މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްގެ ބެޗްލާސްއިން އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ މެނޭޖްމެންޓް ކިޔަވަމުންދާ ދަރިވަރުން ބާއްވާ "ސަގާފީ ފުޑްސްޓިވަލް" ގެ މީޑިއާ ޕާޓްނަރަކަށް "ވަން އޮންލައިން" ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ސަގާފީ ފުޑްސްޓިވަލްގެ މީޑިއާ ޕާޓްނަރުކަމުގެ އެއްބަސްވުމުގައި "ވަން" ގެ ފަރާތުން ސޮއިކުރެއްވީ ވަން މީޑިއާ ގްރޫޕުގެ އެޑްމިން އެންޑް މާކެޓިން މެނޭޖަރު މަރިޔަމް ހަޝްމާ ޔޫސުފެވެ. އެފްއެޗްޓީއެސްގެ ފަރާތުން ސޮއިކުރެއްވީ މާކެޓިން މެނޭޖާ އައިޝަތު އަމާނީ ހަސަންއެވެ.
ސަގާފީ ފުޑްސްޓިވަލްއަކީ ބެޗްލާސްއިން އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ މެނޭޖްމެންޓްގެ ހަވަނަ ސެމެސްޓާގެ ދަރިވަރުންގެ މޮޑިއުލްއަށް ބާއްވާ އިވެންޓެކެވެ. މިއީ ހަވަނަ ސެމެސްޓާގެ ދަރިވަރުންގެ ފައިނަލް އިވެންޓެވެ.
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެމްއެންޔޫން ބާއްވާ ސަގާފީ ފުޑްސްޓިވަލް އޮންނާނީ އަންނަ ހޮނިހިރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ގްރައުންޑް ފްލޯގައި 15:30 އިން 18:00 އަށެވެ.
އެ ފުޑްސްޓިވަލްގައި އިޓަލީ، އިންޑިއާ، ރާއްޖެ، މެކްސިކޯ އަދި ތައިލެންޑުގެ ކާބޯތަކެތި ތައްޔާރުކޮށްފައިވާ ހަ ސްޓޯލެއް ވީއައިއޭގެ ގްރައުންޑް ފްލޯގައި ބަހައްޓާނެއެވެ. އެއިން ކޮންމެ ސްޓޯލެއް ވެސް ހުންނަނީ އެ ގައުމެއްގެ ކަލްޗަރަލް ތީމަށް ތައްޔާރުކޮށްފައެވެ.
މީގެ އިތުރުން އެ ސަރަހައްދުގައި އިތުރު ހަރަކާތްތައްވެސް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ބޮޑުބެރުގެ ހަރަކާތްތައްވެސް ހިމެނެއެވެ.