Close
ޚަބަރު

ޗާގޯސް މައްސަލައިގައި ރައީސް ޔާމީން ބަދަލުކުރަން ޖެހޭ ކަމެއް ނޯންނާނެ: ސަރުކާރު

ރިފާ ހަލީލު

1

ޗާގޯސް މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަދަލު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ނޯންނާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ޕީޕީއެމްގެ ޖަގަހައިގައި ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވީ، ޗާގޯސް މައްސަލައިގައި މި ސަރުކާރުން ގެންގުޅުނު ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮތްކަމަށް މި ސަރުކާރުން ގަބޫލުކުރި ކުރުން ޕީޕީއެމްގެ ސަރުކާރެއްގައި އަނބުރާ ޖަހާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، ޗާގޯސް މައްސަލައިގައި ދިވެހި ސަރުކާރުން ދެން އިތުރަށް ނިންމަން ޖެހޭކަމެއް ނޯންނާނެކަމަށެވެ. ރައީސް ޔާމީން އިތުރަށް ބަދަލުކުރައްވަން ޖެހިވަޑައިގަންވާ ކަމެއްވެސް ނޯންނާނެކަމަށެވެ.

މިއުވާން ވިދާޅުވީ ޗާގޯސް މައްސަލަ މިހާރު ނިމިފައި އޮތީ ބައިނަލްއަގުވާމީ ކޯޓަކުން ނިންމާފައި އޮތް ނިންމުމެއްގެ މައްޗަށް ކަމަށެވެ.

"މިހެން މިދެންނެވީ ބައިނަލްއަގުވާމީ ކޯޓަކުން ނިންމި ނިންމުމެއް މިހާރު ނިމިފަ އެއޮތީ. ކުރިއަށް މިދަނީ އަނެއްކާވެސް ބައިނަލް އަގުވާމީ ޓްރައިބިއުނަލެއްގައި ކުރިއަށްދާ މައްސަލައެއް. އެހެންވީމަ މިކަމުގަ ސަރުކާރުން ނަގާފަ އޮތް ސްޓޭންޑެއް ދެން އިތުރަކަށް ބަދަލު ކުރާކަށް ނުޖެހޭނެ." އޭނާ ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ބައިނަލް އަގުވާމީ ކޯޓަކުން ނިންމާ ނިންމުމަކާ ރައީސް ޔާމީން ހިލާފުވެ ވަޑައިގަންނަވަން ބޭނުންފުޅުވާކަމުގައި ވާނަމަ އެއީ އެ މަނިކުފާނުގެ އަމިއްލަ ކަމެއް ކަމަށެވެ. އަދި އެކަމުގައި ސަރުކާރުން އިތުރަށް ބުނާނެ އެއްޗެއް ނެތް ކަމަށާއި ރާއްޖޭގެ ސްޓޭންޑު ބަދަލުކޮށްގެން ދެން އިތުރަށް ކުރަންޖެހޭނެ ކަމެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ އައިސީޖޭގެ މައްސަލައިގައި އައިސީޖޭއިން ނިންމާފައިވާ ނިންމުން ތަންފީޒުކުރުމަށް އދ ގެ އާންމު މަޖިލީހަށް ހުށަހެޅިއްޖެކަމަށް ވާނަމަ ރާއްޖެއިން ވޯޓުދޭނެ ގޮތަކާ ގުޅޭގޮތުން އެއިރަކު އޮންނަ ސަރުކާރެއްގެ ހާރިޖީ ސިޔާސަތާއި އެއްގޮތަށް ވޯޓުދޭނެ ކަމަށެވެ. ހާރިޖީ ސިޔާސަތަކީ ޑީކޮލޮނައިޒޭޝަން ކަމަށާއި ސަރުކާރުން ޑީކޮލޮނައިޒް އަށް ތާއީދު ކުރާ ކަމަށާއި އެއާއި އެއްގޮތަށް ވޯޓު ދޭނެ ކަމަށެވެ.

މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް ގަބޫލުކޮށް 22 އޮގަސްޓު 2022 ވަނަ ދުވަހު މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށް، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިދިޔަ މަހުގެ 20 ވަނަ ދުވަހު ބައިނަލްއަގުވާމީ ޓްރައިބިއުނަލްގައި ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ މައްސަލައިގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން އދ. ގައި ރާއްޖެއިން ވޯޓުލާފައިވަނީ މޮރިޝަސްއާ ދެކޮޅަށެވެ.

މިހާރު އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް ރާއްޖެއިން ބަލައިގަތަސް ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ އިން ކަނޑައެޅުމާ ގުޅޭ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި އެއީ ވަކި މައްސަލައެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އިމުގެ މައްސަލައިގައި މޮރިޝަސްއަށް ދޫނުދޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އަދި އެ ގޮތަށް މޮރިޝަސްގެ ސަރުކާރަށް އަންގައިފައިވާނެ ކަމަށްވެސް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