ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓްރަކަށް މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ސްލޮޓެއްގައި ހުންނެވި އަލީ ޝިމާޒަށް ފިޔަވަޅު އަޅަންވާނީ ފުރިހަމަ ތަހުގީގެއް ކުރުމަށްފަހު ކަމަށް އެމްއާރްއެމްއިން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ޝިމާޒަށް ފިޔަވަޅު އަޅައިދެއްވުމަށް އެދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ސިޓީއެއް ފޮނުއްވައިފައެވެ. "ވަން" އަށް އެނގިފައިވާ ގޮތުގައި ޝިމާޒަށް ފިޔަވަޅު އަޅައިދިނުމަށް އެދި ނަހުލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީ ފޮނުއްވީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.

ޝިމާޒަށް ފިޔަވަޅު އަޅައިދޭން އެދުނީ އޭނާއަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއްގައެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް މިނިސްޓްރީން ބަލަދަމުންދާ އިރު، ގަވާއިދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީކޮށްދިން ކަމަށް ތުހުމަތުވާ މައްސަލަތަކެއްވެސް ހިމެނެއެވެ. އެނގިފައިވާ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޝިމާޒަށް ތުހުމަތު ކުރެވޭ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށްވެސް ހުށަހަޅައިފައެވެ.

އެމްއާރްއެމްއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ޕާޓީއަކީ އަބަދުވެސް ކޮރަޕްޝަނާ ދެކޮޅަށް ވަކާލާތު ކުރާ ޕާޓީއެއް ކަމަށާއި ޝިމާޒުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ސަބަބުން އެ ޕާޓީން ކަންބޮޑުވާ ކަމަށެވެ. އަދި ކަމާގުޅޭ އިދާރާތަކުން ފުރިހަމަ ތަހުގީގެއް ކުރުމަށްފަހު ނޫނީ ޝިމާޒާމެދު ސަރުކާރުން ފިޔަވަޅެއް އެޅުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"އެފަދަ މައްސަލަތައް ތަހުގީގުކޮށް ބެލުމަށް ހެދިފައިވާ މުއައްސަސާތަކުން ފުރިހަމަ ތަހުގީގެއް ހިންގުމަށްފަހު މެނުވީ މިކަމުގައި ގޮތެއް ނިންމުމަކީ ރަނގަޅު ގޮތެއް ނޫން ކަމުގައި މި ޕާޓީއިން ދެކެމެވެ،" އެމްއާރްއެމުން ބުންޏެވެ.

ޝިމާޒްއަކީ އެމްއާރްއެމްގެ ސްލޮޓެއްގައި ޑެޕިއުޓީ މިނިސްޓަރުކަމުގައި ހުންނެވި ފަރާތަކަށްވުމުން ޕާޓީގެ އުސޫލުގެ ތެރެއިން ޝިމާޒަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ފުރުސަތު ދެއްވުމަށްފަހު ފިޔަވަޅު އެޅުމާމެދު ގޮތެއް ނިންމާނެ ކަމަށް އެމްއާރްއެމްއިން ބުންޏެވެ.

ޝިމާޒްއާ ކުރާ ކޮރަޕްޝަންގެ ތުހުމަތުތައް މިދިޔަ އަހަރު ވެސް ވަނީ ފެންމަތިވެފައެވެ. އެފަހަރު އެ ތުހުމަތު ޝިމާޒަށް ކުރެއްވީ ޓެންޑާ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއިލް ޒަރިޔަންދުއެވެ.

އެ ތުހުމަތުތާ ގުޅިގެން އެމްއާރްއެމުން އެއިރު ބުނެފައިވަނީ ޝިމާޒަށް ދެކޮޅަށް ބަލަމުންދާ މައްސަލަ އަވަހަށް ނިންމައި އެ ޕާޓީއަށް އެކަމުގެ ރިޕޯޓު ހިއްސާކުރުމަށް އެދޭ ކަމަށެވެ.