ނޫސްވެރިންގެ ރައްކާތެރިކަމަށް ހަ ކަމެއް ތަންފީޒުކުރަން މޯލްޑިވްސް ޖާނަލިޒަމް އެސޯސިއޭއަޝަން (އެމްޖޭއޭ) އިން ސަރުކާރަށް ގޮވާލައިފިއެވެ.

މިއަދު ފާހަގަކުރާ "އިންޓަނޭޝަނަލް ޑޭ ޓު އެންޑް އިމްޕިޔުނިޓީ ފޯ ކްރައިމްސް އަގެއިންސްޓް ޖާނަލިސްޓްސް" ދުވަހާ ގުޅިގެން އެމްޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ނޫސްވެރިންނާ ދެކޮޅަށް ހިންގާ ކުށްތަކަށް އަދަބު ނުދެވޭ ނުދެވުން ހުއްޓުވުމަށް ގޮވާލައި ފާހަގަކުރާ ބައިނަލްއަގުވާމީ މި ދުވަހުގައި ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހަ ކަމެއް ތަންފީޒުކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

އެމްޖޭއޭއިން ފާހަގަކޮށްފައިވާ ފުރަތަމަ ކަމަކީ ފާޅުގައި ހާމަކަންބޮޑު ގޮތެއްގައި ނޫސްވެރިންނާ ދެކޮޅަށް ހިންގާ ޖަރީމާތައް އެންމެ މަތީ ދަރަޖައިގައި ކުށްވެރިކުރުން ތަންފީޒު ކުރުމެވެ. އެގޮތުން ނޫސްވެރިންނަށް ދޭ ހަމަލާތަކާއި އެ މީހުންނާ ދެކޮޅަށް ހިންގާ އެންމެހާ ޖަރީމާތައް، ސަރުކާރާއި ސިޔާސީ ޕާޓީތަކާއި މީޑިއާ ރެގިއުލޭޓަރީ އިދާރާތަކުން ބަލައި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އޭގެ ތެރޭގައި ޖިންސީ އަނިޔާއާއި ވަކި ޖިންސަކަށް އަމާޒުކޮށްގެން ހިންގާ ތަފާތުކުރުމުގެ އަމަލުތަކާއި އަނިޔާތައް ހިމެނޭ ކަމަށާއި އެފަދަ އަމަލުތައް އެއްވެސް ހާލަތެއްގައި ބަލައިނުގަނެ، ހާމަކަން ބޮޑުގޮތެއްގައި އެކަންކަމާ ދެކޮޅަށް ވާހަކަދައްކައި، އަޑުއުފުލާ ކުށްކުރާ ފަރާތް ޖަވާބުދާރީ ކުރުވަން އެކަށީގެންވާ މަސައްކަތް ސަރުކާރުން ކުރަންޖެހޭނެ ކަމަށްވެސް އެމްޖޭއޭއިން ބުންޏެވެ.

ދެވަނަ ކަމަކަށް އެ ޖަމިއްޔާއިން ފާހަގަކުރީ ނޫސްވެރިންނަށް ދޭ އަނިޔާތަކާއި އިންޒާރުތަކާއި ހަމަލާތައް ދޭ ފަރާތްތައް ޖަވާބުދާރީ ކުރުވާކަން ކަށަވަރުކުރުމަށް ސަރުކާރާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އިންސާފުވެރި، އަވަސް، ފުރިހަމަ، މިނިވަން އަދި ހަރުދަނާ ތަހުގީގުތައް މިހާރަށްވުރެ ބޮޑަށް ހިންގަންޖެހޭ ކަމެވެ. އަދި ހާއްސަ ގޮތެއްގައި އަންހެން ނޫސްވެރިންނަށް ކުރާ ޖިންސީ ފުރައްސާރައާއި ތަފާތުކުރުމާއި ދިމާކުރުމުގެ އެންމެހާ އަމަލުތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ނަގައި ނަތީޖާ ނެރެވޭނޭ ތަހުގީގުތަކެއް ހިންގަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ތިން ވަނަ ކަމަކަށް އެމްޖޭއޭއިން ފާހަގަކޮށްފައިވަނީ ކުށްކުރި މީހުންގެ މައްޗަށް ދައުވާކޮށް އަދަބު ދިނުން ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަންޖެހޭ ކަމެވެ.

އެގޮތުން ނޫސްވެރިންނާ ދެކޮޅަށް ޖަރީމާތައް ހިންގާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އަދުލު އިންސާފުގެ ނިޒާމު ގުޅިގެން މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަމަށް ބުންޏެވެ. އޭގެ ތެރޭގައި އެފަދަ ޖަރީމާތައް ހިންގުމަށް އޯޑަރު ދޭ މީހުންނާއި އެކަން ކުރުމަށް ހިތްވަރު ދީ އެހީތެރިވެދީ އަދި އެފަދަ ކަންކަން ފޮރުވައިދޭ ފަރާތްތައްވެސް ތަހުގީގުތަކުން ދެނެގަނެ އިންސާފުގެ ކުރިމައްޗަށް ގެނަން ޖެހޭނެ ކަމަށް ބުންޏެވެ.

