ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރާ އޭޓީއާރު އެއާކްރާފްޓާއެކު އެއާލައިންގެ ހިދުމަތްތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އައިލެންޑް އޭވިއޭޝަން (އައިއޭއެސް)އިން ބުނެފިއެވެ.
މޯލްޑިވިއަން އެއާލައިނުން ބޭނުންކުރާ ޑޭޝް8 މަރުކާގެ އެއާކްރާފްޓްތަކުގެ ބަދަލުގައި ބައިނަލްއަގުވާމީ އެއާލައިންތަކުގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އޭޓީއާރު އެއާކްރާފްޓުތަކެއް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން މިއަހަރު ނިމުމުގެ ކުރިން އޭޓީއާރު ތިން އެއާކްރާފްޓް ގެނެވޭނެ ކަަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އޭޓީއާރު އެއާކްރާފްޓަކީ މިހާރު މޯލްޑިވިއަން އިން ބޭނުންކުރާ ޑޭޝް8 މަރުކާގެ އެއާކްރާފްޓުތަކާ އަޅައިބަލާއިރު އޮޕަރޭޓު ކުރުމުގެ ހަރަދު އެތައް ގުނައަކަށް ކުޑަ އެއާކްރާފްޓު ތަކެކެވެ. އެއީ ޑޭޝް8 މަރުކާގެ ބޯޓުތަކުގެ ސްޕެއާ ހޯދުމަށް ދިމާވާ ގޮންޖެހުންތަކާއި ސްޕެއާ ގަތުމަށް ކުރަން ޖެހޭ ހަރަދު ބޮޑުއިރު އޭޓީއާރް އެއާކްރާފްޓުތަކުން ފިއުލް ހަރަދު ކުޑަވުމާއި މެއިންޓެނަންސް އަށް ކުރަން ޖެހޭ ހަރަދުވެސް ކުޑަވީމައެވެ. މި ބަދަލާއެކު ޑޭޝް8 މަރުކާގެ ބޯޓުތަކުގެ ސަބަބުން އެކުންފުންޏަށް އުފުލަން ޖެހިފައިވާ މާލީ ބުރައަށްވެސް ލުއިތަކެއް ލިބިގެންދާނެ އެވެ.
މޯލްޑިވިއަން ހިންގާ އައިއޭއެސް އިން "ވަން" އަށް މައުލޫމާތު ދިންގޮތުގައި އޭޓީއާރު އޮޕަރޭޓް ކުރަންފެށުމާއެކު އެ ކުންފުނީގެ ޑޮމެސްޓިކް އޮޕަރޭޝަންސް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގުތައް މުރާޖައާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ. އެގޮތުން، އޭޓީއާރާއެކު އައިއޭއެސްގެ ހަރަދުތަކަށް ލުއިފަސޭހަތަކެއް ލިބޭނެ ކަމަށާއި އެއީ އެކުންފުނީގެ "ޓިކެޓުތަކުގެ އަގުތަކަށް ހެޔޮ ބަދަލެއް ގެނައުމަށް ލިބިގެންދާނެ ފުރުސަތެއް" ކަމަށް ދެކޭ ކަމަށް ބުންޏެވެ.
އައިއޭއެސްއިން ބުނި ގޮތުގައި މޯލްޑިވިއަންގެ ފަސިންޖަރުންގެ ޝަކުވާތަކަށް ބަލާއިރު ފްލައިޓް ޑިލޭވުމާއި، ކެންސަލް ވުމާއި، ހިދުމަތުގެ ފެންވަރުގެ އިތުރުން އެއާކްރާފްޓް ކެބިންގެ ހިތްހަމަ ނުޖެހުންތަކަކީ އެކުންފުނިން އަބަދުވެސް ވަރަށްބޮޑު އިސްކަމެއް ދީގެން ހައްލު ކުރުމަށް މަސައްކަތް ކުރާ ކަންތައްކަތެވެ.
އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓްގެ އާ ރަންވޭއާއެކު ލިބިގެންދާ ފަސޭހަތަކާއެކު ފްލައިޓް ޑިލޭވުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށާއި އެއާއެކު އޭޓީއާރާއެކު ފްލައިޓް ޝެޑިއުލް އިތުރަށް ފުރިހަމަކޮށް ފްލައިޓް ޑިލޭވުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަން ވެސް އެކުންފުނިން ފާހަގަ ކުރެއެވެ.
ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އޭޓީއާރާއެކު އާ ހިދުމަތްތައް ތައާރަފުކޮށް މުވައްޒަފުންނަށް އިތުރު ތަމްރީންތައް ދިނުމަކީ އެ ކުންފުނީގެ ސްޓެރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ކަމަށާއި މިހާރުވެސް ފަސިންޖަރުންގެ ޝަކުވާތައް ބަލައިގަނެ އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތައް ކެނޑިނޭޅި ކުރަމުން އަންނަ ކަމަށް އައިއޭއެސް އިން ބުންޏެވެ.
ފްރާންސްގެ އޭޓީއާރު ކުންފުންޏާއެކު މޯލްޑިވިއަނުން މި އަހަރުގެ ޖެނުއަރީގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އޭޓީއާރު 600-72ގެ ދެ މަތިންދާ ބޯޓާއި އޭޓީއާރު 400-72ގެ އެއް މަތިންދާބޯޓު މިއަހަރު ރާއްޖެ ގެންނާނެއެވެ. މިހާރު މޯލްޑިވިއަންގެ ފްލީޓުގައި ހިމެނެނީ ޑޭޝް-8 މަރުކާގެ 10 ބޯޓާއި އެއާބަސް މަރުކާގެ ދެ ބޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު