ވޮލީ ބޯލް

"ވާއު ކަޕް": ފުރަތަމަ މެޗުތައް ނުކުޅަދާނަ އެސްސީ އާއި ކިނާން އެސްސީ އަދި އޮރްޒޯއަށް

ވ. ފުލިދޫގެ ވާއު ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ކުޅުންވެސް އިއްޔެ ފަށައިފިއެވެ.

އިއްޔެ ފެށި ވާއު ކަޕް ޝަރަފުވެރި ކޮށްދެއްވީ ފުލިދޫއަށް ނިސްބަތްވާ ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިއެއް ކަމަށްވާ މުހައްމަދު ތައުފީގާއި މުބާރާތުގެ ސްޕޮންސަރެއް ކަމަށްވާ ސީނާ އިންގެ ވެރިޔާ އަބްދުލް ރަހުމާނެވެ. ފުލިދޫ ވާއު ކަޕަކީ ރަށުގެ ރައްޔިތުންގެ މެދުގައި ކުޅިވަރުގެ ތެރެއިން ގުޅުން ބަދަހިކޮށް، ރަށުގައި އޮންނަ ވޮލީގެ ޝައުގުވެރިކަމަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް އެރަށު ޒުވާނުންގެ ތެރެއިން ބަޔަކު އިސްނަގައިގެން ބާއްވާ ވޮލީބޯޅަ މުބާރާތެކެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގައި ތިން ޓީމަކުން އަދި ފިރިހެން ޑިވިޝަންގައި ހަތަރު ޓީމަކުން ވާދަކުރާނެއެވެ. ފިރިހެން ޑިވިޝަންގެ ލީގު ބުރުގެ ދެމެޗު އިއްޔެ ކުޅެފައިވާ އިރު، ފުރަތަމަ މެޗުގައި ވާދަކުރީ އޮރްޒޯ އެސްސީއާއި ފުޅަނގި އެވެ. އެމެޗު 3-1 ސެޓުން ކާމިޔާބުކުރީ އޮރްޒޯއެވެ. ފުރަތަމަ ދެސެޓު އޮރްޒޯއިން ކާމިޔާބުކުރީ 19-25، 20-25 އިންނެވެ. ތިންވަނަ ސެޓު ފުޅަނގި، 25-20 އިން ގެންދިޔުމުން މެޗު ހަތަރު ވަނަ ސެޓަށް ގޮސްފައިވާ އިރު، ހަތަރު ވަނަ ސެޓު އޮރްޒޯ ގެންދިޔައީ 25-16 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކީ އޮރްޒޯގެ އަހުމަދު ހާޝިމެވެ.

ފިރިހެން ޑިވިޝަންގެ ދެވަނަ މެޗުގައި ނުކުޅަދާނަ އެސްސީ އާއި ނުކުޅަދާނަ އެސްއެސްއެޗްއެޗް ވާދަކޮށް، ނުކުޅަދާނަ އެސްސީ މެޗު ގެންދިޔައީ ސީދާ ތިން ސެޓުންނެވެ. އެޓީމުން ސެޓުތައް ގެންދިޔައީ 25-16، 25-22 އަދި 25-16 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ނުކުޅަދާނަ އެސްސީގެ ޖިނާން އިބްރާހީމެވެ.

އަންހެން ޑިވިޝަން ފެށުމަށް އިއްޔެ ކުޅުނު މެޗުގައި ޓީމް ޗެމްޕިއަން ކައިރިން ކިނާން އެސްސީ މޮޅުވީ 3-1 ސެޓުންނެވެ. ކިނާނަށް މެޗުގެ ފުރަތަމަ ސެޓު ގެއްލުނީ 9-25 އިން ނަމަވެސް، ދެން ޖެހިގެން އައި ތިން ސެޓުގައި މޮޅަށް ކުޅެ މެޗު އަނބުރާލިއެވެ. އެޓީމުން ސެޓުތައް ގެންދިޔައީ 25-19، 25-17 އަދި 25-17 އިންނެވެ.

މުބާރާތުގެ މެޗުތައް މިއަދުވެސް އޮންނާނެއެވެ. މިއަދު މެންދުރު އޮންނަ މެޗުގައި ވާދަކުރާނީ އަންހެން ޑިވިޝަންގެ ހުވަން އަދި ކިނާން އެސްސީއެވެ. ހަވީރާއި މިރޭ އޮންނާނީ ފިރިހެން ޑިވިޝަންގެ ދެމެޗެވެ. ހަވީރު އޮންނަ މެޗުގައި އޮޒްރޯ އެސްސީ ނުކުންނާނީ ނުކުޅަދާނަ އެސްއެސްއެޗްއެޗްއާ ދެކޮޅަށެވެ. މިރޭގެ މެޗުގައި ފުޅަނގި ނުކުންނާނީ ނުކުޅަދާނަ އެސްސީއާ ދެކޮޅަށެވެ.

ފުލިދޫ ވާއު ކަޕްގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް ޓްރޮފީއާއެކު 25،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ އިރު، އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅާފައެވެ.

ފުލިދޫ ވާއު ކަޕްގެ އެންމެފަހުގެ އަދާހަމަތައް އެ މުބާރާތަށް ހާއްސަ ފޭސްބުކް ޕޭޖުން ލިބެމުންދާނެއެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ.