ތިމާ ސަޕޯޓްކުރާ ޓީމު ދުނިޔޭގެ އެންމެމަތީ ފަންތީގެ އެހެނިހެން ޓީމުތަކާ ވާދަކުރާތަން ބަލައިލަން ވޯލްޑްކަޕް ބާއްވާ ގައުމަކަށް ދިއުމަކީ ވަރަށް ގިނަ ފުޓްބޯޅަ ސަޕޯޓަރުންގެ ހުވަފެނެކެވެ. އެހެންނަމަވެސް މިއަހަރުގެ މިހުވަފެން ހަގީގަތަކަށް ހެދުމަކީ ވަރަށް ގިނަ ބައެއްގެ ކެރިކުޅަދާނަކަމުން ބޭރުގައިވާ ކަމެކެވެ. އަތްފޯރާ ހިސާބަށްވުރެ މާ އުހުގައިވާ ކަމެކެވެ. ނޮވެމްބަރު ވިހިވަނަ ދުވަހު ގަތަރުގައި ވޯލްޑްކަޕް ފަށާއިރު އެތަނަށް ދިއުމާއި ހުރުމާއި ކެއުމާއި ސްޓޭޑިއަމަށް ވަނުމާއި މިހެންގޮސް ހުރިހާ ކަމެއްގެ އަގު މާބޮޑީއެވެ. މިއީ ފުޓްބޯޅަ ސަޕޯޓަރުންނަށް އެންމެ އަގުބޮޑު، ބުރަބޮޑު ވޯލްޑްކަޕެވެ. ދިރާސާތަކުން ދައްކާގޮތުގައި ރިކޯޑް މިންވަރަކަށް ބޮޑީ ހަމައެކަނި މެޗު ޓިކެޓުގެ އަގެއް ނޫނެވެ. މަތިންދާބޯޓު ޓިކެޓާއި ކޮޓަރީގެ އަގަކީވެސް ރިކޯޑެކެވެ.
ގަތަރުގެ ރައްޔިތުންނާއި ގަތަރުގައި ދިރިއުޅޭ މީހުންނަށް ޑިސްކައުންޓް އަގުތަކުގައި މެޗު ޓިކެޓް ލިބޭނެއެވެ. ނުވަތަ ވަނީ ލިބިފައެވެ. އެހެންނަމަވެސް ބޭރުން އެތެރެވާ މީހަކަށް ގްރޫޕް ފިޔަވަހީގެ މެޗެއްގެ ޓިކެޓް ލިބޭނީ 70 ޑޮލަރާއި 220 ޑޮލަރާ ދެމެދުގެ އަގެއްގައެވެ. ނޮކައުޓް މެޗެއްގެ ޓިކެޓް ލިބޭނީ 600 ޑޮލަރާއި 1600 ޑޮލަރާ ދެމެދުގެ އަގެއްގައެވެ. ޑިސެމްބަރުމަހު 18 ވަނަ ދުވަހު ކުޅެވޭ ފައިނަލް މެޗުގެ ޓިކެޓްހުރީ އެންމެ ފަހުން ކުޅުނު ވޯލްޑްކަޕުގެ ފައިނަލް މެޗުގެ ޓިކެޓުގެ އަގަށްވުރެ 46 އިންސައްތަ މަތީގައެވެ. އަގުތައް ކިތަންމެ ބޮޑަސް ޓިކެޓުތައް ވަނީ ގާތްގަޑަކަށް ވިކި ހުސްވެފައެވެ. ފީފާއިން މިހާރު އައު ޕްލެޓްފޯމެއް ހަދައިގެން ކުރާކަމަކީ މެޗު ބަލަން ދެވެންނެތް މީހުންނަކީ ކޮބައިކަން ބަލައި އެމީހުންގެ ޓިކެޓް އަލުން ވިއްކުމުގެ މަސައްކަތެވެ.
މަތީގައި ބަޔާންކުރެވުނީ ޓިކެޓުގެ ކަންކަން ހުރިނެތްގޮތެވެ. ދޯހާއަށް ދިޔުމާއި އެރަށުގައި ދިހަ ދުވަހަށް ހުރުމާއި ކެއިންބުއިމަށް ޚަރަދުވާނޭ މިންވަރުގެ ދިރާސާއެއް ހަދައިލީމާ ފެންނަނީ އެމެރިކާގެ ނިއުޔޯކުން ފުރައިގެންދާ ކަމަށްވަންޏާ ކޮންމެ ދެމީހަކަށް މަދުވެގެން 5400 ޑޮލަރު ހޭދަވާނޭކަމެވެ. ޓްރަވެލް އޭޖެންޓުންނާއި ފިނޭންޝަލް ކޮންސަލްޓަންޓުން ލަފާދެނީ ވޯލްޑްކަޕް ބެލުމަށް ގަތަރަށް އެތެރެވާ ކޮންމެ މީހަކުވެސް މަދުވެގެން 9600 ޑޮލަރުގެ ބަޖެޓެއް ކަނޑައެޅުމަށެވެ. އެއީ އަދި ގްރޫޕް ފިޔަވައްސަށެވެ. ފްލައިޓުތަކާއި ހޮޓާތައް އަވަސްކަމާއެކު އޯވަރބުކް ވަމުންދާއިރު ލަފާކުރެވޭގޮތުން މުބާރާތުގެ ފަހުބައިގައި މިއަގުތައް ދެގުނަވެގެންދާނެއެވެ. އެގޮތުން މުބާރާތުގެ ފަހުބައިގެ ތެރޭގައި މިބަޖެޓް 18500 ޑޮލަރަށް އުފުލޭނޭކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ. އެއީ އިތުރު ޚަރަދާއި މެޗު ޓިކެޓްނުލައެވެ.
ވޯލްޑްކަޕް ބަލަން ގަތަރަށް އެތެރެވާ މީހަކަށް އެންމެ ޚަރަދުކުޑަ ގޮތެއްގައި ހުރެވޭނޭތަނަކީ ފޭން ވިލެޖޭ ކިޔުނު ތަނެކެވެ. މިއީ ކުޑަކުޑަ ވަގުތީ ކެބިންތަކެކެވެ. މިއިން ކެބިނެއްގައި ނިދޭނީ ގިނަވެގެން ދެމީހުންނަށެވެ. އަގަކީ ރެޔަކަށް 200 ޑޮލަރެވެ. އެނގިފައިވާ ގޮތުން ފޭން ވިލެޖުގައި މިހާރު ހުސް ކެބިނެއް ނެތެވެ. ވިކި ނިމިއްޖެއެވެ. މިކަންކަން މިހެންހުރީމާ ޔޫރަޕާއި އެމެރިކާގައި މިހާރުވެސް ގަތަރާއި ދެކޮޅު ވަރުގަދަ ކެމްޕޭނެއް ވަނީ ފެށިފައެވެ. އިންސާނީ ހައްގުތަކުގެ މައްސަލަޔާއި ސަރުކާރުގެ ނިޒާމުގެ މައްސަލަޔާއި ދީނާއި ސަގާފަތުގެ މައްސަލަޔާއި ތަނުގެ މޫސުމުގެ މައްސަލަޔާއި ވާހަކަ ދައްކާ ބަހުގެ މައްސަލަޔާއި މިހެންގޮސް ގަތަރާއި ގުޅުންހުރި ހަމަ ކޮންމެ ކަމެއް ބޮޑު މައްސަލަޔަކަށް ވަނީ ހަދައިފައެވެ.
ހުރިހާ މައްސަލަތަކެއްގެ އަސްލަކީ ހަގީގަތުގައި ގަތަރުގެ ސައިޒާއި އެކަށީގެންނުވާ ވަރުގެ ބޮޑު ކަމެއް ކުރަން ދިމާކުރުމެވެ. ވޯލްޑްކަޕަކީ މިހާތަނަށްވެސް އާބާދީބޮޑު، ސައިޒުންވެސް ބޮޑެތި ގައުމުތަކުގައި ބާއްވަމުންއައި މުބާރާތެކެވެ. ގަތަރަކީ ވޯލްޑްކަޕްގެ މުޅި ތާރީޚުގައިވެސް މި މުބާރާތް ބޭއްވޭ އެންމެ ކުޑަ ގައުމެވެ. ގައުމުގެ ސައިޒެވެ. ގައުމުގެ އާބާދީއެވެ. ވޯލްޑްކަޕް ބެލުމަށް އެގައުމަށް އެތެރެވާނޭ ކަމަށް އަންދާޒާކުރެވޭ އަދަދުވެސް ގަތަރުގެ ޖުމްލަ އާބާދީގެ ހަތަރު ގުނައަށްވުރެ މައްޗެވެ. އެހެންވީމާ އަގުތައް އުފުލުމާއި ދެންވެސް ކުރިމަތިވާންހުރި އެންމެހައި މައްސަލަތައް ހިލެމުން އުފުލެމުން ފުޅާވަމުންދަނީއެވެ. ހަގީގީ މައްސަލަތައް ފެންނަން ފަށާނީ މުބާރާތްވެސް ފެށުނީމައެވެ. އެހިސާބުން ދެން ކަންކަން ހައްލުކުރަން ވަގުތެއްވެސް ނޯންނާނެއެވެ.
ގަތަރަކީ ތެލާއި ގޭސް ފިޔަވައި އެހެން އެއްޗެއް ހުރިތަނެއް ނޫނެވެ. އުފައްދާ ތަނެއްވެސް ނޫނެވެ. އިންސާނުންނަށް ބޭނުންވާ ހުރިހާ އެއްޗެއް އެތެރެކުރާ ގައުމެކެވެ. އެހެންވީމާ މިކަހަލަ ދުވަސްވަރަކާ ދިމާކޮށް އަގުތައް އުފުލުމަކީ ނުވެނުދާނޭ ކަމެކެވެ. ބޯފެނުގެ އަގުވެސް އުފުލޭނެއެވެ. ގަތަރުގައި ހުރި އެއްޗަކީ ތެލާއި ގޭސްކަމަށްވީމާ އެއީ ފައިސާއެވެ. ބައިވަރު ފައިސާ އެބަހުއްޓެވެ. ގަތަރުގައި ވޯލްޑްކަޕް މިބާއްވަނީވެސް އޭގެ ބާރުގައެވެ. ފާޑުކިޔާ މީހުން ބުނެއެވެ. ގަތަރުން އޮތީ ފީފާވެސް ގަނެލައިފައެވެ. އެއީ ތެދަކަށް ވެދާނެއެވެ. ގަތަރުގައި ވޯލްޑްކަޕް ބާއްވަން ނިންމިއިރު ފީފާގެ ވެރީންގެ ގޮތުގައި ތިބި މީހުންގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުކުރެވި އޭގެތެރެއިންވެސް އިސްކޮށް ތިބި މީހުންގެ މައްޗަށް އެކިވަރުވަރުގެ ހުކުމްތައް ވަނީ އިއްވިފައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022