އަޔާޒް އަހުމަދު (އަޔާ) ހެދި ހެޓްރިކާއެކު ކްލަބު ވެމްކޯ ބަލިކޮށް، ޓީމް ފެނަކަ ކްލަބު މޯލްޑިވްސް ކަޕްގެ ފައިނަލަށް ފުރަތަމަ ފަހަރަށް ދަތުރު ކުރި އިރު، ދެވަނަ ސެމީ ފައިނަލް ޖަޒުބާތީ ގޮތެއްގައި ކާމިޔާބުކޮށް، އެމްޕީއެލްވެސް ފައިނަލް ޔަގީންކޮށްފިއެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ އޮފީސްތަކުގެ ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލުގައި މީގެ ކުރިން ފެނަކައިން ކުޅެފައެއް ނުވެއެވެ. އެމްޕީއެލްއަކީ މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ޓީމެވެ. އެ ޓީމުން ތިން ފަހަރު ޗެމްޕިއަންކަން ނަގާފައިވެއެވެ. އެހެން ނަމަވެސް މިފަހަރުގެ ފައިނަލް ވެގެންދާނީ މިދިޔަ ފަސް ވަރަކަށް އަހަރު ދުވަހު އެ ޓީމުން ކުޅޭ ފުރަތަމަ ފައިނަލަށެވެ.
ސެމީ ފައިނަލް ފުރަތަމަ މެޗުގައި ރޭ ފެނަކައިން ވެމްކޯ ބަލިކުރީ 5-3ގެ ނަތީޖާއަކުންނެވެ. މެޗަށް ފެނަކަ ނުކުތީ ކުއާޓާ ފައިނަލުގައި ދިވެހި ސިފައިން ކްލަބު ބޮޑު ތަފާތަކުން ބަލިކޮށްފައެވެ. އަނެއްކޮޅުން ސެމީގެ ފުރަތަމަ މެޗަށް ނުކުތް ވެމްކީ ވަނީ ކުއާޓާ ފައިނަލުގައި އެންމެފަހުގެ ޗެމްޕިއަން އާރްއާރްސީ ކަޓުވާލައިފައެވެ.
ތަރިންގެ ދެ ޓީމުން ކުޅުނު ސެމީ ފެނުނީ ފޯރި ގަދަކޮށެވެ. ފެނަކައިގެ ސަޕޯޓަރުން ކެނޑި ނޭޅި "ޓީމް ފެނަކަ، ފެނަކަ، ފެނަކަ،" ގެ އަޑުން ޓީމަށް ތަރުހީބު ދެމުންދިޔަ އިރު، މެޗުގެ ވަރުގަދަކޮށް ފެށީވެސް އެ ޓީމުންނެވެ. ހާއްސަކޮށް ފޯމުގައި ހުރި އަޔާގެ ފަރާތުން ފުރަތަމަ 15 މިނެޓު ތެރޭގައިވެސް ހެޓްރިކެއް ފެނިގެން ދިޔައެވެ.
އެ ގޯލުތަކުގައި ވެމްކޯގެ ފަހަތުން ހެދި ގޯސްތައް ވަރަށް ބޮޑަށް ފާހަގަވެގެން ދިޔައެވެ. ހާއްސަކޮށް އެ ޓީމުން ކުރިއަށް ޖެހި ޑޮމިނޭޓްކޮށް ކުޅެން މަސައްކަތްކުރާ ވަގުތު ފެނަކައިން ހަލުވި ކައުންޓާތަކެއް ފުރިހަމަކުރިތަން ފެނިގެން ދިޔައެވެ.
ފުރަތަމަ ހާފުގައި އިތުރު ގޯލެއް ނުޖެހި ނިންމާލަން ޖެހުނު އިރު، ދެވަނަ ހާފަށް ނުކުމެ، ވެމްކޯއިން ކުޅުން ރަނގަޅުކޮށް ހަމަލާތައްވެސް އުފެއްދިއެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި އައިހަމް އަހުމަދު (އައިހު)ގެ އިތުރުން އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އަދި ޓީމުގެ އިރާން ކުޅުންތެރިޔާ އަލީ ހޮދަދާދީ ޖެހި ބާރު ހަމަލާތައް މަތަކުރީ ފެނަކައިގެ ގޯލު ބަލަހައްޓަމުން ދިޔަ ޒައިދާން އަބްދުﷲ (އަސޫ) އެވެ.
އެ ފުރުސަތުތަކުގެ ބޭނުން ނުހިފިގެން ދިޔުމާއެކު އަނެއްކޮޅުން ފެނަކަ އަނެއްކާވެސް ކުރިއަށް ޖެހިލިއެވެ. ކޯނަރަކަށް އަރައި ހުސައިން ޝަރީފް (އޮންލީ)، ފެނަކައިގެ ހަތަރުވަނަ ގޯލު ޖެހި އިރު، އޭގެ އިރުކޮޅެެއް ފަހުން މެދުން ކުރިއަށް ޖެހި އޭނާގެ ދެވަނަ ގޯލުވެސް ޖެހިއެވެ. މިހާތަނަށް މުބާރާތުގައި އޮންލީ ވަނީ 12 ގޯލު ޖަހައިފައެވެ. ފައިނަލާ ހަމައަށް ފެނަކަ ދިޔައިރު، މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީވެސް އޮންލީއެވެ.
މެޗުގެ ފަހު ހަތް ވަރަކަށް މިނެޓަށް ދިޔައިރު، ދެ ޓީމުވެސް އޮތީ ފަސް ފައުލް ހަމަވެފައެވެ. ފައުލް ހަމަވެ، ފެނަކައަށް ތިން ޕެނަލްޓީ ލިބި ނާކާމިޔާބުވި އިރު، އަނެއްކޮޅުން ވެމްކޯއަށް ލިބުނު ދެ ޕެނަލްޓީގައި އަބްދުﷲ ޝައްފާން (ޝާކާ) ޖެހި ބޯޅަތައްވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ.
މެޗުގެ ފަހުކޮޅުގައި ވެމްކޯއިން ހިތްވަރުކޮށް، މެޗަށް އަނބުރާ ވަނުމަށް މަސައްކަތްތަކެއްކޮށް ތިން ގޯލު ފުލުފުލުގައި ކަހަލަ ގޮތަކަށް ޖެހިއެވެ. އޭގެ ތެރެއިން ދެ ގޯލު ފޭދޫ އިއްބެ ޖެހި އިރު، އަނެއް ގޯލު ޖެހީ ޝާކާއެވެ.
އެޗްޑީސީއާއި އެމްޕީއެލް ވާދަކުރި ސެމީ ފައިނަލް ނިމިގެން ދިޔައީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި އެމްޕީއެލް މެޗު ކާމިޔާބުކުރީ 6-7ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ތިން ގޯލުވެސް ޖެހީ އެޗްޑީސީންނެވެ. ފަސް ވަނަ މިނެޓުގައި އެޗްޑީސީއަށް ލީޑު ނަގައިދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. ލީޑުގައި އޮވެ ފުރަތަމަ ހާފު ނިންމާލި އެޗްޑީސީން ދެވަނަ ހާފުގައި ކުޅުން އިތުރަށް ރަނގަޅުކޮށް، ދެ ގޯލު ޖެހިއެވެ. ނާއިޒު ހަސަން (ދާދު) ގެ އެ ދެ ގޯލާއެކު ފައިނަލް ޔަގީންވީ ކަމަށް ބެލެވުނު ނަމަވެސް އެމްޕީއެލުން ފަހު ތިން މިނެޓު ތެރޭ ތިން ގޯލު ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. ތިން ގޯލުވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ، އަލީ ހައިސަމް (ޗުމްޕު) އެވެ.
މެޗުގެ ފަހު ސިކުންތުކޮޅު ފެނުނީވެސް ތަފާތު ގޮތަކަށެވެ. އެޗްޑީސީން ލީޑުގައި އޮވެ މެޗު ނިމެން ދެ ސިކުންތައް ވެފައި އޮއްވައި، އެމްޕީއެލްގެ ގޯލްކީޕަރު އިސްމާއިލް ފާތިހު (ތާޑޭ) އެއްލި ބޯޅަ ގޯލަށް ވަނީ އިތުރު ކުޅުންތެރިޔަކު ގައިގައި ނުޖެހި ކަހަލަ ގޮތަކަށެވެ. އެކަމާ އެޗްޑީސީން ޝަކުވާކުރި ނަމަވެސް ރެފްރީ ނިންމީ ބޯޅަ ގޯލަށް ވަނީ ޗުމްޕު ބޮލުގައި ޖެހިފައި ކަމަށެވެ.
ރޭގެ ސެމީ ފައިނަލް މެޗަށްވެސް އެމްޕީއެލުން ވަނީ ޕެނަލްޓީއަށް ހާއްސަކޮށް ތާޑޭގެ ބަދަލުގައި ވިޝާން އަބްދުލް މަޖީދު ގޯލްކީޕަރަށް ނެރެފައެވެ. އެޗްޑީސީންވެސް ވަނީ ޕެނަލްޓީއަށް ގޯލްކީޕަރު ބަދަލުކޮށްފައެވެ. ފައްޔާޒު ފަޔާޒު (ފައިއްޓެ)ގެ ބަދަލުގައި ދެވަނަ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ ޕެނަލްޓީއަށް ނެރެފައެވެ.
އެމްޕީއެލްގެ ގޯލްކީޕަރު ވިޝާން ދެ ޕެނަލްޓީ މަތަކުރި އިރު، އެޓީމުން މޮޅުވި ޕެނަލްޓީ ވައްދާލީ އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ.
ކްލަބު މޯލްޑިވްސް ކަޕްގެ ފޯރިގަދަ ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ރޭގައެވެ.