ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގދ. ހޯނޑެއްދޫގައި ފެށި މަސްތުވާތަކެތީގެ އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފިއެވެ.
މި އޮޕަރޭޝަންގެ ތެރެއިން މިދިޔަ މަހުގެ 28 ވަނަ ދުވަހު ހޯނޑެއްދޫ ވަލުތެރޭގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ހޯދައިފައެވެ. އަދި އެކަމާ ގުޅިގެން ކޯޓު އަމުރުގެ ދަށުން އިތުރު ތަންތަން ބަލައި ފާސްކުރަމުންދާ ކަމަށް ފުލުހުން ކުރިން ބުންޏެވެ.
މި އޮޕަރޭޝަނާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ހޯނޑެއްދޫގައި މިހާރުވެސް އެ އޮޕަރޭޝަން ކުރިއަށްދާ ކަމަށެވެ. އެހެންކަމުން އޮޕަރޭޝަނާ ގުޅޭ މައުލޫމާތު މި ވަގުތު ހިއްސާކުރެވެން ނެތް ކަމަށް ވިދާޅުވިއެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދާތާ މިހާރު ފަސް ދުވަސް ވެފައިވާއިރު މިހާތަނަށް ފެނުނީ ކިހާ އަދަދެއްގެ ޑުރަގު ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއްވެސް ނުބުނެއެވެ.