ޚަބަރު

ތިންވަނަ ކުއާޓަރުގައި އެސްޓީއޯއަށް 4.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް

މުހައްމަދު އިޝާން

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އަށް 4.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

އެސްޓީއޯއިން މިރޭ އާންމުކުރި މިދިޔަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން އެ ކުންފުންޏަށް ދެވަނަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި 458 މިލިއަން ރުފިޔާ ލިބުނުއިރު ތިންވަނަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 515 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓާއާ އަޅައި ބަލާއިރު 13 ޕަސަންޓުގެ ކުރިއެރުމެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެކުންފުނީގެ ޖުމްލަ ފައިދާ އިތުރުވި ސަބަބަކީ އެ ކުންފުނިން ކުރަމުން ގެންދާ ވިޔަފާރިތައް ރަނގަޅު ކުރެވި، މުދާ ގަތުމަށް ކުރާ ހަރަދު ކުޑަކުރެވިފައިވުމުން ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން ބުނީ، މިއަހަރުގެ ދެވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 217 މިލިއަން ރުފިޔާ ލިބުނުއިރު ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 255 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

އެއީ ދެވަނަ ކުއާޓާއާ އަޅައި ބަލާއިރު 18 ޕަސަންޓުގެ ކުރިއެރުމެއް ކަމަށް އެސްޓީއޯއިން ބުންޏެވެ. ތިންވަނަ ކުއާޓަރުގައި އާމްދަނީ އިތުރުވީ ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވެފައި، ހިންގުމުގެ ހަރަދު ކުޑަކުރެވުމުގެ ސަބަބުން ކަމަށް އެސްޓީއޯއިން ބުންޏެވެ.

ދުނިޔޭގެ ތެލުގެ ބާޒާރުގެ އަގު މަތިވުމާއެކު ފައިނޭންސް ކުރުމުގެ ހަރަދު އިތުރުވި ނަމަވެސް ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމުންނާއި ހިންގުމުގެ ހަރަދު ނިސްބަތުން ކުޑަކުރެވުމުގެ ސަބަބުން ސާފު ފައިދާ އިތުރުވެފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.

ދެވަނަ ކުއާޓަރުގައި ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 155 މިލިއަން ރުފިޔާ ލިބުނު ނަމަވެސް ތިންވަނަ ކުއާޓަރުގައި އަށް ޕަސަންޓުގެ އިތުރުވުމަކާއެކު ސާފު ފައިދާ 158 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.