗާގޯސް މައްސަލައިގައި އިނގިރޭސިވިލާތުން މިހާތަނަށް ގެންގުޅެމުން އައި ސިޔާސަތު ބަދަލުކުރިކަން ހާމަކުރައްވަމުން ކްލީވަލީ ނެރުއްވި ސްޓޭޓުމަންޓެއްގައި ވިދާޅުވެފައިވަނީ ޗާގޯސް މައްސަލައިގައި އިނގިރޭސީންގެ މިހާރުގެ އަމާޒަކީ އަންނަ އަހަރުގެ ކުރީކޮޅު މޮރިޝަސްއާ އެކު އެއްބަސްވުމަކަށް އައުން ކަމަށެވެ.

މިގޮތަށް ނިންމާފައިވަނީ އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ލިޒް ޓްރަސް އާއި މޮރިޝަސްގެ އޮފިޝަލުންނާ ދެމެދު އޮކްޓޯބަރު މަހު ނިއުޔޯކުގައި ބޭއްވި މަޝްވަރާތަކަށް ފަހުގައި ކަމަށް އެ ސްޓޭޓްމަންޓުގައި ވަނީ ބަޔާންކޮށްފައެވެ.

އަދި ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރިޔަސް، ޑިއޭގޯ ގާސިއާގައި އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ހިންގާ އަސްކަރީ މަރުކަޒު ފައިދާހުރި ގޮތެއްގައި ހިންގުމުގެ ޔަގީންކަން ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކަމާގުޅޭ ގާނޫނީ ޝަރީއަތްތަކަށް ރިއާޔަތްކޮށް، ޗާގޯސް އާކިޕެލަގޯގެ ކުރީގެ ރައްޔިތުންނާ ގުޅޭ މައްސަލަތައް ހިމެނޭ ގޮތަށް ނުނިމި ހުރި ހުރިހާ މައްސަލަތަކެއް ހައްލުކުރުމަށް ބައިނަލްއަގުވާމީ ގާނޫނުގެ މައްޗަށް އެއްބަސްވުމެއް ހޯދުމަކީ އަޅުގަނޑުމެންގެ ވިސްނުމެއް،" އޭނާ ވިދާޅުވިއެވެ.