އޭޑީކޭ ހޮސްޕިޓަލަށް 1.7 މިލިޔަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ފުޓްބޯލް އެސޯސިއޭޝަންގެ އޮފް މޯލްޑިވްްސް (އެފްއޭއެމް) ގެ މައްޗަށް ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ އެފްއޭއެމުގެ އެދުމުގެމަތިން އޭޑީކޭއިން ފޯރުކޮށްދިން ހިދުމަތްތަކަށް 5 ފެބްރުއަރީ 2022 ގެ ނިޔަލަށް އެ ހޮސްޕިޓަލަށް އެފްއޭއެމް އިން ދަައްކަން ޖެހޭ 1.7 މިލިޔަން ރުފިޔާ ދައްކާފައި ނުވާތީ އެ ފައިސާ އެއްފަހަރާ ހޯދުމަށް އެދި އެފްއޭއެމްގެ މައްޗަށް އޭޑީކޭ ހޮސްޕިޓަލުން ކޮށްފައިވާ ދައުވާއެކެވެ.

މި މައްސަލައިގައި އޭޑީކޭއިން ބުނެފައި ވަނީ އެއީ 15 އިންވޮއިސްއަކަށް ދައްކަން ޖެހޭ ޖުމުލަ 1.7 މިލިޔަން ރުފިޔާ ކަމަށެވެ.

މައްސަލައަށް ޖަވާބުދާރީވަމުން އެފްއޭއެމުން ބުނެފައި ވަނީ މިވަގުތު އެ ފައިސާ އެކީ އެއްފަހަރާ ދެއްކުމަކީ، ދަތި އުނދަގޫ ކަމެއް ކަމަށެވެ. އެހެންކަމުން 12 މަސްދުވަހަށް ބަހާލައިގެން ކޮންމެ މަހަކުވެސް އެމަހަކަށް ޖެހޭ މިންވަރަށްވުރެ މަދުނޫން އަދަދެއް ދައްކަމުންގޮސް އެ ފައިސާ ދައްކައި ހަލާސްކުރާ ގޮތަށް އަމުރުކޮށްދިނުމަށް ކޯޓުގައި އެދުނެވެ. ނަމަވެސް އޭޑީކޭއިން އެގޮތަށް ގަބޫލެއް ނުކުރިއެވެ. އެހެންކަމުން އެ ފައިސާ ދައްކާނެ މުއްދަތަކާމެދު ދެފަރާތަށް އެއްބަހެއް ނުނެވުނެވެ.

އެ މައްސަލައިގައި ސިވިލްކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ، އެ ފައިސާއަކީ އެފްއޭއެމުން އޭޑީކޭއަށް ދައްކަން ޖެހޭ ފައިސާއެއް ކަމަށެވެ. އެހެންކަމުން އެއްމަސްދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ އެފައިސާ ސިވިލްކޯޓަށް ދައްކައި ހަލާސް ކުރުމަށް އެފްއޭއެމްގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.