އިސްލާމީ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 19

އަބްދުﷲ ފާރޫގް ހަސަން

(28 އޮކްޓޫބަރުގެ އަދަދާ ގުޅޭ)

"އަޅުގަނޑުގެ ރަސްކަމަކީ ވަރަށް ޒަމާންވީ މުސްކުޅި ރަސްކަމެކެވެ. މުސްލިމުންގެ ނަބިއްޔާއާއި އެކަލޭގެފާނުގެ ޚަލީފާއިންގެ ދުވަސްވަރުގައިވެސް ޤުސްޠަންޠީނިއްޔާގައި އޮތީ އަޅުގަނޑުމެންގެ ރަސްކަމެވެ. އެއަށްފަހު ބަނޫއުމައްޔަތުގެ ދައުރުގައިވެސް ބަނޫޢައްބާސުގެ ޒަމާނުގައިވެސް ޚަލީފާއިން ގެންދެވީ އަޅުގަނޑުމެންނާ އެތަކެއްފަހަރު ޞުލްޙަވެވަޑައިގަންނަވަމުންނެވެ. (ޞުލްޙައިގެ މުޢާހަދާ ކުރައްވަމުންނެވެ.) އެއްވެސްބޭފުޅަކު އަޅުގަނޑުމެންގެ އަތުން ޤުސްޠަންޠީނިއްޔާ އަތުލައްވާކަށެއް ނުއުޅުއްވައެވެ. (މިއީ ޤައިޞަރު ލިޔުއްވާގޮތެވެ. ޙަޤީޤަތެއް ނޫނެވެ. އެ މައުޟޫޢަށް ފަހުން ދާނަމެވެ. إنشــاء اللّـــه - ފާރޫޤު) އެކަމަކު ޢުޘްމާނީ ރަސްގެފާނު މިހާރުވެސް އަޅުގަނޑުގެ ރަސްކަމުގެ ބޮޑުބައި އަތުލައްވައިފިއެވެ. ޤުސްޠަންޠީނިއްޔާވެސް މިހާރުވަނީ އޭނާގެ ދެ ދަތްޕިލާފުޅުގެ ދޭތެރޭގައެވެ. މިޙާލަތުގައި އަޅުގަނޑު މަނިކުފާނުގެ އެހީފުޅަށް މިއެދެނީ އިންތިހާދަރަޖަޔަށް މަޖްބޫރުވެގެންނެވެ. އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުމެންނަށް އެހީއަށް އެދެވޭނެ ފަރާތެއް މަނިކުފާނު މެނޫނީ ނުވެސްނެތެވެ. سلطـــان بــايـــزيــد خــــان ޔިލްދިރިމަކީ މުސްލިމަކު ކަމުގައިވެފައި އަޅުގަނޑުމެންނަކީ ޢީސާއީން ކަމުގައިވާތީ އެކަމާ މަނިކުފާނު ޚިޔާލުފުޅު ކުރައްވާކަމުގައިވާނަމަ ދަންނަވަމެވެ. سلطـــان بــايـــزيــد خــــان ގެންދަވަނީ މިފަރާތުން ޔޫރަޕުގައި މެދުކެނޑުމެއްނެތި ފުތޫޙާތުތައް ޙާޞިލުކުރައްވަމުންނެވެ. އޭނާގެ ބާރުފުޅު ނުހަނު ހަލުވިކަމާއެކު އެގެންދަވަނީ އިތުރުކުރައްވަމުންނެވެ. އޭނާއަށް ވަރަށް އަވަހަށް މިފަރާތުން ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާވަރު ކުރެއްވިދާނެއެވެ. މިފަރާތުން އޭނާގެ މަސައްކަތްޕުޅު ނިންމައިލެއްވުމަށްފަހު މަނިކުފާނުގެ ވެރިކަމުގެ ދަށުގައިވާ ސަރަޙައްދަށް ޙަމަލަދެއްވާނެކަމީ ކަށަވަރުކަމެކެވެ. އޭރަކުން އޭނާ ދެރަކޮށްލައްވާކަށެއް މަނިކުފާނަކަށްވެސް ފަސޭހަފުޅެއް ނުވާނެއެވެ. بــايـــزيــد خــــان ވަނީ سلطـــان أحمــد جـــلائـــــر އާއި قــــرا يـــوسف ތުރުކުމާނީ އޭނާގެ އަރިހުގައި ޢިއްޒަތްތެރި މެހްމާނުންގެ ގޮތުގައި ބައިތިއްބަވައިފައެވެ. އެއީ މަނިކުފާނުގެ އަރިހުން ފިލައިވަޑައިގެން ވަޑައިގެން ތިއްބެވި ދެ ބާޣީންނެވެ. އެ ދެ ބާޣީން ހުއްޓައިނުލައްވައި އެގެންދަވަނީ މަނިކުފާނާ ހަނގުރާމަކުރައްވާން بــايـــزيــد خــــان އަށް މަޝްވަރާ އަރުއްވަމުންނެވެ. މަނިކުފާނުގެ ބާޣީން بــايـــزيــد خــــان ގެ އަރިހުގައި ޢިއްޒަތުގައި ގެންގުޅުއްވުމަށްވުރެ ބޮޑަށް މަނިކުފާނުގެ ޤަދަރު ކުޑަކުރެއްވޭނެގޮތެއް އޮންނާނެތޯއެވެ؟ އެއަށްވުރެ ބޮޑަށް މަނިކުފާނުގެ ޙުރުމަތް ކަނޑުއްވައިލެއްވޭނެގޮތަކީ ކޮބައިތޯއެވެ؟ އެބޭފުޅުން އަނބުރައި ފޮނުއްވައިދެއްވާކަށެއްވެސް މަނިކުފާނަކަށް އެދިވަޑައެއް ނުގެންނެވޭނެއެވެ. އެހެންކަމުން މުނާސަބު ގޮތެއްކަމުގައި ފެންނަނީ މަނިކުފާނު ވެވަޑައިގެންނެވި އެންމެ އަވަސް މަގަކުން އޭޝިޔާމައިނާއަށް ޙަމަލަދެއްވުމެވެ. ޤުދުރަތީގޮތުންވެސް އޭޝިޔާމައިނާ އޮންނާންޖެހޭނީ މަނިކުފާނުގެ ބާރުފުޅުގެ ދަށުގައެވެ. سلطـــان بــايـــزيــد خــــان ގެ ފިތުނައިން އަޅުގަނޑުމެން ސަލާމަތްކޮށްދެއްވަން ލަސްނުކުރައްވައި އަވަހަށް ވަޑައިގެންދެއްވުން އެދެމެވެ. އަޅުގަނޑުމެން ހުރިހައިގޮތަކުންވެސް މަނިކުފާނަށް މަދަދުވެރިވާނޫއެވެ."

