ށ. ފުނަދޫ ބަނދަރުގައި އޮތް ދޯންނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ފުނަދޫ ކައުންސިލް މެމްބަރު ހުސެން އަރީފް "ވަން" އަށް މިއަދު ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ މިއަދު 11:15 ހާއިރު ކަމަށާއި ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. އަދި މިއަދަކީ ހުކުރު ދުވަހަށްވާތީ ފަޅުގައި އެވަގުތު ގިނަ އަދަދެއްގެ ކަންނެލި ދޯނި އަޅާފައި ހުރި ކަމަށާއި އަލިފާންގަނޑު ރޯވުމާއެކު އެ ދޯނިތަކުގެ ފަޅުވެރިން ޕަންޕުޖަހައި އަލިފާންގަނޑު ކޮންޓުރޯލް ކުރުމަށް މަސައްކަތް ފެށި ކަމަށް ވިދާޅުވިއެވެ.

އަރީފް ވިދާޅުވި ގޮތުގައި ރޯވި ދޯންޏަކީ ރޯޒީ ނަމަކަށް ކިޔާ މަސް ދޯންޏެކެވެ. އަދި އާއްމުންނާއި ފުލުހުންގެ އިތުރުން އެރަށު އެއާޕޯޓުގެ ފަޔާ ޑިޕާޓްމަންޓު ގުޅިގެން ކުރި މަސައްކަތުން 12:15 ހާއިރު ދޯނީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ކަމަށެވެ.

ދޯނީގައި ރޯވުމުގެ ސަބަބުން އަލުން ބޮޑު މަރާމާތެއް ކުރުމަށް ފަހުގައި ނޫނީ ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ލިބިފައިވާ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ލިބިފައިވަނީ ކިހާ ބޮޑު ގެއްލުމެއް ކަމެއް ސާފެއް ނޫނެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި އެ ދޯނީގައި އަލިފާން ރޯވާން ދިމާވި ސަބަބު އަދި ދެނެގަނެވިފައެއް ނުވެއެވެ. ނަމަވެސް އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުންޏެވެ.