ޚަބަރު

ފަނޑިޔާރުންނަށް ފާރަލިކަމުގެ ތުހުމަތުގައި ސުޕްރީމް ކޯޓުގެ އެސްޖީ ވަކިކޮށްފި

މުހައްމަދު އިޝާން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާރަލައި އެ ކޯޓުގެ ބައެއް ސިއްރު މައުލޫމާތުތައް ބައެއް ފަރާތްތަކާ ހިއްސާކުރި ކަމުގެ ތުހުމަތުގައި ސަސްޕެންޑުކޮށްފައިވާ އެ ކޯޓުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީީ) ޑރ. ހުސައިން ފާއިޒް މިއަދު މަގާމުން ވަކިކޮށްފިއެވެ.

ޑިޕާޓްމެންޓް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ޑިޕާޓްމެންޓުން ކުރި ތަހުގީގުން ފާއިޒްގެ މައްޗަށް ތުހުމަތު ކުރެވުނު ކަންކަން ސާބިތުވެފައިވާ ކަމަށެވެ.

ޑީޖޭއޭއިން ބުނީ، ސުޕްރީމް ކޯޓުގެ ސެކިއުރެޓީ ކަންކަން ހަރުދަނާކުރަން ކަމަށް ވިދާޅުވެ، ފާއިޒްވަނީ ފަނޑިޔާރުންނާއި ކޯޓުގެ މުވައްޒަފުންނަށް ފާރަލެވޭ ގޮތަށް ކެމެރޭ ހަރުކޮށްފައި ކަމަށެވެ. އަދި ކެމެރާތަކުގެ ލައިވް ފީޑް ފާއިޒްގެ ކޮޓަރިއަށް ލިބޭގޮތް ހަދާފައިވާކަން ވެސް ސާބިތުވާ ކަމަށް ޑީޖޭއޭއިން ބުންޏެވެ.

"މި އަމަލު ކޮށްފައިވަނީ ޒިންމާދާރުކަން ކުޑަގޮތެއްގައި ކަމަށްވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިދާރީ އިސްވެރިޔާގެ ހައިސިއްޔަތުން އޭނާއަށް ކުރެވޭ އިތުބާރު މިހާރު ވަނީ ގެއްލިފަ،" ޑީޖޭއޭއިން ބުންޏެވެ.

ފަނޑިޔާރުންނާއި މުވައްޒަފުންނަށް ފާރަލުމަށް ފާއިޒް ވަނީ ކެމެރާ ހަރުކުރުމުގެ މަސައްކަތަށް ދެ ލައްކަ އަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައެވެ. އަދި އެ ހަރަދު ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރާގޮތަށް ސްޓޭޓްމަންޓް އޮފް ރިކުޔަމަންޓް ތައްޔާރުނުކޮށް، ސެކިއުރިޓީ ބެލެހެއްޓުމުގެ މަގުސަދާ ހިލާފަށް ކަމަށް ޑީޖޭއޭއިން ބުންޏެވެ.

ފާއިޒުގެ އެ އަމަލުތަކަކީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފު އަމަލެއް ކަމަށާއި ސުޕްރީމް ކޯޓުގެ މައްޗަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމުގެ ގޮތުން އެ ކޯޓުގައި ހިނގަމުންދާ މައްސަލަތަކާ ގުޅިގެން ކޯޓުގެ މުވައްޒަފުން އަމަލުތައް ބަހައްޓަންވީ ގޮތާ ބެހޭ ގޮތުން ފަނޑިޔާރުން ދީފައިވާ އިރުޝާދުތަކާ ފާއިޒް ހިލާފުވެފައިވާ ކަމަށް ވެސް ޑީޖޭއޭއިން ބުންޏެވެ.

ފަނޑިޔާރުންނާއި މުވައްޒަފުންނަށް ފާރަލާކަމުގެ ތުހުމަތުގައި ފާއިޒް އެސްޖީގެ މަގާމުން ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ މާޗު މަހުގެ 31 ވަނަ ދުވަހުއެވެ. ޑީޖޭއޭއިން އޭނާ ސަސްޕެންޑްކުރީ މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށެވެ.