މިފްކޯއިން މަސް ގަންނަ އަގު ހިފެހެއްޓުމަށް ދޭ ސަބްސިޑީގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި 250 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވީ އިގުތިސާދީ ވިލުންވެރިކަން އިތުރުކޮށް، ސިންދަފާތުކުރުމަށް ދަނޑުވެރިކަމާއި މަސްވެރިކަމަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކޮށްފައިވާ ކަމަށެވެ.

އެގޮތުން ދަނޑުވެރިންނަށް ދިމާވެފައި ހުރި ދަތިތައް ހައްލުކޮށްދީ، އުފައްދާ ތަކެތި ފަސޭހައިން ބާޒާރަށް ނެރެވޭނެ އެއް މަގަކީ އެގްރޯނެޓް ކަމަށާއި އެ ކުންފުނިން، ރަށްރަށުގައި ޑިސްޓްރިބިއުޝަން ސެންޓަރުތަކާއި އަވިން އުފައްދާ ހަކަތައިން ފިނިކޮށްދޭ ކޯލްޑް ސްޓޯރޭޖްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މަސްކިރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް، އިތުރު ކޯލްޑް ސްޓޯރޭޖް ފެސިލިޓީތައް ގާއިމުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ. އަދި މިފްކޯއިން މަސްގަންނަ އަގު ހިފެހެއްޓުމަށް ދޭ ސަބްސިޑީއަށް 250 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.