ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި ދިރާގު ގުޅިގެން ކުރިއަށްގެންދިޔަ "ޑްރޯންސް ފޯ ރެޒިލިއެންސް" ޕްރޮޖެކްޓް ނިންމާލައިފިއެވެ.
ޔޫއެންޑީޕީ އާއި ގުޅިގެން ދިރާގުން ކުރިއަށްގެންދިޔަ މި ޕްރޮޖެކްޓުގެ ބޭނުމަކީ ޑިޒާސްޓާ ރިސްކްތައް މަދުކުރުން އަދި ޑްރޯން ޓެކްނޮލޮޖީ ބޭނުންކޮށްގެން ކާރިސާތައް ދިމާވާ ހާލަތްތަކުގައި ތައްޔާރުވާނެ ގޮތްތައް ކަނޑައެޅުން ކަމަށް ދިރާގުން ބުނެއެވެ. މި ޕްރޮޖެކްޓުގެ ދަށުން ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ ރަށްރަށުގެ ޑިޒާސްޓާ ރިސްކް އެސެސްމެންޓް ހެދިއެވެ.
މި ޕްރޮޖެކްޓްގެ ނިމުން ފާހަގަކޮށްފައިވަނީ އައްޑޫ ސިޓީގައެވެ. އައްޑޫ ސިޓީ ކައުންސިލް އިދާރާގައި އިއްޔެ ބޭއްވި ހަފުލާގައި އެންވާރެމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ދިރާގުގެ އިސްވެރިންނާއި އައްޑޫ ސިޓީ ކައުންސިލުން ބައިވެރިވެޑައިގެންނެވިއެވެ.
އެރަސްމިއްޔާތުގައި ދިރާގާއި ޔޫއެންޑީޕީން ވަނީ މި ޕްރެޖެކްޓުގައި ބައިވެރިވި މޯލްޑިވިއަން ރެޑް ކްރެސެންޓް ވޮލަންޓިއަރުންގެ ދައުރާއި މި ޕްރޮޖެކްޓަށް އައްޑޫ ސިޓީ ކައުންސިލުން ދިން އެއްބާރުލުން ފާހަގަކޮށްފައެވެ. އެ ހަފުލާގައި ދިރާގުން ވަނީ އައްޑޫ ކައުންސިލަށް ޑްރޯނެއް ވެސް ހަދިޔާކޮށްފައެވެ. ޑްރޯނާ ހަވާލުވެވަޑައިގަތީ އެ ސިޓީގެ މޭޔަރު އަލީ ނިޒާރެވެ
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ ޑްރޯން އާއި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޓެކްނޮލޮޖީތަކުގެ ގާބިލުކަން އިންތިހާއަށް އެބަހުރި ކަމަށާއި ރާއްޖޭގެ ޖަޒީރާތަކާއި ސިޓީތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި މި ޓެކްނޮލޮޖީތައް ތައާރަފުކުރުމަށް އެހީތެރިވުމަށް ސަރުކާރުން ވައުދުވެފައި ވާ ކަމަށެވެ.
މި އާ ޕްރޮޖެކްޓުގައި ޑްރޯން މެޕިން އާއި ކޮލިޓީ އިމޭޖްތައް ނެގުމުގެ އުކުޅުތައް ގުޅުވައިގެން ދިރާގު މެދުވެރިކޮށް ޖީއައިއެސް ރަނގަޅު ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔައެވެ. މި ޕްރޮޖެކްޓުގެ ދަށުން އައްޑޫ ސިޓީގެ ރަށްތަކުގެ "އޮތޯމޮސައިކް" ޗާޓުކާއި ޑްރޯންތަކާއި ތަމްރީނުތައް މޯލްޑިވްސް ރެޑްކްރެސެންޓުގެ ވޮލަންޓިއަރުންނަށް ވަނީ ފޯރުކޮށްދީފައެވެ.
ދިރާގުން ބުނީ ކާރިސާތަކުން ލިބޭ ގެއްލުންތައް ވަޒަންކުރުމަށް ޑްރޯންތައް ހަލުވިކަމާއި ފަސޭހަކަމާއެކު ޑިޕްލޮއި ކުރެވޭނެ ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން ވަޒަންކުރުމަށްޓަކައި އައްސޭރިފަށުގެ ސަރަހައްދުތައް ފަދަ ރިސްކް ބޮޑު ސަރަހައްދުތަކާއި ޖަޒީރާތަކުގެ ތެރޭގައި ރައްކާތެރި ސަރަހައްދުތަކަށް ތަހުލީލު ކުރެވިދާނެ ކަމަށެވެ. އަދި ޑިޒާސްޓަ ރިސްކް ރިޑަކްޝަންގެ އިނޮވޭޝަންތައް ލޭންޑް ޔޫސް ޕްލޭނިން، ގްރީން ޕްރޮޖެކްޓްސް އަދި ޔުޓިލިޓީ މެޕިން ފަދަ އެހެން ދާއިރާތަކަށް ވެސް ބޭނުންކުރެވިދާނެ ކަމަށް ބުންޏެވެ.