ޤައިޞަރު އޭނާގެ މިސިޓީފުޅު މުޅީންވެސް ބިނާކުރައްވައިފައިވަނީ އޭނާގެ އަމިއްލަ އެދުންފުޅުގެ މައްޗަށެވެ. أمـيـــــرتــيـــمــــــور އަކީ ޢާންމުގޮތެއްގައި ޤައިޞަރުގެ އަމިއްލަ އެދުންފުޅުގެ ވާހަކަފުޅަށް ހެއްލިވަޑައިގަންނަވާވަރުގެ ސޮހޮލު ބޭފުޅެއް ނޫނެވެ. އެކަމަކު سلطـــان بــايـــزيــد، أمـيـــــرتــيـــمــــــور ގެ ބާޣީންނަށް ޙިމާޔަތްދެއްވައިގެން ގެންގުޅުއްވާ ވާހަކަ ޤައިޞަރުގެ ސިޓީފުޅުގައި ލިޔުއްވައިފައިވަނީ تــيـــمــــــور ގެ ހިތްޕުޅަށް އަސަރުނުކޮށްނުދާނޭ ބީދައަކުންނެވެ.

"ޤުސްޠަންޠީނިއްޔާގެ ޤައިޞަރުގެ ސިޓީފުޅު أمـيـــــرتــيـــمــــــور އަށް ލިބިވަޑައިގެންނެވީ އޭނާ ގަންގާކޯރުގެ އައްސޭރިޔަށް ވަޑައިގެންނެވިފަހުންނެވެ. އޭނާ ހަރެދުވާރުގައި ހުންނަވަނިކޮށެވެ. ހިންދުސްތާނުގެ އިރުމަތީ ޕްރޮވިންސުތަކާ ދިމާޔަށް ވަޑައިގަންނަވާން ތައްޔާރުވެވަޑައިގަންވަނިކޮށެވެ. أمـيـــــرتــيـــمــــــور ޤުސްޠަންޠީނިއްޔާގެ ޤައިޞަރުގެ ސިޓީފުޅު ވިދާޅުވެފައި ބޭރުފުށުން ފެންނަފެނުމުގައި ޤައިޞަރަށް ތަސައްލީ ލިބިވަޑައިގަންނަވާކަހަލަ ޖަވާބެއް ނުދެއްވައެވެ. އަވަސްއަވަހަށް ޤާޞިދު ފޮނުއްވައިލައްވައިފިއެވެ. އެކަމަކު އެސިޓީފުޅުގެ ސަބަބުން އެތެރެއެތެރެއިން އޭނާގެ ހިތްޕުޅަށްކުރި އަސަރުން އޭނާ ހިންދުސްތާނު ފަތަޙަކުރައްވާ ހިތްޕުޅު ކެނޑިއްޖެއެވެ. ހިންދުސްތާނުގެމަތީން ފޫހިފުޅުވެއްޖެއެވެ. أمـيـــــرتــيـــمــــــور އޭނާ ހިންދުސްތާނުން ފަތަޙަކުރެއްވި ތަންތަންވެސް ރަނގަޅު އިންތިޒާމުތަކެއް ހަމަޖެއްސެވުމަކާނުލައި އެތަންތަން ދޫކޮށްލައްވައިފައި ނުހަނު ހަލުވި ދަތުރުފުޅެއް ކުރައްވަމުން ވަޑައިގެންނެވީ ޕަންޖާބަށެވެ. ޕަންޖާބުން ދަތުކުރެއްވީ ސަމަރުޤަންދަށެވެ. (تــيـــمــــــور ވެރިކަން ކުރައްވާ އޭނާގެ އަމިއްލަފުޅު ރަށް) އޭރު އޭނާ ހިންދުސްތާނުން ޤައިދުކުރައްވައިފައިވާ އެއްލައްކަ އަސީރުން تــيـــمــــــور ގެ ލަޝްކަރުގައި ގައިދުގައި ތިއްބެވެ. އެހުރިހާ އެންމެން ގޮވައިގެން ދަތުރުކުރެއްވުން ހިމެނުނީ އޭނާގެ ހަލުވި ދަތުރުފުޅަށް ހުރަސްއެޅޭ ކަމެއްކަމުގައެވެ. އެހެންކަމުން އޭނާ ދަތުރުކުރެއްވި މަގުމަތީގައި އެހުރިހައި އަސީރުން ޤަތުލުކޮށްލައްވައިފިއެވެ. أمـيـــــرتــيـــمــــــور ސަމަރުޤަންދަށް ވަޑައިގެން ވަރަށް ފުރިހަމަޔަށް ތައްޔާރުވެވަޑައިގެން ޤަޞްދުކުރެއްވީ ޢުޘްމާނީ ރަސްގެފާނާ ކަނޑިއާކަނޑި އަޅުއްވާށެވެ. ދެބޭފުޅުންކުރެ ދުނިޔޭގެ ފާތިޙަކަށް ވެވަޑައިގެންނެވޭނީ ކޮންމެވެސް އެއްބޭފުޅަކަށްކަމުގެ ނިޔާކަނޑައަޅުއްވާށެވެ." (ތާރީޚެ އިސްލާމް، ޖިލްދު: 3، ޞަފުޙާ: 344)

