ރާއްޖޭގެ ކުދި ރަށްރަށަށް ޗައިނާ މެދުވެރިކޮށް ކުދި އެމްބިއުލާންސް ތަކެއް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނަސީމު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރާ ސުވާލު ކުރައްވަމުން މެންބަރު ޝިފާއު ވިދާޅުވީ، ރާއްޖޭގެ ސިއްހީ ހާލަތު ވަރަށް ދަށު ދަރަޖައިގައި އޮއްވައި މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން ވަރަށް ގިނަ ރަށްރަށުގެ ހޮސްޕިޓަލް ތަކާއި ސިއްހީ މަރުކަޒުތަކަށް އެމްބިއުލާންސް ގެންނަވާފައިވާ ކަމަށެވެ. އެގޮތުން މިނިސްޓަރު ނަސީމަކީ ތާރީހުގައި ނަން ލިޔެވޭނެ ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އެގޮތަށް ސިއްހީ މަރުކަޒުތަކަށް އެމްބިއުލާންސް ގެނައުމުގެ ޕްރޮޖެކްޓެއް ދެން އެންމެ އަވަަހަށް ފައްޓަވާނީ ކޮންއިރަކުންތޯ، މެންބަރު ސުވާލު ކުރެއް ވިއެވެ.
ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމު ވިދާޅުވީ، ކުދި ރަށްރަށަށް ކުދި އެމްބިއުލެންސް ގެނައުމުގެ އިންތިޒާމު ހަމަޖައްސަވަމުން ގެންދަވާ ކަމަށެވެ. އެގޮތުގެމަތީން ފޮރިން މިނިސްޓްރީ މެދުވެރިކޮށް ޗައިނާއާ ވާހަކަދައްކައިގެން އެފަދަ އެމްބިއުލާންސްތައް ހެދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ބަގީ އެމްބިއުލަންސް ހަދަމުން މިދަނީ، އެއީ ކުދި ރަށްރަށަށް ބޮޑެތި އެމްބިއުލެންސް ފޮނުވީމަ އޭގެ ބޭނުން ނުކުރެވޭތީ، މަގުތަކުން އެ އެއްޗެހި ނުދުއްވޭ،" މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު