ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) އާއި އިންކަމް ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަނެއްކާވެސް އާންމުކޮށްފިއެވެ.
މީރާއިން މިއަދު ވަނީ ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުން، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޓެކްސް ނެގޭ މުއްދަތައް ޓެކްސް ނުދައްކާ ހުރި ފަރާތްތަކުގެ މައުލޫމާތު ވެސް އާންމުކޮށްފައެވެ.
އަދި ވަނީ ބީޕީޓީގެ ފައިސާ އަދި ފާއިތު ދެ އަހަރުގެ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ އިންކަމް ޓެކްސްގެ ބަޔާން ހުށަހަޅާފައިނުވާ ފަރާތްތަކާއި ފައިސާ ދައްކާފައިނުވާ 393 ފަރާތެއްގެ މައުލޫމާތު އާންމުކޮށްފައެވެ.
މީރާއިން ބުނީ، މައުލޫމާތު އާންމުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޓެކްސް ބަޔާނާއި ފައިސާ ދައްކާ ފަރާތްތައް ލިސްޓުން އުނިކުރަމުންދާނެ ކަމަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން ދައްކަން ޖެހޭ ޓެކުހުގެ އަދަދު އެއްފަހަރާ ދައްކަން އުޒުރުވެރިވާނަމަ، އިންސްޓޯލްމަންޓް ޕްލޭންގެ ދަށުން އެ އަދަދު ބައި ބަޔަށް ބަހާލައިގެން ދެއްކޭގޮތަށް ހަމަޖެހިގެންދާނެ ކަމަށް މީރާއިން ބުންޏެވެ.
މީރާއިން ވަނީ ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ދައްކާފައިނުވާ ފަރާތްތަކުން ލަސްނުކޮށް ޓެކްސް ދެއްކުމަށް އިލްތިމާސްކޮށްފައެވެ.
ދައުލަތަށް ދައްކަންޖެހި، ނުދައްކަވާ ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާ ކަމަށް ވެސް މީރާއިން ބުންޏެވެ. އެއީ ކޮން ފިޔަވަޅެއްކަން މީރާއިން ހާމަކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު