ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، އަދި ކްރިކެޓް ކެޕްޓަން އިމްރާން ހާނަށް ބަޑީގެ ހަމަލާއެއްދީ ޒަހަމް ކޮށްލައިފިއެވެ.
އިމްރާނަށް ހަމަލާ ދީފައި ވަނީ ވަޒީރްއަބާދުގައި ކުރިއަށްދިޔަ އެއްވުމުގެ ތެރެއިންނެވެ. ޕާކިސްތާނުގައި ހުރި އޭއެފްޕީގެ ނޫސްވެރިޔާ ބުނީ އިމްރާނަށް ދިން ހަމަލާއަކީ އަވަހާރަކޮށްލަން ދިން ހަމަލާއެއް ކަމަށާއި ވަޒަން އަރާފައި ވަނީ އެމަނިކުފާނުގެ ކަށިމައްޗަށް ކަމަށެވެ. އިމްރާންގެ ޕާޓީ، ޕީޓީއައިގެ އިސްވެރިން މައުލޫމާތު ދީފައިވާ ގޮތުގައި އިމްރާންގެ އިތުރުން އެހެން ހަތަރު މީހަކަށްވެސް ހަމަލާގައި އަނިޔާވެފައިވެއެވެ.
އުމުރުން 70 އަހަރުގެ އިމްރާނަށް މިވަގުތު ފަރުވާ ދެމުންދަނީ ޕާކިސްތާނުގެ ލާހޯރް ހޮސްޕިޓަލުގައެވެ. މިއަދު އިމްރާނަށް ހަމަލާދީފައިވަނީ މިހާރު އޮތް ވެރިކަމުގެ ދައުރުގެ މެދުތެރެއިން އިންތިހާބަކަށް ގޮވާލައި، ބޭއްވި އެއްވުމެއްގެ ތެރެއިންނެވެ.
މިއަހަރުގެ އޭޕްރީލް މަހު އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އޭނާ ވަނީ ބޮޑުވަޒީރުކަމުން ދުރުކޮށްފައެވެ. އޭގެފަހުން އޮކްޓޯބަރު 22 ވަނަ ދުވަހު ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަން (އީސީޕީ) އިން އިމްރާންގެ މަޖިލިސް ގޮނޑި ގެއްލުނު ކަމަށް ނިންމާފައިވެއެވެ. ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ކަނޑައަޅައި، އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނީ އިމްރާން މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާ ކަމަށެވެ.
އިމްރާންގެ ގޮނޑި ގެއްލުނު މައްސަލައަކީ ބޭރުގެ އިއްޒަތްތެރިން ދިން ހަދިޔާތަކެއް އިމްރާން ބައްލަވައިގަތް ކަމަށް ބުނެ މިދިޔަ އޯގަސްޓް މަހު ޕާކިސްތާނު މުސްލިމް ލީގް ނަވާޒް (ޕީއެމްއެލްއެން)ގެ މެމްބަރަކު ހުށަހެޅި މައްސަލައެކެވެ. އެ މައްސަލަ އިމްރާންގެ މައްޗަށް ސާބިތުވާ ކަމަށް އެ ގައުމުގެ އިލެކްޝަނުން ކަނޑައެޅީ މިދިޔަ ހުކުރު ދުވަހުއެވެ. އެ މައްސަލައިގައި ބުނެފައި ވަނީ އިމްރާން ބޮޑުވަޒީރުކަމުގައި ހުންނަވައި، ބޭރުގެ ބައެއް ފަރާތްތަކުން ރިޝްވަތުގެ ގޮތުގައި ދިން ރޮލެކްސް ގަޑި ފަދަ ތަކެތި ބޭނުން ކޮށްފައިވާ ކަމަށެވެ.
އިމްރާން ނިސްބަތްވާ ޕާޓީ، ޕާކިސްތާން ތަހްރީކޭ (ޕީޓީއައި) އިން ވަނީ އިލެކްޝަންގެ އެ ނިންމުން ގަބޫލުނުކުރާ ކަމަށް ބުނެ ސަޕޯޓަރުން ވަގުތުން މަގުތަކަށް ނުކުތުމަށް ގޮވާލައިފައެވެ. މިއަދުގެ ރެލީއަކީވެސް އޭގެ ތެރެއިން ކުރިއަށްދިޔަ ރެލީއެކެވެ.
މިއަދުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުގެ ހެލްތު މިނިސްޓަރު ޔާމީން ރާޝިދު ވިދާޅުވީ، އިމްރާނުގެ ހާލުކޮޅު ސްޓޭބަލް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕާކިސްތާނުގެ ޖިއޯ ޓީވީން ވަނީ ބުނެފައިވެއެވެ.
ޕާކިސްތާން
ޕާކިސްތާން
ޕާކިސްތާން
ޕާކިސްތާން