އެމްޖޭއޭއިން ބުނީ އަނިޔާގެ ޝިކާރައަށްވާ ނޫސްވެރިންނާއި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭކަން ސަރުކާރުން ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން އަނިޔާގެ ޝިކާރައަކަށްވާ ނޫސްވެރިންނަށާއި އެ މީހުންގެ އާއިލާތަކަށް އެކަށީގެންވާ އެހީތެރިކަމާއި ދޭންޖެހޭ ނަފުސާނީ ފަރުވާ ލިބޭކަން ސަރުކާރުން ކަށަވަރު ކުރަންޖެހޭނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. އަދި އޭގެ ތެރޭގައި ބަދަލު ދިނުމާއި އިޖުތިމާއީ އިގުތިސާދީ އެހީތެރިކަމާއި ދިގު މުއްދަތަކަށް ދޭންޖެހޭ ނަފުސާނީ ފަރުވާ ހިމެނޭ ކަމަށްވެސް ބުންޏެވެ.

އޭގެ އިތުރުން ނޫސްވެރިން ކުރާ މަސައްކަތާ ގުޅިގެން އެ މީހުންނަށް ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކާއި އެހެންވެސް އިންޓަނެޓުގެ ވަސީލަތްތައް މެދުވެރިކޮށް ބިރުދައްކާ އިންޒާރުދީ އެކި ބާވަތުގެ ފުރައްސާރަތައް ކުރުން އާންމުވަމުންދާތީ އެފަދަ ކަންކަމަށް ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ނޫސްވެރިންނަށް ރައްކާތެރިކަން ހޯދައިދޭން ޖެހޭނެ ކަމަށްވެސް އެމްޖޭއޭއިން ބުންޏެވެ. އަދި އެކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށްވެސް ބުންޏެވެ.

ފަހު ކަމަކަށް އެމްޖޭއޭއިން ފާހަގަކޮށްފައިވަނީ މީޑިއާ ޖަމިއްޔާތަކާއި މީޑިއާ ރެގިއުލޭޓަރީ އިދާރާތަކުން، ނޫސްވެރިންނަށް މަސައްކަތުގެ މާހައުލުގައި ކުރާ ފުރައްސާރައާއި އަންހެން ނޫސްވެރިންނާމެދު ކުރާ ތަފާތުކުރުންތަކާއި ޑިޖިޓަލް ސެކިއުރިޓީއާއި ސެލްފް ޕްރޮޓެކްޝަންގެ ތަމްރީނުތައް ފޯރުކޮށްދީގެން ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކުރިއަރުވަން މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަމެވެ. އަދި އަންހެން ނޫސްވެރިންނަށް ރައްކާތެރި މަސައްކަތުގެ މާހައުލެއް ކަށަވަރުކޮށްދޭން މީޑިއާތަކުންވެސް އިތުރަށް މަސައްކަތް ކުރަން ޖެހޭކަން އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.

މި ދުވަހާ ގުޅިގެން އެމްޖޭއޭގެ ރައީސް އަލީ ރިފްޝާން ވިދާޅުވީ ރާއްޖޭގައިވެސް ނޫސްވެރިންނަށް އެކި ގޮތް ގޮތުން ބިރު ދެއްކުމާއި ފުރައްސާރަ ކުރުމާއި ހުރަސްއެޅުމުގެ އަމަލުތައް އަދިވެސް ހިންގަމުންދާ ކަމަށާއި އެކަންކަން ހުއްޓުވަން އެކަށީގެންވާ މަސައްކަތެއް އަދި ފޯކަސްއެއްވެސް ނުދެވޭ ކަމަށެވެ.

"ނޫސްވެރިންނާ ދެކޮޅަށް ހިންގާ ކަންކަން ރަނގަޅަށް ބެލި އިންސާފު ލިބޭކަން އިހުސާސް ކުރެވޭ ވަރަށް އިންސާފު ހޯދައި ދެވިފައެއް ނެތް. ނަތީޖާއަކީ ނޫސްވެރިންނަށް ރައްކާތެރިކަން އޮތް ކަމުގެ އިހުސާސް ނުކުރެވޭކަން،" އޭނާ ވިދާޅުވިއެވެ.

ރިފްޝާން އިތުރަށް ވިދާޅުވީ ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށް ދިނުމަށް ރާއްޖޭގައިވެސް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށާއި ދައުލަތުގެ އިދާރާތަކަށް މި ހުށަހަޅާ ހަ ކަންތައް ތަންފީޒުކޮށް އަމަލީ ސިފަ ގެނައުމަށް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލާ ކަމަށެވެ.

އެމްޖޭއޭގެ ބަޔާނުގައި ވަނީ 2014 ވަނަ އަހަރު ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި މިދިޔަ ދެތިން އަހަރެއްގެ ތެރޭ ކުރިއެރުންތަކެއް ހޯދައި ބައެއް މީހުންގެ މައްޗަށް ދައުވާ އުފުލާފައިވާތީ އެކަން ފާހަގަކޮށްފައެވެ. ނަމަވެސް ރިލްވާން ގެއްލުވާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުވާ ގިނަ ބައެއްގެ މައްޗަށް ތަހުގީގުތައް ނުހިންގި އޮތް އޮތުމަކީ ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ކަށަވަރު ނުކޮށްދެވޭ ކަމުގެ ހެއްކެއް ކަމަށް ބުންޏެވެ.

މީގެ އިތުރުން ރަހުމުކުޑަ ގޮތަކަށް 2016ގައި މަރާލި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައިވެސް އެކަށީގެންވާ ގޮތެއްގައި ތަހުގީގުތައް ނުހިންގި އެ މަރަށް އެކަށީގެންވާ ގޮތެއްގައި އިންސާފު ހޯދައިދެވިފައި ނުވުމަކީ މިފަދަ ނުރައްކާތެރި ޖަރީމާތައް ތަކުރާރުކުރުމަށް ލިބޭ ހިތްވަރެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.