ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އާއި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މި ބިލު ފާސްކުރީ ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން 50 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު އެ އޮތް ގޮތަށް ފާސްކުރަން ނުފެންނަ ކަމަށް 19 މެންބަރުން ވޯޓު ދެއްވިއެވެ.

މި ބިލަކީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލެކެވެ. ބައެއް މެންބަރުން ބިލަށް އިސްލާހު ހުށަހެޅުއްވި ނަމަވެސް ބިލު ފާސްކުރީ ހުށަހެޅި އިރު، އޮތް ގޮތަށް އެއްވެސް ބަދަލެއް ނުގެނެސްއެވެ.

ބިލަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި މިހާރު ނަގަމުން އަންނަ ހަ ޕަސެންޓްގެ ޖީއެސްޓީއާއި 12 ޕަސެންޓްފެ ޓީޖީއެސްޓީ އަންނަ ޑިސެމްބަރު މަހުގެ 31ގެ ނިޔަލަށް ނަގާ ގޮތަށް ބިލުގައި ހިމަނާފައިވާ ގޮތް ބަދަލުކޮށް 31 ޑިސެމްބަރުގެ ފަހުންވެސް އެ ރޭޓުން ޓެކްސް ނަގަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ހުށަހެޅުއްވި އިސްލާޙު ހިމެނެއެވެ.

އޭގެ އިތުރުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްވެސް ބިލަށް ތިން އިސްލާހެއް ހުށަހެޅިއެވެ. އޭގެ ތެރޭގައި 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ބިލުގައި ހިމަނާފައިވާ ޓީޖީއެސްޓީ 14 ޕަސެންޓަށް ބޮޑުކުރުމަށް ހަމަޖެއްސުމާއި ޓީޖީއެސްޓީ ޓޫރިސްޓް ގެސްޓްތަކުގެ މައްޗަށް ނުހިންގާ ގޮތަށް ހެދުން ހިމެނެއެވެ. ނަމަވެސް އެއިން އެއްވެސް އިސްލާހެއް ފާހެއް ނުވިއެވެ.

މުޅި މަޖިލީހުގެ ކޮމިޓީން މި ބިލު ފާސްކުރުމުން ދެން ބިލު ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. މަޖިލިސް ތަޅުމުގައި ބިލު ފާސްކުރަން ވޯޓަށް އަހާނީ އަދި އިތުރަަށް އެ ބިލަށް ބަހުސް ކުރުމަށްފަހުއެވެ.