تــيـــمــــــور ފުރިހަމަޔަށް ތައްޔާރުވެވަޑައިގެން އަރުމީނިޔާއާއި އާޒަރުބައިޖާނާއި ދިމިޝްޤާއި ބަޣުދާދު ސުންނާފަތިކުރެއްވުމަށްފަހު ދެން ވަޑައިގެންނެވީ އޭނާގެ ރަސްކަމުގެ ހުޅަނގު ސަރަޙައްދަށެވެ. އޭނާ އެހިސާބުގައި ހުންނަވައި سلطـــان بــايـــزيــد އަށް ވަރަށް ވަރުގަދަ އިންޒާރުގެ ސިޓީފުޅެއް ލިޔުއްވިއެވެ. އެސިޓީފުޅުގައިވަނީ، އޭނާގެ އަރިހުން ފިލައިވަޑައިގެންފައިވާ ދެ މުޖްރިމުން (سلطـــان أحمــد جـــلائـــــر އާއި قــــرا يـــوسف ތުރުކުމާނީ) އަވަހަށް އަނބުރައި ފޮނުއްވުމަށެވެ. سلطـــان بــايـــزيــد خــــان އޭރު މަޝްޣޫލުވެވަޑައިގެން އުޅުއްވީ ޤުސްޠަންޠީނިއްޔާ ޙިޞާރުކުރެއްވުމުގެ މަސައްކަތްޕުޅުގައެވެ. سلطـــان بــايـــزيــد، أمـيـــــرتــيـــمــــــور އެދިވަޑައިގެންނެވުން ޤަބޫލުކުރެއްވުމާމެދު ކުރެއްވީ އިންކާރެވެ. އޭނާ ޤުސްޠަންޠީނިއްޔާގެ ޙިޞާރު އަވަސްއަވަހަށް ދޫކޮށްލައްވައިފައި تــيـــمــــــور އާ ހަނގުރާމަޔަށް ތައްޔާރުކުރައްވާން ފައްޓަވައިފިއެވެ.

އަމިއްލަ ގޭގެ ބައްތީން ގޭގައި ރޯވުން

ކަންތައް ވެގެންދިޔައީ އަބަދުވެސް އިސްލާމީ އުންމަތަށް ކަންތައް ދިމާވާގޮތަށެވެ. ގޭގެ ބައްތީން ގޭގައި އަލިފާން ރޯވެއްޖެއެވެ. تــيـــمــــــور އަކީ ޗަންގީޒުޚާންގެ ޢާއިލާގެ ބޭފުޅެކެވެ. تــيـــمــــــور ގެ ބޭނުންފުޅަކީ بــايـــزيــد ގެ ރަސްކަމުގެ ސަރަޙައްދުގައި ހިމެނޭ އޭޝިޔާގެ ބަޔަށް ވެރިވެވަޑައިގެންނެވުމެވެ. ދުނިޔޭގެ ފާތިޙެއްގެ މަޤާމަށް އައުލާކަންބޮޑީ އޭނާކަން ސާބިތުކުރެއްވުމެވެ. تــيـــمــــــور އެންމެފުރަތަމަ ޙަމަލަދެއްވީ ތުރުކިއޭގެ ސިވާސަށެވެ. އެރަށުގެ ގަވަރުނަރަކަށް ހުންނެވީ بــايـــزيــد ގެ ދަރިކަލުން އުރުޠުޣުރަލެވެ. އުރުޠުޣުރަލް ބަލިފުޅުވެ ހަތިޔާރު ބެހެއްޓެވުމުން ތައިމޫރު އުރުޠުޣުރަލާއި އޭނާގެ އެކުވެރީން ރަށުގެ ބޭރުފާރުކައިރީގައި ޚަންދަޤެއް ކޮންނަވައި ދިރިތިއްބަވަނިކޮށް ވަޅުލައްވައިފިއެވެ. أمـيـــــرتــيـــمــــــور އާއި سلطـــان بــايـــزيــد އާ ދެބޭފުޅުންގެ ދެމެދުގައި ހިނގި އެންމެ ވަރުގަދަ ކުރިމަތިލެއްވުން ހިނގީ (20 ޖުލައި 1402) ގައި އަންގޯރާ (އަންޤަރާ) ގެ މައިދާނުގައެވެ. އެދުވަހަކީ އިސްލާމީ ތާރީޚުގެ ކަޅު ދުވަސްތަކުގެ ތެރެއިންވެސް އެންމެ ނާމާން އެއްދުވަހެވެ. އެދުވަހުގެ ހެނދުނު އަންގޯރާގެ މައިދާނުން ފަލަކުގެ ލޯތަކަށް ފެނުނީ ޢަޖައިބުވެ ޙައިރާންވާންޖެހުނު ބިރުވެރި ލޭއޮހޮރުވުމެކެވެ. އެއީ އިސްލާމީ ތާރީޚުން ފެނުނު ނާދިރު ލޭގެ ކުޅިވަރެކެވެ. ދެފަރާތުގައި ތިއްބެވީ ނުހަނު ވަރުގަދަ މުސްލިމު ދެރަސްކަލުންނެވެ. އެއްބޭފުޅަކީ އިރުމަތީގެ ފާތިޙެވެ. އަނެއްބޭފުޅަކީ ހުޅަނގުގެ ފާތިޙެވެ. ދެފަރާތުގައިވެސްތިބީ އިންތިހާދަރަޖައިގެ ހިތްވަރުފުޅުގަދަ މުސްލިމު ހެވީންނެވެ. އެހެންކަމުން ދެފަރާތުގެ ދެމެދުގައި ހިނގީ މީހުން ފިތްކަނޑައިގެންދާވަރުގެ ވަރުގަދަ ހަނގުރާމައެކެވެ. މުއައްރިޚުން ސިފަކުރައްވާގޮތުގައި ދެފަރުބަދަ ލުހިގެންއައިސް ތަޅައިފޮޅައި ހަނގުރާމަކުރި ކަހަލައެވެ. ގަދަ ދެކަނޑު އެއްކަނޑެއް އަނެއްކަނޑުގެ މައްޗަށް އަރައިގަންނާން އުޅުނުކަހަލައެވެ.

މިދެބޭފުޅުން އެއްބައިވެވަޑައިގެން تــيـــمــــــور އޭނާގެ މަސައްކަތްޕުޅުގެ މައިދާނަކަށް އިރުމަތި ހެއްދެވިނަމަ بــايـــزيــد ހުޅަނގުފަރާތުން ކުރިޔަށް ވަޑައިގެންނެވިނަމަ، އެދެބޭފުޅުންނަށް މުޅި ދުނިޔެ އިސްލާމީ ދިދައިގެ ހިޔާވަހިކަމުގެ ދަށަށް ގެންނެވުނީހެވެ. އެދުވަސްވަރު ދުނިޔޭގެ މަސްރަޙު އޮތްގޮތާއި ދުނިޔޭގައި އެދެބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ޙައިސިއްޔަތަށް ބަލާއިރު، އެކަންވީހީ ދާދިފަސޭހަފުޅު ކަމަކަށެވެ. ނަމަވެސް އެދެބޭފުޅުންގެ ދެމެދުގައި ހިނގި ހަނގުރާމަ އެ "ނަމަ" ޙަޤީޤަތަކަށް ވިޔަކަނުދިނުމެވެ. ޤުސްޠަންޠީނިއްޔާ ފަތަޙަވުމާއި ބައިޒެންޓެއިން ރަސްކަން ނިމުމަކަށްއައުން އެހަނގުރާމައިގެ ސަބަބުން ބައިޤަރުނަށް ލަސްވިއެވެ. تــيـــمــــــور އާއި بــايـــزيــد އާ ދެބޭފުޅުން އެއްބޭފުޅަކު އަނެއްބޭފުޅެއްގެ ކަނދުރާފުޅު އަނބުރައިލައްވަން އޮހޮރުއްވެވި ލޭގެ ސަބަބުންނެވެ. ކޮންމެއަކަސް ދެބޭފުޅުންގެ ހަނގުރާމަތަކުގައި ކާމިޔާބު ހޯއްދެވީ ޢުމުރުފުޅުން ހަތްދިހަ އަހަރުފުޅުގެ ތަޖްރިބާކާރު أمـيـــــرتــيـــمــــــور އެވެ. ސާޅީސް އަހަރުފުޅުގެ ޒުވާން سلطـــان بــايـــزيــد ވަނީ تــيـــمــــــور ގެ އަސީރަކަށް ވެވަޑައިގެންފައެވެ. ދުނިޔޭގެ ޢިއްޒަތާއި ޖާހާއި ޝާނުޝައުކަތުގެ ސާބިތުކަމެއް ދެމިހުރުމެއްނެތްކަމުގެ ހެތްކަކަށް ވެވަޑައިގެންފައެވެ. سلطـــان بــايـــزيــد ވަނީ އިންތިހާދަރަޖައިގެ މާޔޫސްކަމާއި، ހިތާމަފުޅުގައި އެންމެ އަށްމަސްދުވަހުގެ ތެރޭގައި މިފަނާވަނިވި ދުނިޔެއަށް އަބަދަށްޓަކައި އަލްވަދާޢު ވިދާޅުވެފައެވެ. أمـيـــــرتــيـــمــــــور އަށްވެސް ދެއަހަރެއްހައި ދުވަހުގެ ތެރޭގައިވަނީ އޭނާ بــايـــزيــد ފޮނުއްވައިލެއްވިތަނަށް ވަޑައިގަންނަވާން ޖެހިވަޑައިގެންފައެވެ. އެޓްލަސް ފުތޫޙާތެ އިސްލާމިއްޔާގައިވާ ގޮތުން بــايـــزيــد ގެ ލަޝްކަރު ހަލާކުވުމުގެ ސަބަބުތަކުގެ ތެރޭގައި އެ ލަޝްކަރުގެ މޮންގޯލީ ޔުނިޓުތައް ބޭވަފާތެރިވުމާއި (تــيـــمــــــور އަކީ މޮންގޯލީ ބޭފުޅެކެވެ.) ސާބިޔާއާއި ފަރަންސޭސި ޔުނިޓުތަކުގެ އަމީރުންގެ ބަލިކަށިފުޅުކަމާއި ޢުޘްމާނީ ލަޝްކަރުގެ މެދުތެރެއަށް تــيـــمــــــور ގެ އެތްތަކުންދިން ވަރުގަދަ ޙަމަލަ ހިމެނެއެވެ. (އެޓްލަސް ފުތޫޙާތެ އިސްލާމީ: 326)

