"އުރީދޫ ފަން ރަން" ގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސްއިން ހުޅުވާލައިފިއެވެ.
އުރީދޫން މިއަދު ބުނީ ރަންގައި ބައިވެރިވުމަށް އެކުންފުނީގެ [އީ-ކޮމާސް ޕްލެޓްފޯމް](http://ore.do/funrunkit) މެދުވެރިކޮށް ރެޖިސްޓާ ކުރެވޭނެ ކަމަށެވެ. އުރީދޫ ފަން ރަންގައި ރެޖިސްޓާ ވުމުގެ ފަހު ވަގުތަކީ މި މަހުގެ 15 ވަނަ ދުވަހެވެ.
މި ދުވުމުގައި ހަ އަހަރުން މަތީގެ ހުރިހާ މީހުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ މީހުންނާއި އާއްމުކޮށް ދުވާ މީހުންނަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއް ކަމަށް އުރީދޫއިން ބުންޏެވެ.
އުރީދޫން ބުނީ އުރީދޫ ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ.
އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، އެ ސަރަހައްދެއްގައި ބަހައްޓާފައިވާ ސްޓޭޝަންތަކުގައި، ކުލަ ޖެހުމުގެ އިތުރުން ފެން ޖެހުން ފަދަ މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި ވެސް ޖޮގްކޮށްފައި ވެސް ރޭސް ނިންމި ދާނެ ކަމަށް އުރީދޫއިން ބުންޏެވެ.
އުރީދޫ ފަން ރަންއަށް ސްޓޭންޑާޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީ ކިޓް ވިއްކައެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑެއް ހިމެނޭ އިރު، އޭގެ އަގަކީ 100 ރުފިޔާއެވެ. އަދި 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަހާއި އައިނު އަދި ބަންޑާނާ ހިމެނެއެވެ.
އުރީދޫ ފަން ރަން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 23 ވަނަ ދުވަހު ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.
ޚަބަރު
ޚަބަރު