މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދަށް ނިސްބަތް ކުރައްވައި، ހުދުމުހުތާރު ރިޔާސަތުގެ ކުރިމަތީގައި ރައްޔިތުންނަށް ކަންކަން ސާފުކޮށްދިނުމާއި، ރައްޔިތުންގެ ހައްގުގައި ބަސް ބުނުމަކީ ދަތިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޝިފާއު މިހެން ވިދާޅުވީ، ރާއްޖެ އާއި މޮރިޝަސްގެ އިގުތިސޯދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ބަދަލުވެފައިވޭތޯ ބަލަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރުގެ ބަހުސްގެ ތެރެއިން ޝިފާއު ދެއްކެވި ވާހަކައަށް މަޖިލިސް ރައީސް ރައްދު ދެއްވަން ފެއްޓެވުމުންނެވެ.

މިއދުގެ މަޖިލިސް ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްްބަރު މުހައްމަދު ނާޒިމެވެ.

މި ގަރާރަށް ވާހަކަދައްކަވަމުން މެންބަރު ޝިފާއު ވިދާޅުވީ، މިއީ ސިޔާސީ ގަރާރެއް ކަމަށެވެ.

ޗާގޯސްއަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެން އެ ސަރަހައްދުގެ ކަނޑުގެ މިލްކުވެރިކަމާ މެދު އުފެދިފައިވާ މައްސަލަ ފާހަގަކުރައްވައި ޝިފާއު ވިދާޅުވީ، ރާއްޖޭގައި އެތައް ރައީސުންނެއް ވެރިކަންކޮށް އެތައް ބަންޑާރަނާއިބުންނެއް މަގާމު އަދާކޮށްފައިވާ އިރު، ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖެއަށް ހޯދެން އޮތް އެއްޗެއް ހޯދަން މަސައްކަތް ނުކޮށް އަތް އުރާލައިގެން މިއޮތް ހުރިހާ ދުވަހަކު ތިއްބެވުމަށްފަހު، އެތަން ގެއްލުނީމާ އެ ވާހަކަދެއްކުމަކުން އެމީހުން އަދާނުކޮށް އޮތް ޒިންމާއިން ބަރީއަ ނުވެވޭނެ ކަމަށެވެ.

ޗާގޯސްއަކީ އެމީހުންގެ ތަނެއް ކަަމަށް މޮރިޝަސް އިން ދައުވާކުރި ގޮތަށް އޭރު ރާއްޖެއަށްވެސް އެ ފުރުސަތު އޮތް ކަމަށާއި ނަމަވެސް އެއްވެސް ވެރިއަކު އަދި އެއްވެސް ބަންޑާރަނާއިބަކު އެގޮތަށް މަސައްކަތް ކޮށްފައިނުވާ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެ މައްސަލައިގައި ބައިނަލްއަގުވާމީ ކޯޓުން މިއަދު ހުކުމް ކޮށްފައިވާ އިރު، އެ ހުކުމް ގަބޫލު ކުރަންޖެހޭ ކަމަށާއި އެއީ ރާއްޖޭގެ ބައެއް ދޫކޮށްލުމަށް ވެވޭ އެއްބަސްވުމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ވަކި ހިސާބަކުން މަޖިލިސް ރައީސް، ޝިފާއުގެ ވާހަކަ ހުއްޓުވިއެވެ. އެއަށްފަހު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ބަންޑާރަ ނާއިބުންނާއި ހުރިހާ ވެރިންވެސް ރާއްޖޭގެ ސިޔާސީ އިގުތިސާދީ ސަރަހައްދު ހިފެހެއްޓުމަށް ނުހަނު ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. "އެހެންވެ މި ބޮޑު ސަރަހައްދު ރާއްޖޭގެ ރައްޔިތުންނަށް ސަލާމަތްވެ، މިނިވަންކަމާއެކީ އޮތީ،"

ރައީސް ނަޝީދުގެ ވާހަކަތަކާ ގުޅިގެން ޝިފާއު ވިދާޅުވީ، "ހުދުމުހުތާރު ރިޔާސަތުގެ ކުރިމަތީގައި ރައްޔިތުންނަށް ކަންކަން ސާފުކޮށްދިނުމާއި، ރައްޔިތުންގެ ހައްގުގައި ބަސް ބުނުމަކީ ދަތިކަމެއް،" ކަމަށެވެ. އެ ގަރާރަކީ ޗާގޯސް މައްސަލައިގައި ދުނިޔޭގެ ކޯޓުތަކުން ގޮތް ނިންމާފައި ވަނިކޮށް މައްސަލައިގެ ހަގީގަތް އޮޅުވާލަން ބަޔަކު ގަސްތުގައި ކުރާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި ރިޔާސަތުން ފާސްކޮށްގެން އެހެން ގައުމެއްގެ ސިޔާދަތަށް އަރައިގަނެވޭ ނަމަ މަސްވެރިންގެ ހައްގުގައި އިންޑިއާ ކަނޑުގައި އޮތް މަސް ކަނޑު ހޯދަން މަަސައްކަތްކުރަން ޖެހޭ ކަމަށް ވެސް ޝިފާއު ވިދާޅުވިއެވެ.

އެހިސާބުންވެސް މަޖިލިސް ރައީސް ޝިފާއުގެ ވާހަކަ ހުއްޓުވިއެވެ. ވިދާޅުވީ، ބައިނަލްއަގުވާމީ އުސޫލުތަކުން ކަނޑައެޅިފައިވާ ސިޔާސީ ސަރަހައްދުތަކަށް ބަހުސް ކުރަން ފުރުސަތެއް ނެތް ކަމަށެވެ. އަދި ޝިފާއުއަށް ވާހަކަދެއްކުމަށް ލިބިފައިވާ ފުރުސަތު ނިމުނީ ކަމަށް ވިދާޅުވެ މަޖިލިސް ރައީސް އެހެން މެންބަރަކަށް ފުރުސަތު ދެއްވިއެވެ. ނަމަވެސް އޭނާގެ ފުރުސަތު ހަމަނުވާ ކަމަށް ޝިފާއު ތަކުރާރުކޮށް ވިދާޅުވާން ފެއްޓެވުމުން ބާކީ އެއް މިނެޓުގެ ފުރުސަތެއް އިން ކަމަށް ވިދާޅުވެ މަޖިލިސް ރައީސް އޭނާ ވާހަކަދެއްކުމަށް އިތުރު ފުރުސަތެއް ދެއްވިއެވެ.