އަންގޯރާ ހަނގުރާމައާއި އެހަނގުރާމައިގެ އަހަންމިއްޔަތު

أمـيـــــرتــيـــمــــــور އާއި سلطـــان بــايـــزيــد އާ ދެމެދު 20 ޖުލައި 1402މ. (19 ޛުލްޙިއްޖާ 804ހ.) ގައި އަންގޯރާގެ މައިދާނުގައި ހިނގައިދިޔަ ލޭއޮހޮރުވުން ގިނަ ވަރުގަދަ ހަނގުރާމަޔަކީ އިސްލާމީ ތާރީޚުގެ ހިތާމަވެރި ހަނގުރާމަތަކުގެ ތެރެއިންވެސް އެންމެ ހިތާމަވެރި އެއް ހަނގުރާމައެވެ. އިސްލާމީ މިއްލަތަށް އެހަނގުރާމައިންވަނީ ސުމާރެއްނެތްހައި ބޮޑު އަފޫރުއްބަ ގެއްލުން ލިބިފައެވެ. ކޮންމެއަކަސް އަންގޯރާ ހަނގުރާމައިގެ ތަފްސީލު ލިޔުމަކީ މިހާރު އަޅުގަނޑު ދޯރިނަގައިގެން މިއުޅޭ ގަލަމުގެ މަޤްޞަދެއް ނޫނެވެ. ލިޔަން ހިތަށްފަސޭހަ ވާހަކަތަކެއްވެސް ނޫނެވެ. އެހެންކަމާއެކު ޚުލާޞާކޮށް ދަންނަވަމެވެ. މި ހަނގުރާމައިގައި سلطـــان بــايـــزيــد ޔިލްދިރިމްގެ ލަޝްކަރުގައި ތިބީ އެއްލައްކަ ވިހިހާސް ސިފައިންނެވެ. أمـيـــــرتــيـــمــــــور ގެ އަރިހުގައިއޮތީ ފަސްލައްކަ ސިފައިންގެ މައްޗަށް އެކުލެވޭ ބިޔަ ލަޝްކަރެކެވެ. ބައެއް މުއައްރިޚުން ވިދާޅުވާގޮތުގައި އަށްލައްކަ ސިފައިންގެ ލަޝްކަރެކެވެ. އެކަކާ ހަތަރެއްގެ ނުވަތަ އެކަކާ ހަޔެއްގެ ތަފާތުހުރި ލަޝްކަރެކެވެ. (ލޭންޕޫލު، ޞަފުޙާ: 50)

"ދައުލަތެ ޢުޘްމާނިއްޔާ" ގައިވާގޮތުން އެދުވަހުގެ ފަތިހަށް ދޮންކޮށްލުމުގެކުރީން ހަނގުރާމަ ފެށިއްޖެއެވެ. އިރުއޮއްސުމުގެ ފަހަށްވެސް ހަނގުރާމަ ހިނގަމުންދިޔައެވެ. އެދުވަހުގެ ހަނގުރާމައިގެ މައިދާނުގައި بــايـــزيــد خــــان ވަނީ ސިފަވަންތަކަމުގެ ކުޅަދާނަފުޅުކަމާއި ހިތްވަރުފުޅު ގަދަކަމުގެ ޖައުހަރު ދައްކަވައިފައެވެ. ކޮމާންޑަރެއްގެ ފުރިހަމަ ޤާބިލިއްޔަތު ސާބިތުކޮށްދެއްވައިފައެވެ. بــايـــزيــد ގެ ޚާއްޞަ ލަޝްކަރުވެސް އާދަޔާ ޚިލާފު ކުޅަދާނަކަމެއް ދެއްކިއެވެ. ފުރާނަޔާ ކުޅެމުން ތާތާރީންނާ ހަނގުރާމަކުރަމުން ގެންދިޔައެވެ. ނަމަވެސް بــايـــزيــد ގެ ހުރިހައި ޢަސްކަރީ ހުނަރުތަކާއި އުކުޅުތަކަކާއި މަސައްކަތްޕުޅުތަކެއް ދިޔައީ ބޭކާރުވެގެންނެވެ. أمـيـــــرتــيـــمــــــور ގެ ތަޖްރިބާއާއި އޭނާގެ ލަޝްކަރުގެ ބައިބޯކަމުގެ ސަބަބުންނެވެ. އެންމެފަހުގެ ނަތީޖާއަކީ سلطـــان بــايـــزيــد ގެ ލަޝްކަރު ބަލިވުމެވެ. އޭނާ ހައްޔަރުވެވަޑައިގެންނެވުމެވެ. އެޑްވަޑް ގިބޯން ވިދާޅުވާގޮތުގައި މިހަނގުރާމައިގެ ސަބަބުން أمـيـــــرتــيـــمــــــور ގެ ބާރުފުޅު ގަދަކަމާއި މަޝްހޫރުކަން ތާރީޚުގައި ލިޔެވުނެވެ. بــايـــزيــد ގެ ނާކާމިޔާބާއި ބަލިކަށިފުޅުކަން އަބަދަށް ދެމިހުންނަ ހަނދާނަކަށްވިއެވެ. މުސްލިމުންގެ މުވައްރިޚަކު ލިޔުއްވައިފައިވާ ގޮތުގައި އިސްލާމީ އުންމަތް بــايـــزيــد ޔިލްދިރިމާ ގުޅުވައިފައިވާ މަތިވެރި ހުރިހައި އުންމީދުތަކެއްވަނީ އެދުވަހު އަންގޯރާ (އަންޤަރާ) ގެ މައިދާނުގައި ކަފުންކުރެވި ވަޅުލެވިފައެވެ.

مــــولانــا أكــبــــــر خــــان نجــيب آبــادى އަންގޯރާ ހަނގުރާމައާ ބެހޭގޮތުން ފާޑުވިދާޅުވަމުން ލިޔުއްވައިފައިވެއެވެ.

