Close
އިސްލާމީ ތާރީޚު

މިއަދުގެ އިސްލާމީ ދުނިޔެއާއި އިސްލާމްދީނުގެ ސިޔާސީ ނިޒާމު - 15

އަބްދުﷲ ފާރޫގް ހަސަން

(24 އޮކްޓޯބަރުގެ އަދަދާ ގުޅޭ)

ޢަރަބީންގެ އުޒުރަކީ އެބައިމީހުންނަށް ސައިންސާއި ފަންނިއްޔާތުގެ ބާރުލިބިފައި ނުވުމެވެ. ސުވާލަކީ ޢަރަބި ޤައުމުތަކުން ދުރާލައި ބުއްދިވެރި މަޝްރޫޢުތަކެއް ނުރޭވީ ކީއްވެގެންހެއްޔެވެ. ޤުދުރަތުން އެބައިމީހުންގެ ފައިތިލަތަކުގެ ދަށުގައި ހިންގަވައިދެއްވައިފައި ކަޅުރަނުގެ މާކަނޑުން ލިބޭހައި ޑޮލަރުތަކުން އިންޑަސްޓްރިއަލް އިންޤިލާބަކަށް މަގުފަހިކުރުމުގެ ރޭވުންތައް ނުރޭވީ ކީއްވެގެންހެއްޔެވެ. ޙަޤީޤީ ބާރަކީ ޢަޒުމާއި ސާބިތުކަމާއެކު ކުރިޔަށް ފިޔަވަޅު އެޅުމެވެ. ވިއެޓްނާމާއި ކިއުބާއަކީ ސައިންސާއި ފަންނިއްޔާތުގައި އެމެރިކާއަށްވުރެ ކުރިއަރައިފައިތިބި ޤައުމުތަކެއް ނޫނެވެ. އެކަމަކު އެ ދެޤައުމުންވަނީ އެމެރިކާގެ ދަތްތައް ބުރިކޮށްލައިފައެވެ. އެ ދެޤައުމުގައި އެޅި އެމެރިކާގެ އުކުނުތައް ފިލުވައިލައިފައެވެ. އެބައިމީހުންގެ ވަރުގަދަ ޢަޒުމާއި ސާބިތުކަމުގެ ބާރުގައެވެ. ޢަރަބި ވެރީންގެ ހިތްޕުޅުތަކުގައި މުސްލިމުންގެ އެންމެފުރަތަމަ ޤިބުލަ މިނިވަންކުރެއްވުމުގެ ގަސްދެއްނެތީއެވެ. އެހެންވީއިރު ޢަރަބި ސަރުކާރުތަކާއި އެސަރުކާރުތަކުގެ އަމީރުންނާއި ރަސްރަސްކަލުންގެ އިސްތަށިފުޅުގައި ނާޤާބިލުކަމުގެ އިލްޒާމު ނާޅުވާންވީ ކީއްވެގެންތޯއެވެ؟

ޢަރަބި ސަރުކާރުތަކުގެ މައްސަލައަކީ އެ ސަރުކާރުތަކުން މުސްލިޙުން ކަތިލަމުން މުފުސިދުން ޙިމާޔަތްކުރަމުން ގެންދާކަމެވެ. މާތް اللّــه ގެ ފޮތަށާއި ކައުނަބިއްޔާގެ ސުންނަތަށް ޢަމަލުކުރާން ގޮވައިލާ ދީނީ ޖަމާޢަތްތައް ނިރުބަވެރީންގެގޮތުގައި ފަންވަތުޖަހަމުން ގެންދާކަމެވެ.

جـمــال عــبـدالـنّــاصـــر ން ފެށިގެން حـسنِـى مـبــارك އާ ހަމަޔަށްވެސް "އުންމަތަށްކުރި ޚިދުމަތަކީ" އެއީއެވެ. ގަލްފުގެ ޤައުމުތަކުގެ އަމީރުންވެސް އެބޭފުޅުންގެ ޒާތީ މަޞްލަޙަތުތަކަށްޓަކައި ގެންދަވަނީ އެ ޖަރީމާތަކަށް ތާއީދުކުރައްވަމުންނެވެ. الإخـــوان المسلـميــن ގެ ކުށަކީ މާތް اللّــه ގެ ފޮތް ކީރިތި ޤުރްއާނަށް ދަޢުވަތުދިނުމެވެ. ޢަރަބި ޤައުމިއްޔަތާއި ސޯޝިއަލިޒަމްގެ ބަދަލުގައި އިސްލާމްދީން ދައްކާ މަގުން ހިނގާން ބޭނުންވުމެވެ. ޤައުމުވެސް އެމަގުން ހިންގާން ބާރުއެޅުމެވެ. إخـــوان ންވަނީ ބާރުހުރި އިސްލާމީ އަދަބިއްޔާތުތަކެއް ތައްޔާރުކޮށްފައެވެ. ޙަރާމް ކަންތައްތައް ހަލާލުކުރާންއުޅޭ ބޭދީނީ އަދި ހުޅަނގުގެ އަވާމެންދުރުގެ އަސަރުގައި ޖެހިފައިތިބޭ އިޝްތިރާކީ ވިސްނުމުގެ އަދީބުންނާ ކުރިމަތިލުމަށްޓަކައި ފެންވަރު ރަނގަޅު ދީނީ ލިޓްރެޗަރހުރި ބަޔަކީ ހަމައެކަނި إخـــوان ންނެވެ. إخـــوان ން އެބައިމީހުންގެ ދީނީ އަދި ޢިލްމީ ޚިދުމަތްތަކަށް މުޅި ޢަރަބި އުންމަތް އިޢުތިރާފު ކުރުވައިފައެވެ. ހުޅަނގެ ތަހްޒީބުން "ދެގެފައި" ތިބޭމީހުން (ގެންގުޅެ ބޮޑުކޮށްފައި ތިބޭމީހުން) ގެ ސަރުކާރުތަކަކަށް އެކަން ބަރުދާހެއް ނުކުރެވެއެވެ. އެހެންކަމުން އެމަތިވެރި ދީނީ ތަޙްރީކުގެ އިސްވާރުންނަށްޓަކައި އެބައިމީހުން ތައްޔާރުކުރީ ބަޑިބޭހުގެ ފަލީތަކެވެ.

ޙަމާސް އުފެއްދީ ފަލަސްޠީނުގެ ޖިހާދަށްޓަކައެވެ. އިސްރާއީލާ ހަނގުރާމަ ކުރުމަށްޓަކައެވެ. އިޚްވާނުންނާއި އިޚްވާނުންނާ އެއްފިކުރެއްގެ މީހުންނެވެ. އެކަމުގައި ބޭނުންވާ ޤުރްބާނީތައް ވުމަށްޓަކައެވެ. އެބައިމީހުންގެ މުހިންމަތަކީ مسجــد الأقــصــــى މިނިވަންކުރުމެވެ. ފަލަސްޠީނު މިނިވަންކުރުމެވެ. ޝައްކެއްނެތެވެ. އެކަމެއްގެ މަޤްޞަދަކީ ދީންކުރިއެރުވުމާއި ޝަރީޢަތް ދިރުވައި ތަންފީޒުކުރުންކަމުގައިވާ ކޮންމެކަމަކީ ދެޙަރަމް ބޮޑުކުރުމާއި ޙައްޖާއި ޢުމްރާގެ ކަންތައްތައް އިންތިޒާމުކުރުމަށްވުރެ މުހިންމުކަން ކުޑަކަމެއްނޫނެވެ. ތިރީގައި އެދެއާޔަތެއްގެ މާނަ މިބަޔާންކުރާ ދެއާޔަތުން އެނގޭފަދައިންނެވެ.

