މޫނުގެ ހަންގަނޑަށް ކެންސަރު ޖެހި، އެކަމަށް ފަރުވާ ހޯދަން ޖެހުނު ކަމަށް ބަޔާން މިއުނިކް އަދި ޖަރުމަނުގެ އެއް ނަންބަރު ގޯލްކީޕަރު މެނުއަލް ނޯޔާ ހާމަކޮށްފިއެވެ.
ފަހުގެ ތާރީހެއްގައި ފެނުނު އެންމެ މޮޅު އެއް ގޯލްކީޕަރު ނޯޔާ، މީގެ ކުރިން ކެންސަރާ ހަނގުރާމަ ކުރިކަމުގެ އެއްވެސް މައުލޫމާތެއް މީޑިއާގައި ހާމަކޮށްފައެއް ނުވެއެވެ. އޭނާ އެ މައުލޫމާތު މިފަހަރު ހާމަކޮށްފައި ވަނީ ހަންގަނޑަށް ހާއްސަ ޕްރޮޑަކްޓެއް ލޯންޗުކުރުމަށް ކުޅެފައިވާ އިޝްތިހާރެއްގެ ތެރެއިންނެވެ. އެ ޕްރޮޑަކްޓް އިއުލާނުކޮށްފައި ވަނީ ޓެނިސް ތަރި އަންގެލިގޭ ކާބާއާއެކުގައެވެ.
"ހަންގަނޑުގެ ބަލިތަކަށް ބަލައި އިރު، ވަރަށް ޕާސަނަލް ތާރީހެއް އަހަރެމެން ދެ މީހުންގެވެސް އެބަ އޮތް. ކާބާއަކީ ހައިޕާޕިގްމެންޓޭޝަން ހުރި މީހެއް. އަދި އަހަންނަކީ މޫނުގެ ހަންގަނޑަށް ކެންސަރު ޖެހި އެކަމާ ހަނގުރާމަކުރި މީހެއް. އަހަރެން މޫނުގެ ހަންގަނޑަށް ކެންސަރު ޖެހިގެން ތިން އޮޕަރޭޝަނެއްވެސް ކުރަން ޖެހުނު،" ނޯޔާ ބުނެފައިވެއެވެ.
އެ ވީޑިއޯ ކޮޅުގައި ނޯޔާ އިތުރަށް ބުނީ ހަންގަނޑުގެ މައްސަލަތަކަކީ ފަރުވާކުޑަކޮށް ދޫކޮށްލެވޭނެ ކަންކަން ނޫން ކަމަށާއި އެއަށްވުރެ ސީރިއަސްކޮށް ބަލައި، ހަންގަނޑަށް ބޭނުންވާ ފަރުވާތައް ދޭން ޖެހޭނެ ކަމަށެވެ.
ނޯޔާ މިވަގުތު ހުރީ ކޮނޑުހުޅުގެ އަނިޔާއެއްގައެވެ. ނޯޔާއަށް އަނިޔާވީ ބަޔާންއާއި ބްރޫޝިއާ ޑޯޓުމަންޑުން ލީގުގައި ކުޅުނު މެޗުގައެވެ. އެ މެޗުގައި ނޯޔާއަށް އަނިޔާވެ މިވަގުތު ކުޅުމާ ދުރުގައި ހުރި ނަމަވެސް، ބަޔާންގެ ކޯޗު ޖޫލިއަން ނަގެލްސްމަން ބުނީ ވޯލްޑް ކަޕަށް ނޯޔާ ފިޓްވާނެ ކަމަށެވެ.
ނޯޔާއަކީ އަދިވެސް ޖަރުމަނު ގައުމީ ޓީމުގެ އެއް ނަންބަރު ގޯލްކީޕަރެވެ. އޭނާއަކީ 2014 ވަނަ އަހަރު ޖަރުމަނަށް ވޯލްޑް ކަޕްގެ ތަށި ހޯދައިދިނުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިޔާއެވެ. ނޯޔާ ވަނީ އެ އަހަރު ވޯލްޑް ކަޕްގެ ރަން އަންގިވެސް ހޯދައިފައެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