"އަންގޯރާގެ މައިދާނުގައި تــيـــمــــــور ބަލިފުޅުވީނަމަ ޔަޤީނުންވެސް އެކަންވީހީ އޭނާއާއި އޭނާގެ ޚާންދާނަށް ލިބުނު މާސިންގާ ގެއްލުމެއް ކަމުގައެވެ. އެކަމަކު އޭނާ ބަލިފުޅުވުމަކީ އިސްލާމީ އުންމަތަށް އެއްވެސް ގެއްލުމެއް ލިބުމުގެ އެކަށޭނަކަމެއް އޮތްކަމެއް ނޫނެވެ. އެހެނީ تــيـــمــــــور ގެ ބާރުފުޅުގެ ދަށުގައިހުރި އިރުމަތީގެ ޤައުމުތަކަކީ تــيـــمــــــور ނެތްކަމުގައިވިޔަސް މުސްލިމުންގެ ބާރުގެ ދަށުގައި ހުންނާނެ ޤައުމުތަކެވެ. އެއިން އެއްވެސް އިސްލާމީ ޤައުމެއް ޣައިރުދީނީ ވެރިކަމެއްގައި ޝާމިލުވުމުގެ އެކަށޭނަކަމެއް ނެތެވެ. އެކަމަކު بــايـــزيــد ބަލިފުޅުވުމުން އިސްލާމީ އުންމަތަށް ނުހަނުބޮޑަށް ގެއްލުން ލިބުނެވެ. އެހެނީ ޔޫރަޕާ ދިމާޔަށް މުސްލިމުން ކުރިއަރަމުންދިޔަ ދިޔުންވަނީ ހުއްޓިފައެވެ. ނޭވާހޮޅިޔަށް އެޅިފައިއޮތް ޔޫރަޕުވަނީ އަލުން ރޫޙު ދިރި ހިތްހަމަޖެހުމުގެ ނޭވާލާން ފަށައިފައެވެ. بــايـــزيــد ޔިލްދިރިމަށް ފަތަޙަ ލިބިވަޑައިގެންނެވިނަމަ (بــايـــزيــد ގެ ލަޝްކަރުގެ ޢަދަދު تــيـــمــــــور ގެ ލަޝްކަރުގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެވެސް މަދެވެ.) މިހަނގުރާމަވީހީ ހިޖްރައިން 463 ގައި އޭޝިޔާކޫޗަކުގެ މިލާޒުކުރޫގެ މައިދާނުގައި މުސްލިމުންނާއި ޢީސާއީންނާ ދެމެދު ހިނގި ހަނގުރާމަފަދަ ހަނގުރާމައެއް ކަމުގައެވެ. ސުލްޠާން އަލްޕު އަރުސަލާން ސަލްޖޫޤީ އެހަނގުރާމައިގައި ޢީސާއީ ރަސްގެފާނު އަރުމާނޫސްގެ ދެލައްކަ (ބައެއް ރިވާޔަތުތަކުގައި ތިންލައްކަ) ސިފައިންގެ ބިޔަ ލަޝްކަރު ބަލިކޮށްލެއްވިއިރު އަލްޕު އަރުސަލާންގެ އިސްލާމީ ލަޝްކަރުގައިތިބީ އެންމެ ބާރަހާސް ހަނގުރާމަވެރީންނެވެ. ނުވަތަ ޕާނީޕަތުގެ ތިންވަނަ ހަނގުރާމަފަދަ ހަނގުރާމައެއް ކަމުގައެވެ. އެހަނގުރާމަ ހިނގީ 1174ހ. ގައެވެ. އެހަނގުރާމައިގައި މުސްލިމުންގެ ޢަދަދަކީ ނުވަދިހަ ހާހެވެ. މުސްލިމުންވަނީ ހިންދީ ރާޖާއިންގެ ހަލައްކަ ސިފައިންގެ ލަޝްކަރު ތަޅައި ރޯނާގަންނަވައި ބުރުއްސައިލައިފައެވެ. بــايـــزيــد خــــان ޔިލްދިރިމް މިހަނގުރާމަ އަންދާޒާކުރެއްވީ ނައިކޯޕޯލިސް ހަނގުރާމަޔާ ގުޅުއްވައިގެންކަމުގައި ވެދާނެއެވެ. بــايـــزيــد އޭނާގެ ލަޝްކަރުގެ ޢަދަދު މަދުކަމަކަށް تــيـــمــــــور ގެ ލަޝްކަރުގެ ބައިބޯކަމަކަށް ފަރުވާލެއް ނުބަހައްޓަވައެވެ. تــيـــمــــــور އާއި އޭނާގެ ލަޝްކަރަކީ މުސްލިމުން ކަމުގައިވިޔަސް بــايـــزيــد އެކަމަކަށް އަޅުއްވައެއް ނުލައްވައެވެ. ތާރީޚުގެ ޞަފުޙާތަކަށް ނަޒަރު ހިންގާއިރު އާދަޔާ ޚިލާފަށް ޢަދަދުމަދު ލަޝްކަރުތައް ސުމާރެއްނެތްހައި ޢަދަދުގިނަ ލަޝްކަރުތައް ބަލިކޮށްފައިވަނީ މުސްލިމުންނާއި ޣައިރުމުސްލިމުންނާ ދެމެދު ހިނގައިފައިވާ ހަނގުރާމަތަކުގައެވެ. މަދުޢަދަދެއްގެ މުސްލިމުންވަނީ ޣައިރުމުސްލިމުންގެ ޢަދަދުގިނަ ލަޝްކަރުތައް ބަލިކޮށްފައެވެ. އަންގޯރާގެ ހަނގުރާމައިގައި ދެފަރާތުގައިވެސް ތިބީ މުސްލިމުންނެވެ. އެހެންކަމުން މަދުޢަދަދުގެ މީހުންގެ މައްޗަށް ގަދަވުމުގެ އެކަށޭނަކަން އޮތީ ޢަދަދު ގިނަމީހުންނެވެ. ކަންހިނގައި ނިމިގެންދިޔައީވެސް އެގޮތަށެވެ.

(ނުނިމޭ)