"ޙައްޖުވެރީންނަށް ބޯފެންދީ، ޙުރުމަތްތެރިވެގެންވާ މިސްކިތް ފަޅުފިލުވައި، ބަލަހައްޓައިއުޅޭ މީހަކާއި، اللّــه އަށާއި، އާޚިރަތްދުވަހަށް އީމާންވެ، اللّــه ގެ މަގުގައި ޖިހާދުކޮށްއުޅޭ މީހަކާ ދެމީހުން، އެއްފަދަކަމަށް ތިޔަބައިމީހުން ހަދަނީހެއްޔެވެ؟ اللّــه ގެ ޙަޟުރަތުގައި އެދެބައިމީހުން ހަމަހަމައެއް ނުވާނެތެވެ. އަނިޔާވެރި ބަޔަކަށް اللّــه ތެދުމަގެއް ނުދައްކަވާނެތެވެ. އީމާންވެ، ހިޖުރަކޮށް، اللّــه ގެ މަގުގައި އެއުރެންގެ މުދާތަކާއި ނަފުސުތަކުން ޖިހާދުކޮށް އުޅުނުމީހުންނީ اللّــه ގެ ޙަޟުރަތުގައި ދަރަޖަ އެންމެ މަތިވެރިވެގެންވާ މީހުންނެވެ. އަދި އެއުރެންނީ ހަމަ ނަސީބު ލިބިގެންވާ މީހުންނެވެ." (الــتــّــوبــــة: 19، 20)

މި މާތް ދެ އާޔަތުންވަނީ ފައިޞަލާކުރަނިވި ޙުކުމެއް އިއްވަވައިފައެވެ. މިޒަމާނުގައި އިސްރާއީލާ ދެކޮޅަށް ޖިހާދުކުރުމާއި، މުސްލިމުންގެ އެންމެފުރަތަމަ ޤިބްލަ المـسجــد الأقــصــــى މިނިވަންކުރުމުގެ މަސައްކަތުގެ މަޤާމާއި ދަރަޖަ ޙައްޖުގެ މަނާސިކުތަކާއި، ޙައްޖުގެ ކަންތައް އިންތިޒާމުކޮށް ބެލެހެއްޓުމަށްވުރެ މާ މަތިވެރިއެވެ. އެމަތިވެރި އިސްލާމީ ޚިދުމަތްކުރާ މީހުންނާ ދެކޮޅުވެރިވުމާއި އެބައިމީހުންނަކީ ނިރުބަވެރީންކަމުގައި ހެދުމަކީ ޖަރީމާއެކެވެ. ޙަޤީޤަތުގައި މުސްލިމުންގެ ގާތުގައި ލޮބުވެތި ޤާއިދުންނަކީ އިސްލާމީ މިއްލަތުގެ މަތިވެރި އިސްވާރުންނަކީ المـسجــد الأقــصــــى މިނިވަންކުރައްވާން އުޅުއްވާ މުޖާހިދުންނެވެ. سلطــان صــلاح الــدّيــــن الأيّـــوبـــــى رحــمـه اللّــه އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ މަޤްޞަދެއްކަމުގައި ހެއްދެވީ އެމަތިވެރި ޖިހާދެވެ. صــلاح الــدّيــــن ގެ ހިތްޕުޅާއި ސިކުނޑިފުޅަށް ވެރިކުރައްވައިފައިވަނީ އެކަމުގެ ފިކުރެވެ. ރެއެއް ދުވާލެއްނެތި ރޭއްވެވީ އެކަމުގެ މަޝްރޫޢުތަކެވެ. އެކަލޭގެފާނުގެ ޖިހާދީ މަސައްކަތްޕުޅާއި އެކަމަށް ބޭނުންފުޅުވާ ތަކެތި އުފައްދަވާން ކުރެއްވި ބުރަ މަސައްކަތްޕުޅުން ޞަލީބީންގެ އުނަގަނޑު ބިންދައިލެއްވިއެވެ.

ނަމަވެސް މިހާރު ޢަރަބި ދައުލަތްތަކުގެ އާލުފިރުޢައުނުންނާއި، އާލުޞަބާޙުންނާއި، އާލުނަހްޔާނުންނާއި އާލުސުޢޫދުން ފަދަ ތާޖާއި ތަޚުތުގެ ވެރީންގެ ހުސްއެކަނި ފިކުރުފުޅަކީ އެބޭފުޅުންގެ ވެރިކަން ޤާއިމުކުރެއްވުމުގެ ފިކުރެވެ. އިސްލާމްދީން ކުރިއަރުއްވައި ނަޞުރުވެރި ކުރެއްވުމުގެ ވިސްނުންފުޅެއްނޫނެވެ. އެބޭފުޅުން ހިންގަވަމުން ވަޑައިގަންނަވަނީ سلطــان صــلاح الــدّيــــن الأيّـــوبـــــى ގެ ފިޔަވަޅުފުޅުތަކުގެ އަސަރުތައް ބައްލަވައިގެންނެއް ނޫނެވެ. سلطــان صــلاح الــدّيــــن ހިންގެވި މަގުން ހިންގަވާ އެއްވެސް ޙާކިމެއް އަމީރެއް ނުވަތަ ސުލްޠާނެއް އިސްލާމީ ދުނިޔެއަކު މިހާރަކު ނުއުޅުއްވައެވެ.

އުންމަތުގެ ޢާލިމުންގެ ޒިންމާ

މިޙާލަތުގައި އިސްލާމީ ޢިލްމުވެރީންގެ ޒިންމާއަކީ އެބޭކަލުންގެ ކެރިވަޑައިގަންނަވާކަން ސާބިތުކޮށްދެއްވުމެވެ. ޢާންމުކޮށް އިސްލާމީ ޤައުމުތަކުގެ ވެރީން ޚާއްޞަކޮށް ޢަރަބި ޤައުމުތަކާއި ގަލްފުގެ ޤައުމުތަކުގެ ވެރީން އެބޭފުޅުންގެ ޒިންމާތަކާމެދު ސަމާލުކުރެއްވުމެވެ. އެބޭފުޅުން އަޅުއްވަމުންގެންދަވާ ކަތިފިޔަވަޅުފުޅުތައް ސީދާކޮށްދެއްވުމެވެ. އެބޭފުޅުންނަކަށް އެމެރިކާއާއި އިސްރާއީލުގެ ނިރުބަވެރިކަމެއް ވިސްނިވަޑައެއް ނުގަންނަވައެވެ. އެކަމަކު ޙަމާސާއި އެނޫންވެސް ދީނީ ޖަމާޢަތްތަކުގެ "ނިރުބަވެރިކަން" އެބޭފުޅުންގެ ދުރުމީގެ ލޯފުޅުތަކަށް ނިކަން ސާފުކޮށް ފެނިވަޑައިގަންނަވައެވެ. ބޮޑެތި ބާރުތަކުގެ ނިރުބަވެރިކަމުގެ ވާހަކަތަކާމެދު އެބޭފުޅުންގެ ދޫފުޅުތަކުގައި ހުންނަނީ ބޮޑުތަޅުއެޅުވިފައެވެ. ޢަރަބި އަމީރުންގެ ހިތްޕުޅުތަކަކަށް ދުވަހަކުވެސް جــهـــاد فـِــى سـبــيــل اللّــه ގެ ޚިޔާލުފުޅެއް ނާދެއެވެ. އެބޭފުޅުން ނިރުބަވެރިކަމާބެހޭ މަހާސިންތާތަކާއި ކޮންފަރެންސުތައް އިންތިޒާމު ކުރައްވަނީ ބޮޑެތި ބާރުތަކުން އަންގާ އެންގުންތަކާ ގުޅިގެންނެވެ. މުސްލިމުންނާއި އިސްލާމީ ޖަމާޢަތްތައް ބަދުނާމުކުރެއްވުމަށްޓަކައެވެ. ޢަރަބި ރަސްރަސްކަލުންގެ ދަރުބާރުތަކުން ދަޢުވަތު ލިބިވަޑައިގަންނަވާއިރަށް ސޫފީންނާއި ސާލިކުންގެ ހުރިހައި ޝައިޚުންނާއި އިމާމުންނާއި ޢާލިމުންވެސް އަވަސްއަވަހަށް ފޮށިތަންމަތި ބަންނަވައި ފުށުފޭލިކުނަލާއި ލިޔާގަލަންދާންކޮޅުތައް ކިހިލިޖައްސަވައިގެން އެދިމާޔަށް މިސުރާބު ޖައްސަވައެވެ. ސަލާންޖަހާ ބައެއްގެ ބީދައިން ނާށިގަނޑު ހިއްޕަވައިގެންނެވެ. ޢަރަބި އަމީރުންނާއި ސުލްޠާނުންގެ ދީލަތިފުޅު ހަދިޔާތަކުން އެބޭކަލުންގެ "ސަލާމްޖައްސަވާ ނާށިތައް" ފުރައިދެއްވާނެކަމުގެ އުންމީދާއެކުގައެވެ. ނިރުބަވެރިކަމާ ދެކޮޅަށް ކަރުދާސްތައް ހުށަހަޅުއްވައި ތަޤްރީރު ކުރައްވައި މަޒުމޫނު ލިޔުއްވައިދެއްވުމަށްޓަކައެވެ. އެއިން އެއްވެސް ބޭކަލަކަށް ޙައްޤު ބަސްފުޅެއް ވިދާޅުވާކަށެއް ކެރިވަޑައެއް ނުގަންނަވައެވެ. ދީނުގެ ޢިލްމުވެރީންނަށް ޙައްޤު ބަސްފުޅު ވިދާޅުވާން ކެރިވަޑައިނުގަންނަވާ ކަމުގައިވާނަމަ ބަސްނުމޮށެވޭ ސޫފިތަކާ އެބޭކަލުންނާހުރި ފަރަޤަކީ ކޮބައިތޯއެވެ؟ އެންމެމާތް ޖިހާދާވީ ފަރާތް ފިޔަވައި އެހެންފަރާތަކަށް އެބޭކަލުން މޫނުފުޅު އަނބުރައިލައްވަވަނީ ނޫންތޯއެވެ. އުންމަތުގައި އެބޭކަލުންގެ މަސްއޫލިއްޔަތު ހަނދުމަފުޅު ނައްތައިލައްވައި މަޤާމުގެ ޝަރަފާއި ކަރާމަތް ފުރަގަހަށް އެއްލައިލައްވަނީ ނޫންތޯއެވެ؟

މިޒަމާނުގެ ޢަރަބި ދައުލަތްތައް - އިސްލާމްދީން އެދޭ އުސްމިނަށްވުރެ މާ ތިރީގައި

ޖޯގްރަފީގެ ޢާލިމަކާ ޙަވާލުކޮށްގެންވިޔަސް މުޅި އިސްލާމީ އުންމަތް މިންކުރަމާ ހިންގަވާށެވެ. މުޅި އުންމަތުގައިވެސް އިސްލާމީ ނިޒާމު އެދޭމިންގަނޑަށް ފެތޭވެރިޔަކު ހުންނެވިތޯ މިންއަޅުވަމާ ހިންގަވާށެވެ. މުސްލިމު ވެރީންގެ ތެރެއިން ހާހަކުން ދިހައެއްގެ ނިސްބަތުންވިޔަސް އެފަދަ ވެރީން ހޮވައިލެވޭނެކަމެއް ނޭނގެއެވެ. މިހުންނެވީ ޑިކްޓޭޓަރެކެވެ. އެހުންނެވީ ދައުލަތުގެ ޚަޒާނާއަކީ އަމިއްލަފުޅު ގޭގެ ކޮށާރުކަމުގައި ބައްލަވާ ބޭފުޅެކެވެ. އޭނާ އެޚަޒާނާ ތަޅުއްވައި ބުރުއްސަވަނީ އޭނާއާއި އޭނާގެ ޢާއިލާގެ ސުފުރާކޮޅުމައްޗަށާއި ނާޗަރަންގީއަށެވެ. އެއޮތްމަގުން އެހެރަވަޑައިގަންނަވަނީ ޤައުމުގައި ފެށޭ ކޮންމެ އިޞްލާޙީ އިސްލާމީ ޙަރަކާތެއްގައި ޗޭނު ޖައްސަވާ ބޭފުޅެކެވެ. ޤައުމުގެ ނިޒާމު ޝަރީޢަތުގެ މިންގަނޑަށް ފައްތަވަން ދަޢުވަތު އެރުވިއްޖެކަމުގައިވާނަމަ އެކަމާ އުޅުނުބަޔަކު ނިރުބަވެރީންކަމުގައި ހައްދަވައި އަށިގެއަށްލައްވާ އަމީރެކެވެ. ތެދުފުޅެކެވެ. ދުނިޔޭގެ ކޮންމެވެސް ކަންކޮޅެއްގައި ހަތަރުފަރާތުން ތެދުއުއިއަރާ އިސްލާމީ ވެރިޔަކު ހުންނަވައިވެސްފާނެއެވެ. އެއީ މުސްތަޙީލުކަމެއް ނޫނެވެ.

އެންމެބޮޑު ހިތާމަޔަކީ ޑިކްޓޭޓަރޝިޕް އޮންނަ އިސްލާމީ ޤައުމުތަކުގެ ދަންނަބޭކަލުންވެސް ގުރާމޮށޭގޮތަށް ވެރީންގެ އަޑުފުޅުދަށުން ވާހަކަފުޅު ދައްކަވާކަމެވެ. އިސްލާމީ ޢިލްމުވެރީންގެ ޙަޤީޤީ ސިފަޔަކީ ޖެހިލުންވެވަޑައިނުގެންނެވުމެވެ. ވެރީންދެކެ ބިރުފުޅުގެން ވަޑައިނުގެންނެވުމެވެ. ޙައްޤުބަސް ވިދާޅުވުމުގެ ވާޖިބު އަދާކުރެއްވުމެވެ. އެބޭކަލުން ޒާތީ މަންފާއަށް އިސްކަންދެއްވައި ކަންފަސޭހަކޮށްލައްވާކަމީ ހިތާމަހުރި ކަމެކެވެ. އެފަދަ ޢިލްމުވެރީންގެ ނަމަކީ ޢުލަމާއުއްސޫއުއެވެ.

މުސްލިމު ޢިލުމްވެރީންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. މުސްލިމަކު ކޮންމެވެސްތަނެއްގައި އެކަހެރީން ދިރިއުޅެމުން ގެންދާއިރު ނުވަތަ މުސްލިމުންގެ އަޣުލަބިއްޔަތެއް ނެތްތަނެއްގައި އަޤައްލިއްޔާތެއްގެ ތެރޭގައި އުޅެމުންގެންދާއިރު މުސްލިމެއްގެ އިންފިރާދީ ދިރިއުޅުމެއްގެ ޙުކުމްތަކުން އޭނާއަށް ފުއްދައިލެވިދާނެއެވެ. އެކަމަކު ކޮންމެވެސް ޤައުމެއްގައި މުސްލިމުން އަކްސަރިއްޔަތެއްގެ ޙައިސިއްޔަތުން ދިރިއުޅެމުންގެންދާކަމުގައިވާނަމަ އެތަނެއްގައި އުޅޭ ކޮންމެ މުސްލިމެއްގެ އިސްލާމިއްޔަތުގެ ދާއިރާވެސް އިސްލާމީ އިޖްތިމާޢީ ދާއިރާތަކަށް ތަނަވަސްވެއެވެ. ހުސްއެކަނި ދީނުގެ ޢަޤީދާތަކަށް އިޢުތިރާފުވެ އަޅުކަމުގެ ރަސްމުތައް އަދާކޮށްލައިގެނެއް ފަރަކުނުޖެހެއެވެ. މުސްލިމު އާބާދީއެއް އޮންނަ ޤައުމެއް އިސްލާމީ ރިޔާސަތަކަށް ނުވެއްޖެކަމުގައިވާނަމަ އަދި އެޤައުމެއްގައި އިސްލާމީ ޤާނޫނު ތަންފީޒުކުރެވެމުން ނުދާކަމުގައިވާނަމަ އެއީ އިސްލާމްދީން ހުއްދަކުރާގޮތެއް ނޫނެވެ. މިއީ ދުނިޔޭގެ ދީންތަކުގެ ތެރެއިން އިސްލާމްދީނުގެ އިމްތިޔާޒީ ސިފައެކެވެ. އިސްލާމީ ޤައުމުތަކުގައި ޝަރީޢަތް ތަންފީޒުކުރުވުމުގެ ޙަރަކާތްތައް ހިނގަނީ އެހެންވެގެންނެވެ. ދާޚިލީ އަރައިރުންތައް ފެށެނީ އިސްލާމީ ޤައުމުތަކުގެ ވެރީން ހުޅަނގުން ތަރުބިޔަތު ލިބިވަޑައިގެން ތިއްބެވުމާއެކުވެސް ގޮށްމުށުބާރުގެ ބޭނުންކުރައްވައިގެން އެ ޙަރަކާތްތައް ހިންދައިލައްވައި ނައްތައިލައްވާން ބަނޑުފުޅާއި ބުރަކަށިފުޅުން އަޑުކިޔާވަރަށް ހިއްޕަވަމުން ގެންދަވާތީއެވެ.

(ނުނިމޭ)