ވޯލްޑް ކަޕަށް ވަގުތު ކުޑަތަންވަނީއެވެ. ޖާޒީތައް ރިލީސްކޮށް، ކުޅިވަރުގެ ކުންފުނިތަކުން ވޯލްޑް ކަޕަށް ބުރަކޮށް މަސައްކަތް ކުރަނީއެވެ. ކުޅިވަރު ބްރޭންޑްތަކުގެ އެންމެ ބޮޑެތި ވާދަވެރިން، އެޑިޑާސް، ޕޫމާ ނައިކީ ފަދަ ކުންފުނިތަކުން އާންމުންގެ ހިތްތައް ހޯދަން މަސައްކަތް ކުރަނީއެވެ. ތަފާތު ޑިޒައިންތަކުގެ ޖާޒީންނާއި ބޫޓް ޕެކްތަކުންނެވެ. ވަކިވަކި ސްޕޮންސާޑް ކުޅުންތެރިންނަށް ހާއްސަކޮށް ބޫޓްތައް ނެރުމުގެ މަސައްކަތްވެސް ބޮޑެތި ބްރޭންޑްތަކުން ފަށައިފިއެވެ. އެއީ ކޮންމެ މުބާރާތަކުން ކުންފުނީގެ މާކެޓް އަގު މައްޗަށް ޖެއްސުމަށް ކުރަން މަޖުބޫރު ކަމެކެވެ.

ވޯލްޑް ކަޕަށް ހާއްސަ ޕެކްތަކުން އިންޓަނެޓްގެ ސަމާލުކަން ހޯދަން ފެށި ފެށުމުގައި އިއްޔެ ގިނަ ބައެއްގެ ލޯތައް އަމާޒުވީ އެޑިޑާސްގެ ޕްރިޑޭޓަ، ރަން ބޫޓަށެވެ. އެއީ ޔަގީނުންވެސް ކްލެސިކެކެވެ. ޕްރިޑޭޓާއަކީ އެޑިޑާސްއިން މިހާރު އާންމުކޮށް ނެރޭ ބޫޓް ޕެކަކަށް ވެފައި އޮތް އިރު، މިފަހަރުގެ ވޯލްޑް ކަޕަށް އެޑިޑާސް ޖެހިލީ ޕްރިޑޭޓާގެ ފެށުމަށެވެ. އެއީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕަށެވެ.

މި ބޫޓަކީ ރަމްޒީ ޑިޒައިނެއް ނަމަވެސް، ހާއްސައެވެ. ވޯލްޑް ކަޕްގައި އެޑިޑާސް ތަމްސީލު ކުރާ ކުޅުންތެރިޔަކު ބޫޓު ލާތަން ނުފެންނާނެ ކަމަށް ބެލެވުނު ނަމަވެސް، އާޖެންޓީނާ ކަހަލަ ޓީމެއް ފައިނަލްގައި ކުޅޭނަމަ، ލިއޮނެލް މެސީ ފަދަ އެޑިޑާސްގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިޔަކު، ރަން ބޫޓެއްގެ ފަރުމާގައި ނުފެންނާނެ ކަމަކަށް ނުބެނެވޭނެއެވެ.

ދެހާސް ހަވަނަ އަހަރުގެ ވޯލްޑް ކަޕަށް އެޑިޑާސްއިން ނެރުނު ޕްރިޑޭޓާއަށް ބަދަލެއްވެސް ނެތް ކަހަލަ ފަރުމާއަކާއެކު އިއްޔެ ނެރުނީ ޕްރިޑޭޓާގެ ހާއްސަ ބޫޓެކެވެ. އެއީ އޭރު އެޑިޑާސްގެ އެންމެ ބޮޑު ކްލައިންޓް، ޒައިނައްދީން ޒިދާން ވޯލްޑް ކަޕް 2006 ގައި ބޭނުންކުރި ޕްރެޑޭޓާގެ ސްޓައިލްވެސް މެއެވެ. އެ ވޯލްޑް ކަޕަކީ ޒިދާނަށްވެސް ހާއްސަވި ވޯލްޑް ކަޕެކެވެ. ފްރާންސް ޖާޒީގައި އޭނާ ކުޅުނު ފަހު މެޗަކީ 2006 ވަނަ އަހަރު ވޯލްޑް ކަޕްގެ ފައިނަލް މެޗެވެ. އެ މެޗަކީ މުޅި ވޯލްޑް ކަޕްގެ ތާރީހުގައިވެސް އެންމެ ގިނަ ބަޔަކު ހަނދާން ހުންނާނެ އެއް މެޗުވެސް މެއެވެ.

ފައިނަލް މެޗުގެ ވަކި ހިސާބަކުން އިޓަލީގެ މާކޯ މަޓެރާޒީ މޭ މަތީގައި ޒިދާންގެ ބޮލުން ޖެހި ޖެހުމުގެ ހަނދާން އެންމެންވެސް ހުންނާނެއެވެ. ޒިދާންއަށް ރެފްރީ ދެއްކި ރަތް ކާޑާއެކު ފައިބައިގެން ދިޔައީ ވޯލްޑް ކަޕް ތަށްޓަށް އެކަންޏެއް ނޫނެވެ: ފްރާންސް ގައުމީ ޓީމަށްވެސް އަލްވަދާއު ކިޔައިފައެވެ. އެ ހަނދާންތަކާ އެޑިޑާސްގެ ރަން ޕްރިޑޭޓާއާ ވަރަށް ބޮޑަށްވެސް ގުޅެއެވެ. އެޑިޑާސްގެ މަގުސަދަކީވެސް އެއީ ކަމަށް ބެލެވިދާނެއެވެ.

އެޑިޑާސްއިން ޕްރިޑޭޓާގެ ރަން ބޫޓެއް، ނާޑުވާވެސް ކުރީގެ ބޫޓުތަކުގެ ޑިޒައިންގައި ދިގުކޮށް ނެރުނީ ރަމްޒީ ގޮތަކަށް ކަމަށް ބެލެވެއެވެ. އެއީ އެޑިޑާސްއިން ވޯލްޑް ކަޕަށް، އެތުލީޓުންނަށް ހާއްސަކޮށް ޒަމާނީ ގޮތަކަށް ނެރުނީ "އަލް ރިހްލާ" ގެ ނަމުން ނަން ދީފައިވާ ބޫޓް ޕެކެކެވެ. އެ ޕެކުގައި ޒަމާނީ ކުލަވަރު ފެންނަ އިރު، ޕްރިޑޭޓާ ނެރުނީ މާކެޓިންއަށް ވިސްނައި، ހާއްސަ "ވަން ޓައިމް" ތީމެއްގައި ކަމަށް ބެލެވެއެވެ.